21 Jul 2013, 14:51
ގ. ވޭރު އަބްދުލް މުހީތު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުގެ ދިފާއުގައި އޭނާގެ މަންމައާ ބައްޕަ ހެކިބަސް ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން މުޝައްފައުގެ ބައްޕަ ސ. މަރަދޫ ސަލްޓަންވިލާ އަބްދުﷲ އިބްރާހީމް ބުނީ މުހީތު މަރާލި ރޭ 11:00 ޖެހިއިރު ގެއަށް ދިޔަގޮތަށް މުޝައްފައު އެއްވެސް ގޮތަކަށް ބޭރަށް ގޮސްފައިނުވާ ކަމަށެވެ.
އަބްދުﷲ އިބްރާހީމް ބުނީ އޭނާ އާއި މުޝައްފައުގެ މަންމަ ދަންވަރު 3:00 ޖަހަންދެން އޮތީ ސިޓިންރޫމްގައި ޓީވީ ބަލަން ކަމަށާއި ގެއަށް ވަތްފަހުން މުޝައްފައު ބޭރަށް ނުދާކަން އޭނާ އަށް ޔަގީންވާ ކަމަށެވެ.
ހެކިބަސް ދެމުން މުޝައްފައުގެ މަންމަ ސ. މަރަދޫ ކީމިޔާގޭ ޒުބައިދާ އަލީ ބުނީ މުހީތު މަރާލި ދުވަސް އޭނާ އަށް ނޭނގޭ ކަމަށާއި އޭނާ މަރާލިކަން އެނގުނީ ވެސް ޓީވީގެ ޚަބަރުން ކަމަށެވެ.
ޒުބައިދާ ބުނީ މުހީތު މާރާލި ރޭ އޭނާ އާއި މުޝައްފައުގެ ބައްޕަ އޮތީ ސިޓިންރޫމްގައި ޓީވީ ބަލަން ކަމަށާއި ގަޑިން 12:00 ޖެހުމާ އެކު އޭނާ އެތަނުގައި އޮވެ ނިދީ ކަމަށެވެ.
ނިދުމުގެ ކުރިން އެތަށް ފަހަރަކު މުޝައްފައު ކޮޓަރީގައި ހުންނަ ފާޚާނާ އަށް އޭނާ ދިޔަ ކަމަށާއި އެކޮޓަރިއަށް ވަންނަ ކޮންމެ ފަހަރަކު ވެސް މުޝައްފައު ނިދާފައި އޮއްވާ އޭނާ އަށް ފެންނަ ކަމަށް ވެސް ޒުބައިދާ ބުންޏެވެ.
މުހީތު މަރާލި ތާރީޚު ނޭނގޭއިރު އޭނާ މަރާލި ރޭ ހިނގި ކަންތައް އެނގުނީ ކީއްވެގެންތޯ ދައުލަތުން ސުވާލު ކުރުމުން މުޝައްފައުގެ މަންމަ ޒުބައިދާ އަށް އެ ސުވާލަށް ޖަވާބުނުދެވުނެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މުޝައްފައުގެ ދައްތަ ސ. މަރަދޫ ސަލްޓަންވިލާ އާމިނަތު ނުޒުހާ ވެސް ވަނީ ހެކިބަސް ދީފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.
މުޝައްފައުގެ އިތުރުން މުހީތުގެ މަރުގެ މައްސަލައާ ގުޅިގެން ދައުވާ އުފުލައިފައި ވަނީ ގދ. ގައްދޫ އަބްލަޢީގޭ މުހުޖަތު އަހްމަދު ނާސިހް އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.
މުހީތު މަރާލުމުގެ ކުށުގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.