21 Jul 2013, 11:29
ސުޕަހީރޯއިންގެ ގޮތުގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ދެކެރެކްޓާ ކަމަށްވާ ބެޓްމޭން އަދި ސުޕަމޭން އެކުގައި ފެންނަ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
ސުޕަމޭންގެ އެންމެ ފަހުގެ ފިލްމު "މެން އޮފް ސްޓީލް"ގެ ޑިރެކްޓާ ޒެކް ސްނައިޑާ ބުނީ ސުޕަމޭން އަދި ބެޓްމޭން ފިލްމަކުން އެކުގައި ވަރަށް އަވަހަށް ފެންނާނެ ކަމަށާއި ފިލްމެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއެގޯގައި ކުރިއަށްދާ ކޮމިކް ކޮންވެންޝަންގައި ވާހަކަ ދައްކަމުން ސްނައިޑާ ބުނީ މިހާރު ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ލަފާކުރެވޭ ގޮތުގައި މިފިލްމުގެ ޝޫޓިންގެ މަސައްކަތް ފަށާނީ މިއަންނަ އަހަރުގެ ތެރޭގަ އެވެ. އަދި ފިލްމު 2015ގެ ޖުލައި އެހާ ތާގައި ރިލީޒްކުރެވޭނެ ކަމަށް ބީބީސީ އިން ބުނެ އެވެ.
ސުޕަމޭން އަދި ބެޓްމޭންގެ ފިލްމުތައް ޕްރޮޑިއުސްކޮށްފައިވާ ވާނާ ބްރޯސް އިން ވެސް ވަނީ މިދެކެރެކްޓާ އެކުގައި ފެންނަ ފިލްމެއްގެ މަސައްކަތް ފަށާފައިވާ ކަން ޔަގީންކޮށްދީފަ އެވެ.
މިފިލްމުގައި ސުޕަމޭންގެ ބައި ކުޅޭނީ "މެން އޮފް ސްޓީލް"ގައި ވެސް އެރޯލްގައި ފެނުނު އިނގިރޭސި ތަރި ހެންރީ ކެވިލް ކަމަށް ވާނާ ބްރޯސް އިން ބުނެ އެވެ. ނަމަވެސް ބެޓްމޭންގެ ބަޔަށް އަދި މީހަކު ހަމަޖެހިފައިނުވާ ކަމަށްވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ސުޕަމޭން އަދި ބެޓްމޭންގެ މަގުބޫލުކަމާ އެކު މިފިލްމަކީ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ އެއް ފިލްމަށް ވެގެންދާނެ އެވެ.
ސުޕަމޭންގެ އެންމެ ފަހުގެ ފިލްމު "މެން އޮފް ސްޓީލް" އަދި ބެޓްމޭންގެ އެންމެ ފަހުގެ ފިލްމު "ދަ ޑާކް ނައިޓްް ރައިޒަސް" އަށް ލިބުނު ފައިދާ އެއްކޮށްލުމުން އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.