21 Jul 2013, 11:50
ސާކް ސަމިޓަށް ދައުލަތުން ހަރަދު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ހުއްދަ ދިން އަދަދަށް ވުރެ އިތުރަށް "ފިތް ކަނޑައިގެންދާ ވަރަށް" އެމްޑީޕީގެ ސަރުކާރުގައި ހަރަދުކޮށްފައިވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން އިންތިޒާމުކޮށްގެން ރޭ އާޓިފިޝަލް ބީޗުގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމިން ވިދާޅުވި ގޮތުގައި ސާކް ސަމިޓަށް ދައުލަތުން ހަރަދު ކުރުމަށް 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން މަޖިލީހުން ހުއްދަ ދިނީ 231 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް ސާކް ސަމިޓަށް އެމްޑީޕީގެ ސަރުކާރުން 800 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން ހުއްދަ ދިން އަދަދަށް ވުރެ ބޮޑުކޮށް އެމްޑީޕީގެ ސަރުކާރުގައި ސާކް ސަމިޓަށް ހަރަދުކޮށްފައިވާ ކަަން ހާމަ ވަނީ އޮޑިޓް ރިޕޯޓުތަކުން ކަމަށެވެ.
ޔާމިން ރޭ ވިދާޅުވީ އެ އޮޑިޓް ރިޕޯޓުތައް ހުރީ "ފާޅުވާ ހިސާބުގައި" ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ދައުލަތުން ފޮނުވައިގެން މި ފާސް ކުރީ 231 މިލިއަން ރުފިޔާ. ސާކް ސަމިޓުގެ ހަރަދުތައް ނިމިގެން އޮޑިޓް ކުރެވިގެން، އޮޑިޓް ރިޕޯޓް މިހާރު އަޅުގަނޑުމެގެން އަތް މަތީގައި، ނޫނިއްޔާ މިއޮތީ ފާޅުވާ ހިސާބުގައި. ސަރުކާރުން [ސާކް ސަމިޓަށް] ހޭދަކޮށް ނިންމީ 800 މިލިއަން ރުފިޔާ. 231 މިލިއަން ހުއްދަ ދިން ކަމެއް، މި ނިންމީ 800 މިލިއަނުން،" މާލިއްޔަތު ކޮމެޓީގެ މެންބަރު ޔާމިން ވިދާޅުވި އެވެ.
އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓަށް މަޖިލީހުގެ ހުއްދަ ނެތި 800 މިލިއަން ރުފިޔާ ހަރަދު ކުރުމުގައި ހިޔާނާތާއި ކޮރަޕްޝަން އެކުލެވޭ ކަމަށް ޔާމިން ތުހުމަތު ކުރެއްވި އެވެ. ގާނޫނާ ހިލާފަށް އެމްޑީޕީގެ ސަރުކާރުން ހަދަރުކޮށްފައިވުމުން ސަރުކާރުން މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި މަޖިލީހުން އެކަން ބަލަންޖެހޭނެ ކަަމަށް ޔާމިން ވިދާޅުވި އެވެ.