ދުނިޔޭގެ އެންމެ ބޮޑު އެއް ފަރު، އޮސްޓްރޭލިޔާގެ ގްރޭޓް ބެރިއާ ރީފަށް އެމެރިކާ އިން ހަތަރު ބޮމެއް ވައްޓާލައިފި އެވެ.

އޮސްޓްރޭލިއަން ޑިފެންސް ފޯސް (އޭޑީއެފް) އިން ބުނީ ގްރޭޓް ބެރިއާ ރީފަށް ބޮންތަކެއް ވައްޓާލާފައި ވަނީ އޭޑީއެފް އަދި އެމެރިކާގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދާ ތަމްރީންތަކެއްގެ ތެރޭގައި ކުރިމަތި ހާދިސާއެއްގައި ކަމަށެވެ.

އޭޑީއެފްއިން ބުނީ މިބޮންތަކަކީ ޓައުންސެންޑް އައިލެންޑުގައި ހުރި ރޭންޖަކަށް އަމާޒުކޮށް ވައްޓާލުމަށް އެމެރިކާގެ އޭވީ-8ބީ މަރުކާގެ ހެރިއާ ޖެޓްތަކަކުން މަސައްކަތް ކުރި ބޮންތަކެއް ކަމަށެވެ.

މިގޮތުން އޭވީ-8ބީ މަރުކާގެ ދެޖެޓެއްގައި 225 ކިލޯގުރާމްގެ ބަރުދަން ހުންނަ ހަތަރު ބޮން ޓައުންސެންޑް އައިލެންޑަށް ވައްޓާލަން އެތައް ފަހަރެއްގެ މަތިން ކުރި މަސައްކަތް ނާކާމިޔާބުވެ، ޖެޓުތަކުން ތެޔޮ ހުސްވާން ފެށުމުން ޖެޓުގެ ޕައިލެޓުން ނިންމީ ޖެޓުތައް ސަލާމަތްކުރުމުގެ ގޮތުން ބޮންތައް ގްރޭޓް ބެރިއާ ރީފަށް ވައްޓާލުމަށް ކަމަށް އޭޑީއެފްއިން ބުނެ އެވެ.

"ބޮންތައް ހިފައިގެން ޖެޓުތައް ތިރިކުރަން މަސައްކަތް ކުރި ނަމަ، ބޯޓުތައް ވެއްޓޭނެ. ބޮންތައް ހިފައިގެން ޖައްސަން ބޭނުންވާ ވަރަށް ޖެޓުތަކުގައި ތެލެއް ނެތް. އެހެން ކަމުން ޖެޓުތައް ސަލާމަތްކުރުމަށް ޓަކައި ބޮންތައް ވައްޓާލަން ޕައިލެޓުން ނިންމީ" އޭޑީއެފްގެ ތަރުޖަމާނަކު ސްކައި ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އޭޑީއެފްއިން ބުނީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ގުްރޭޓް ބެރިއާ ރީފަށް މިބޮންތައް ވައްޓާލުމުން ގެއްލުމެއް ނުލިބޭނެ ކަމަށާއި ބޮންތައް ވައްޓާލާފައި ވަނީ ނުގޮވާނެ ކަން ޔަގީންކުރުމަށް ފަހުގައި ކަމަށެވެ.

މިބޮންތައް ފަރުން ނެގުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގާނެ ކަމަށް އޭޑީއެފްއިން ވަނީ ބުނެފަ އެވެ.
މިހާދިސާ ހިނގާފައި ވަނީ އޭޑީއެފް އަދި އެމެރިކާގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދާ "ޓެލިސްމާން ސޭބާ" ތަމްރީނުގެ ތެރެއިންނެވެ.

މިތަމްރީންތަކުގައި އޮސްޓްރޭލިިޔާ އަދި އެމެރިކާގެ 28،000 ސިފައިން ދަނީ ބައިވެރިވަމުން ނެވެ.