ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެކަނާ އެކު ބަދުއަޚުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ދައުލަތުގެ ފަރާތުން އަލީ ހަމީދު ބަދުއަޚުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ ހުށަހަޅާފައި ވަނީ އެ ވީޑިއޯ ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ އިންފްރާސްޓްރަކްޗާ ފްރޮޖެކްޓް އެޑްވައިޒަރު އަހްމަދު ފާއިޒުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވާތީ އެ މައްސަލަ އޭނާ އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ވިދާޅުވީ ފުލުހުން ފާއިޒު ހައްޔަރު ކުރީ ރީތި ބީޗް ރިސޯޓުގެ މާލޭ އޮފީސްތެރޭގައި އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ހިމެނޭ ހާޑުޑިސްކެއް ވިއްކަން އުޅެނިކޮށް ކަމަށެވެ.

އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ފާއިޒުގެ އަތުން ފެނުނު ހާޑު ޑިސްކުގެ ތެރެއިން އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ ކްލިޕްތަކެއް ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯތަކެއް ފެނިފައިވާ އިރު އެ ވީޑިއޯ ވިއްކަން ރީތި ބީޗް ރިސޯޓުގެ މާލޭ އޮފީހަށް އޭނާ ދިޔުމުގެ ކުރިން ކޮށްފައިވާ ފޯން ކޯލްގެ ރެކޯޑިން ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ.

އެ ފޯންކޯލްތަކުން އެނގުނު ގޮތުގައި ފާއިޒު އެ ވީޑިއޯ ވިއްކަން ފުރަތަމަ އުޅުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި ނަމަވެސް އޭނާގެ ދަރިފުޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތުމުން ވީޑިއޯ ވިއްކަން ރީތި ބީޗް ރިސޯޓުގެ މާލޭ އޮފީހަށް ދިޔައީ ޖެހިގެން އައި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެސް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި އެވެ.

ރީތި ބީޗް ރިސޯޓުގެ މާލޭ އޮފީސްތެރެއަށް ފާއިޒް ވަތް އިރު ނަގާފައިވާ ވީޑިއޯ ފްޓޭޖްތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ވާހަކައާ ގުޅިގެން ފާއިޒު ވިދާޅުވީ އެ އޮފީހަށް އޭނާ ދިޔައީ ދަރިފުޅު ބަލިވެ އުޅޭތީ ބޭސްފަރުވާ އަށް ފައިސާ ހޯދަން ކަމަށެވެ.

އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ފާއިޒު އަތުން ފެނުނު އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯ ކްލިޕްތަކަކީ ކޮޕީއެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަމާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރުމުން ޖަވާބުދޭން ބޭނުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށް ބުނެ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދީފައި ނުވާ ކަމަށް ވެސް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ އެ މައްސަލައަކީ އެތައް ބައެއްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކަށްވާ އިރު ހައްޔަރުކޮށްގެން ފުލުހުން ގެންގުޅެނީ އޭނާ އެކަނި ކަމަށެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައި ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ. އެވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހައްޔަރު ކުރާ މީހާގެ ސިއްހީ އަދި ޖިންސްމާނީ ހާލަތަށް ބަލާ އިރު ކޯޓަށް ހާޒިރު ކުރެވެން ނެތުމުން މީގެ ކުރިން ވެސް އެމީހާގެ ޣައިރު ހާޒިރުގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފާއިޒުގެ ހާޒިރުގައި މުއްދަތުގެ މަޖިލީސް ކުރިއަށް ދަނިކޮށް އޭނާގެ ނޭފަތުންނާ އަނގައިން ލޭ އަންނަން ފެށުމުން އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ. ނަމަވެސް އެވަގު އޭނާގެ ވަކީލު މުއްދަތު މަޖިލީހުގައި އިންނެވި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު އޭނާ އަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކާއި ޣައިރު ގާނޫނީ އެއްވުމެއްގައި މައްސަލައެއްގެ އިތުރުން ވަގު ނޫޓުގެ މައްސަލައެއްގައި އޭނާ މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައެއްގައި ފާއިޒު އުމުރަށް ޖަލަށް ލުމަށް ވެސް މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ފާއިޒު މިއަދު ޝަރީއަތުގައި ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރުމުން ގާނޫނީ ވަކީލެއް ހޯދުމަށް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ ވަކީލެއްގެ ގޮތުގައި އަބްދުﷲ ހަސީން ކޯޓަށް ވަޑައިގަތީ އޭނާ އަމިއްލަ އަށް އެދިގެން ކަމަށެވެ.