އަތޮޅު އޮފީސްތަކާއި ރަށު އޮފީސްތައް ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ބޭފުޅުން ކަމަށްވާ ކައުންސިލަރުން ތިއްބަވައިގެން ލޯކަލް ކައުންސިލްގެ އިންތިޚާބު ބާއްވަން ޖާގަ ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.


ފުއާދު މިއަދު ސަންއެފްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އަތޮޅު އޮފީސްތަކާއި ރަށު އޮފިސްތައް ހިންގަން ތިބެން ޖެހޭނީ ސިވިލް ސާވިސް އިން ކަނޑައަޅާ ޒިންމާދާރު ވެރިން ކަމަށް ލޯކަލް ކައުންސިލްގެ އިންތިޚާބާ ބެހޭ ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އެހެން ކަމުން ކޮމިޝަންގެ ރައީސް ކަމުގައި އޭނާ ހުންނަވަނިކޮށް ގާނޫނާ ޚިލާފަށް، މަޖުބޫރީ ހާލަތެއްގައި އެގޮތަށް އިންތިޚާބު ބާއްވަން ޖާގަ ނުދެއްވާނެ ކަމަށެވެ.


"އަޅުގަނޑު މި މަގާމުގައި ހުރެގެން ގާނޫނާ ޚިލާފަށް، މަޖުބޫރީ ހާލަތެއްގައި އެކަމެއް ނުކުރާނަން. މިނިވަން އިންސާފުވެރި އިންތިޚާބަކަށް ބޭނުންވާ މާހައުލެއް އޮތްކަން ޔަގީން ކުރުމަކީ އިލެކްޝަނުން ކުރަން ޖެހޭ ކަމެއް. އޮފިސްތައް ހިންގަން ސިޔާސީ ބޭފުޅުން ތިއްބަވާ ނަމަ އެ މާހައުލު އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ފުއާދު މިއަދު ވިދާޅުވި އެވެ.


ފުއާދު ވިދާޅުވީ މި މައްސަލައިގައި ސަރުކާރުން ދޫ ނުދެއްވައިފި ނަމަ މަގާމުން އިސްތިއުފާ ދެއްވަން ވެސް ޖެހިލުންވެ ވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް ފުރަތަމަ މަސައްކަތް ކުރައްވާނީ ސަރުކާރާ ވާހަކަ ދައްކަވައިގެން ހައްލެއް ހޯއްދަވަން ކަމަށެވެ. އެގޮތުން އެ މަސައްކަތް މިއަދުން މިއަދަށް ވެސް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.


‹އޮފީސްތައް ހިންގަން ކައުންސިލަރުންނަކަށް ނުތިއްބެވޭނެ. ސަރުކާރުން ދޫ ނުދެއްވައިފި ނަމަ އެ ކަމުން އިންތިޚާބަށް އަސަރު ކުރާނެ›


އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި މައްސަލައިގައި ދޫ ނުދެއްވައިފި ނަމަ އިންތިޚާބަށް އަސަރު ކުރުން ގާތް ކަމަށާއި އެ ގޮތުން އިނަތިޚާބު ބޭއްވުމާ މެދު ވެސް އަލުން ވިސްނާވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައަށް ބަލާ އިރު އިންތިޚާބަށް އެކަށީގެންވާ އަމާން އަދި މިނިވަން މާހައުލެއް އޮތްތޯ ޔަގީން ކުރުމަކީ ސީދާ އިލެކްޝަނާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ. ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތައް ހިންގަން އިސް ވެރިންގެ ގޮތުގައި ކައުންސެލަރުން ތިއްބަވާ ނަމަ އެ މާއަހުލު ގާއިމު ވެފައި އޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް  އޭނާ ވިދާޅުވި އެވެ.


"ސަރުކާރުން މި މައްސަލައިގައި ދޫ ދެއްވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އިންތިޚާބު ބޭއްވޭނީ އެ ކަމަށް ބޭނުންވާ މާހައުލު އޮވެގެން. އިންތިޚާބުގެ ދުވަސްވަރުގައި ރަށު އޮފީސްތަކާއި އަތޮޅު އޮފިސްތައް ހިންގަން ކައުންސިލަރުންނަކަށް ނުތިއްބެވޭނެ. ސަރުކާރުން ދޫ ނުދެއްވައިފި ނަމަ އެ ކަމުން އިންތިޚާބަށް އަސަރު ކުރާނެ،" ފުއާދު ވިދާޅުވި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ކައުންސިލަރުންގެ މަގާމުތައް އުވުން ބަޔާންކުރާ 28 ވަނަ މާއްދާގައި ބުނެފައި ވަނީ "މި ގާނޫނުގެ ދަށުން އެއްވެސް އިންތިހާބެއް ބޭއްވުމަށް އިއުލާންކޮށްފި ނަމަ، އެ އިންތިހާބަކަށް އިއުލާންކުރާ ދުވަހުން ފެށިގެން އެ އިންތިހާބެއް ނިމެންދެން، އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލެއްގެ އިހުތިސާސްގެ ދާއިރާގެ ތެރޭގައި އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނާނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒަފެކެވެ،" މިހެންނެވެ.


އިންތިހާބެއް އޮންނަ ސަރަހައްދެއްގެ އެންމެ އިސް މީހަކަށް ހުންނާނީ އެ ދާއިރާއަކަށް ނިސްބަތްވާ ރަށެއްގެ ރަށު އޮފީހުގެ ޒިންމާދާރު ވެރިޔާ ކަމަށް ސީއެސްސީ ން ވެސް އިއުލާނުކޮށްފައި އޮއްވައި ސަރުކާރުން ވަނީ ތަފާތު ނިންމެވުމެއް އާންމު ކުރައްވާފަ އެވެ. ހޯމް މިނިސްޓްރީން ރަށު އޮފީސްތަކަށާއި އަތޮޅު އޮފީސްތަކަށް މިދިޔަ ބުރާސްފަތި އަންގާފައި ވަނީ، ސީއެސްސީގެ ނިންމުން އެގޮތަށް އައިސްފައިވީ ނަމަވެސް، ލޯކަލް އިންތިހާބު ނިމެންދެން އެ ދާއިރާއެއް ހިމެނޭ ރަށު އޮފީހުގެ އިސް ވެރިއަކީ އެ އޮފީހެއްގެ ކައުންސިލަރު އަދި އަތޮޅު އޮފީހުގެ އިސް ވެރިއަކީ އަތޮޅު ކައުންސިލަރު ކަމަށެވެ.


"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ ދަށުން އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލެއްގެ އިހުތިސާސްގެ ދާއިރާގެ ތެރޭގައި އެންމެ އިސް މުވައްޒަފެއްގެ ގޮތުގައި ހުންނާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒަފެއް ކަމުގައި ވީ ނަމަވެސް ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތައް ހިންގެވުމާ ހަވާލުވެ ހުންނަވާ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނަވާނީ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން ކަމުގައި ދަންނަވަން،" އެ ސިޓީގައިވެ އެވެ.