20 Mar 2010, 10:34
14:30
އަލްގައިދާގެ ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުސައިން އަލް ޔެމެނީ މަރާލާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ސީއައިއޭގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވަނީ ހުސައިން އަލް ޔެމެނީ މަރާލާފައިވަނީ ޕައިލެޓަކާ ނުލާ އުދުހޭ މަތިންދާ ބޯޓަކުން ޕާކިސްތާނުގެ އިމުގެ ތެރޭގައި ދިން ހަމަލާތަކެއްގައި ކަމަށެވެ. މިކަމާ ގުޅޭގޮތުން އަލްގައިދާއިން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.
ސީއައިއޭގެ ހަތް އޮފިޝަލަކު މިދިޔަ ޑިސެންބަރު މަހު މަރާލުމުގެ ފަހަތުގައި ވެސް ހުރި ކަމަށް އެމެރިކާއިން ބުނާ ޔެމެނީ މަރުވުން ވެގެންދާނީ އަލްގައިދާގެ ލީޑަޝިޕަށް ފޫބެއްދޭ ވަރަށް ވުރެ ބޮޑު ގެއްލުމެއް ކަމަށް މަޝްރަހު ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ސީއައިއޭގެ ޑިރެކްޓަރ ލިޔޯން ޕަނެޓާ ވިދާޅުވެފައި ވަނީ ހުސައިން އަލް ޔެމެނީ ނެތި އަލްގައިދާގެ ހަމަލާތައް ރޭވުމާއި އެ ޖަމާތް ކޮންޓްރޯލް ކުރުން ކުރިއަށް ތަނުގައި އެޖަމާތަށް އުނދަގޫވާނެ ކަމަށެވެ.