21 Jul 2013, 14:31
ދިވެހި ދައުލަތުންދޭ އެންމެ މަތީ ލަގަބު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެރުވުމާއި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގައި ފާހަގަކުރެވޭ ފަރާތްތަކަށް އިއްޒަތް އެރުވުން އޮންނާނީ މި އަހަރުގެ ޖުލައި 26ގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ބޭފުޅުންނަށް އިއްޒަތް ދިނުން އޮންނާނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭގަނޑު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަަށާއި އެ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތަކަށް ފަހު ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބްކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އިއްޒަތް އެރުވުމަށް ހަމަޖައްސަވާފައިވާ ހުރިހާ ބޭފުޅުންނަކީ ކޮބައި މުޅިން އަދި ކަނޑައެޅިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން ގެންދާ ގައުމީ އިނާމް ދިނުމުގެ ޖަލްސާ މި އަހަރު ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ އޮގަސްޓް 15ގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގައުމީ އިނާމުގެ ތެރޭގައި ހިމެނޭނީ ޝަރަފްގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމުގެ އިތުރުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް ދެމުން އަންނަ އިނާމެކެވެ.