ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު އަނެއްކާ ވެސް ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭ 10:30 އެހާކަންހާއިރު ގަމުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނިޒާރުގެ މަރާ ގުޅިގެން ރޭ ހައްޔަރު ކޮށްފައި ވަނީ އުމުރުން 27 އަހަރުގެ މީހެކެވެ.
ނަމަވެސް އެ މީހާއާ ބެހޭ އިިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެ މައްސަލައާ ގުޅިގެން ޖުމްލަ ފަސް މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ އިރު، އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރު ކުރި އެންމެންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ދަންވަރު ނިޒާރަށް ބަޔަކު ހަމަލާދީފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުގަ އެވެ.

ފުލުހުން ބުނީ އޭނާ އަށް ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި ހާދިސާ ހިނގިތަނުން ޖާޒީބައެއް ފެނިފައިވާ ކަމަށެވެ.