21 Jul 2013, 11:56
މަދްޔާ ޕްރަދޭޝް (ޖުލައި 21): ސްވިސްޓްޒަރލޭންޑްގެ އަންހެނަކު އިންޑިޔާގައި ރޭޕްކުރި މައްސަލައިގާ ތުހުމަތު ކުރެވުނު އިންޑިޔާގެ ހަ މީހެއްގެ މައްޗަށް ކުށްސާބިތުވެގެން އެމީހުން އުމުރަށް ޖަލަށް ލުމަށް އިންޑިޔާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.
މިޖަރީމާ ހިންގާފައި ވަނީ މިދިޔަ މާޗް މަހު އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ މަދްޔާ ޕްރަދޭޝްގަ އެވެ. މަދްޔާ ޕްރަދޭޝްގެ ފުލުހުން ބުނާ ގޮތުން އެސްޓޭޓްގެ ރަށްފުށުގެ ސަރަހައްދެއްގައި ފޭލިގެއެއް ޖަހައިގެން މިއަންހެން މީހާ އޭނާގެ ފިރިމީހާއާ އެކު އުޅެމުން ދަނިކޮށް އެފޭލިގެއަށް ހަ މީހަކު ހަމަލާދީ އެތަނަށްވަނުމަށް ފަހު އަންހެން މީހާ ރޭޕްކުރީ އެވެ. އަންހެންމީހާ ރޭޕްކުރީ އޭނާގެ ފިރިމިހާ ބަނދެފައި ބެހެއްޓުމަށް ފަހުގައި ކަމަށް ތަޙްގީގުތަކުން ހާމަވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިއަންހެން މީހާ ރޭޕްކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ދަޢްވާއުފުލި އިންޑިޔާގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އެހީތެރިޔާ ރާޖެންދްރަ ޓިވާރީ ވިދާޅުވީ މިޖަރީމާ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު ހަ މީހުންގެ މައްޗަށް ވެސް ކުށްސާބިތުވެފައި ވާތީ އުފާކުރައްވާ ކަމަށާއި މިއީ ޢަދާލަތަށް ލިބުނު ކާމިޔާބީ އެއްކަމުގަ އެވެ. މި ހަ މީހުންގެ މައްޗަށް ކުރެވުނު ހުކުމްތަކުގެ ސަބަބުން އިންޑިޔާގެ ޝަރުޢީ ދާއިރާގެ އިތުބާރު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސްވިސްޓްޒަރލޭންޑްގެ އުމުރުން 39 އަހަރުގެ މި އަންހެންމީހާއަކީ ފަތުރުވެރިއެއްގެ ގޮތުގައި އިންޑިޔާ އަށް އައި މީހެއް ކަމަށްވެ އެވެ. (ރޮއިޓާސް)