21 Jul 2013, 13:28
ތޭވީސް ހާހަށް ވުރެ ގިނަ ރުފިޔާއާ އެކު ވަގަށް ނެގި ތިޖޫރީއެއް ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ބާޒާރުމަތީގައި ހުންނަ "މެޓްރޯ ކެފޭ"ގެ ތިޖޫރީ މި މަހުގެ 19 ވަނަ ދުވަހު ވަގަށް ނެގި މައްސަލައާ ގުޅިގެން ދެ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އުމުރުން 25 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ އިރު، ވަގަށް ގެންދިޔަ ތިޖޫރީ ފެނިފައި ވަނީ 33 އަހަރުގެ މީހާ ދިރިއުޅޭ ގޭގެ ބެލްކަނީގައި ބަހައްޓާފައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތިޖޫރީ ފެނުނު އިރު، އޭގައި ހުރި ފައިސާ އާއި މުހިންމު ލިޔެކިޔުންތައް ހުރި ކަމަށެވެ. އަދި ތިޖުރީ ފެނުނު އިރު، ތިޖޫރީ ހުޅުވަން މަސައްކަތް ކޮށްފައި ހުރި ނަމަވެސް ތިޖޫރީ ހަލާކުކޮށްލާފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ތިޖޫރީ ފެނުމުން 25 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވާ ކަމަށާއި އަދި 33 އަހަރުގެ މީހާ ހައްޔަރު ކުރީ ތިޖޫރީ އޭނާ ދިރިއުޅޭ ގެއިން ފެނުނު ފަހުން ކަމަށެވެ.
ތިޖޫރީ ހޯދުމަށް ފަހު އޭގެގެ ވެރިފަރާތާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.