21 Jul 2013, 13:06
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޓޭޓް ގާސިމް އިބްރާހީމްގެ ތަރުޖަމާން ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިބްރާހީމް ހަލީލު އިސްތިއުފާ ދެއްވައިފި އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވީޓީވީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާ ހަލީލް މިއަދު ވިދާޅުވީ މީޑިއާ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދެއްވީ ޖުމްހޫރީ ޕަޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިސްތަރުޖަމާނުގެ މަގާމަށް ހަމަޖެއްސުމުގެ އިތުރުން އޭނާ އަދާކުރައްވަން ޖެހިވަޑައިގެންނަވާ އެހެން މަސައްކަތްތަކަށް ފުރުސަތު ދެއްވަން ބޭނުންފުޅުވާތީ ކަމަށެވެ.
ހަލީލް އިސްތިއުފާގެ ސިޓީ މިއަދު މީޑިއާ ކައުންސިލަށް ވެސް ވަނީ ހުށަހަޅުއްވައިފަ އެވެ.
ހަލީލް ވިދާޅުވީ މީޑިއާ ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ދައުރު ހަމަވަންދެން އޭނާ ހުންނަވާނީ އެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. އަދި ސިޔާސީ ޕަޓީއެއްގެ އިސްސަފުގައި ހަރަކާތްތެރިވަމުން މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވުމަށް އެ ކައުންސިލްގެ ގަވާއިދުގައި ވެސް ތަންނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމްގެ ތަރުޖަމާނަކަށް ހަމަޖެހިގެން ދިއުމަކީ ވެސް އިސްތިއުފާދޭން ޖެހުނު އެއް ސަބަބު، މީޑިއާ ކައުންސިލްގެ ރައީސް ކަމުގައި ހުރުމަށް ވުރެ ބުރަ އެހެން މަސައްކަތްތަކެއް ހުރުމުން އިސްތިއުފާ ދިނީ. އަނެއް ކޮޅުން އަޅުގަނޑު އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި އެއް އަހަރު ހިދުމަތް ކޮށްދީފިން، އެ ކައުންސިލްގެ ދައުރަކީ ދެ އަހަރު. އެހެންވެ އެހެން ބޭފުޅަކަަށް ރައީސް ކަން ކުރުމުގެ ފުރުސަތު ވެސް ދިނުން ބޭނުމަކީ، ކައުންސިލްގެ މެމްބަރަކަށް ސިޔާސީ ޕާޓީއެއްގެ އިސް ސަފުގައި ހަރަކާތްތެރި ނުވެވޭނެ ކަމަކަށް ގަވާއިދުގައި ނޯވެ،" ހަލީލް ވިދާޅުވި އެވެ.