08 Nov 2010, 10:41
ރައީސް ނަޝީދު ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު އިސްކޮށް ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވާލުމަކީ ވަރަށް ބޮޑަށް ކުއްވެރިކުރާ ކަމެއް ކަމަށް އިދިކޮޅު ޑީއާރުޕިން ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވަމުން ގެންދަނީ ސީދާ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ބައެއްކަމުން މަޖިލީހުގައި އެންމެ ފުރަތަމަ އިސްކަމެއް ދޭންވާނީ ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކަށް ކަމަށާއި އެމްޑީޕީން ހިތްހަމަނުޖެހޭ މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ކޮންމެ ފަހަރަކު މަޖިލީހުގެ ޖަލްސާތައް ހުއްޓުވިގެން ނުވާނެ ކަމަށެވެ.
"އެއްވެސް ހާލެއްގައި ކެބިނެޓް އިސްތިއުފާ ދިނީކީ އަޅުގަނޑުމެން ކުރި ކަމަކުންނެއް ނޫން. އަމިއްލަފުޅަށް މޮޅު ސްޓަންޓެއް ޖެއްސުމަށް ކުރެއްވިކަމެއް އެއީ. ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާހިސާބަށް އައިމާ ކޮންމެ ދުވަހަކު އެ ވިދާޅުވާ ހަތަރުލައްކަ ރުފިޔާ ރައްޔިތުންގެ ބަޖެޓުން ބޭކާރު ގޮތުގައި އެއްލާލަމުން ދާކަމީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް،"
މަހްލޫފު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އެއީ ގާނޫނު އަސާސީއާ ތައާރަޒުވާ އަކުރެއްނޫން ކަމަށާއި، ވަޒީރުންނަށް ރުހުންދިނުމުގައި އެ އަކުރަށް އަމަލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ރައްޔިތުންނަށް އޮޅުވައިލުމަށް އެމްޑީޕީ މެންބަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަކީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މެންބަރުން ގަނެވޭނެ ކަމުގެ ފޮނި އުއްމީދުގައި ކުރާކަމެއް ކަމަށް ވެސް މަހްލޫފު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ކުރިއަށް ގެންދެވޭނީ، ޖަލްސާތައް ހުއްޓުވުމަށް މަޖިލީހުގެ މަސްލަހަތާއި ނިޒާމު ގެއްލުވާލާ މެންބަރުން ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އެޅިހެގެން ކަމަށާއި ހާޒިރުނުވާ މެންބަރުންގެ އަތުން ފައިސާ ކަނޑައި މެންބަރުންނަށް ޗުއްޓީ ދިނުމާއި ސަލާމް ބުނުމަށް އުސޫލުތަކެއް ހަމަޖެހިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ، ރީކޯ މޫސާ އަށާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންގެ ގާތްމީހުންނަށް "ނުލާހިކު ރަނގަޅު އަގުގައި" މަސައްކަތްތަކާއި ވަޒީފާތައް ސަރުކާރުން ހަވާލު ކުރަމުންދާ އިރު މަޖިލިސް ހުއްޓުވާލައިގެން ރައްޔިތުންނަށް ލިބޭ ގެއްލުން ބަލަން އެ ފަރާތްތަކުން ބޭނުންނުވާ ކަމަށެވެ.
"މަޖިލީހުގެ ފްލޯގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ވާހަކަ ވިދާޅުވީމާ ދިމާލަށް ރީކޯ މޫސަމެން ވިދާޅުވަމުން އެ ގެންދަވަނީ އެއޮތީ ކާލާފައޭ އަދި އިތުރަށް ވެސް ކާނަމޭ. އެ ފެންވަރުގައި މިއަދު މޫސަމެން އެ ތިބީ. ރައްޔިތުންނަށް ކަމެއް ފޯރުވައި ނުދެވުނަސް އެމީހުންގެ ޖީބުތައް ދަނީ ފުރެމުން. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓާލައި ރައްޔިތުންނާއި މީޑިޔާތައް އެކަމަށް ސަމާލު ކުރުވުމަށް ފަހު މުޅިން މިކަހަލަ ކަންތައް ކުރިއަށް މި ގެންދަނީ. އެންމެ ފަހުން ލިބުނު މައުލޫމާތުތަކަކީ، ތިލަފުށީ ހިއްކުމުގެ އެގްރިމެންޓްގައި އަދި ސޮއި ނުކުރެވިގެންނޯ އެ ފޫކަހަނީ،" މަހުލޫފް ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާ މެދު ޕާޓީތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި ޑީއާރުޕީން ދޫދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެ ވާހަކަތަކުގައި އަޅުގަނޑުމެން ދޫދޭންވީ އެއްވެސް ސަބަބެއް ނޯންނާނެ. ކެބިނެޓް އިސްތިއުފާ ދިނީ އަޅުފަނޑުމެން ބުނެގެނެއްނޫން. އަދި ކުށްވެވިވަނީ ވެސް އަޅުގަނޑުމެނެއްނޫން،" މަހްލޫފު ވިދާޅުވި އެވެ.
ޑީއާރުޕީގެ ތުހުމަތުތަކާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރީކޯ މޫސާ މަނިކުގެ ކޮމެންޓެއް ލިބޭތޯ ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އޭނާގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.