21 Jul 2013, 11:17
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން އެއްވެސް ފަރާތަކަށް ފުލުހުން ކުރަމުން ގެންދާ ތަހުގީގަކަށް ހުރަސް އަޅައި ފުލުހުންގެ މަސައްކަތްތައް ނުހުއްޅުވޭނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އޭނާގެ ބައްޕަ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމާ ގުޅިގެން ބައެއް މީޑިއާތަކުގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީ އަށް ހާޒިރުކުރާނެ ކަމަށެވެ. އަދި އެއަށް ފަހު އަބްދުﷲ ރިޔާޒު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ކޮމިޓީ އަށް ރިޔާޒު ހާޒިރުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ ވެބްސައިޓަށް ރޭ ރިޔާޒު ދެއްވާފައިވާ އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އޭނާ އައްޔަން ކުރިތާ މިހާ ދުވަސްވީ އިރު ވެސް އެ މައްސަލައާ ބެހޭ އެއްވެސް ސުވާލެއް އުފައްދައި އެކަމާ "ޑައުޓްކުރައްވާ" ފަރާތްތަކަށް އެކަމުގެ ގާނޫނީ ބާރު އޮތް އިރު ވެސް އެކަންކަން ސާފުކުރަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި ކުއްލިއަކަށް އެކަން ފާހަގަކުރެއްވީ އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އޭނާ ބައްޕާފުޅު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން ފާޅުކުރެއްވި ޝުއޫރުތަކުގެ ތެރެއިން ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް ގަވާއިދެއް އޮތް އިރު ފުލުހުންގެ މުއައްސަަސާގެ ކަންކަންތައްތައް ބަލަންޖެހޭނެ ކޮމިޓީތައް އެ ގަވާއިދުގައި ކަނޑައާޅާފައިވާ އިރު އެއާއި ހިލާފަށް ކުރާ އެއްވެސް ކަމެއްގައި ފުލުހުން އެއްބާރުލުން ނުދޭނެ ކަމަށެވެ.
"ފުލުހުން ކުރާ މަސައްކަތަަށް އެއްވެސް ހުއްޓުމެއް ނުގެނެވޭނެ އަދި އެހެން މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ބުނި ކަމުގައި ވިޔަސް، ފޮލިސްއަށް ހުށަހެޅިފައި ހުރި ކޮންމެ މައްސަލައެއް އެއީ ކޮންމެ މީހަކާ ބެހޭ ގޮތުން ވިޔަސް އަދި ކިތަންމެ މަތީ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް އެމީހެއްގެ މައްސަލައެއް ކުރިއަށްދާނެ، ފުލުހުން އަދާކުރަން ޖެހޭ ދައުރު ގާނޫނީ ގޮތުން ލިބޭ އިހުތިޔާރުގެ ތެރެއިން އަދާކުރާނެ، ފުލުހުން ގާނޫނު ތަންފީޒު ކުރަނީ އެންމެ ނިކަމެތި މީހާއަށް ވަކިގޮތެއް ބަހައްޓާފައި، މަތީ މަގާމެއްގައި ހުންނަ މީހަކަށް ވަކި އުސޫލެއް ބަހައްޓައިގެން ނޫން. އެންމެން ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަވާނެ، އެހެންވެ މަޖިލީހަށް ހާޒިރުކުރަން ބިރުދައްކައިގެން ނުފޫޒެއް ނުފޯރުވޭނެ، އެއަށްވުރެ އަޅުގަނޑުމެން މާ ހިތްވަރު ގަދަވާނެ،" ރިޔާޒު ވިދާޅުވި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ރިޔާޒު އައްޔަން ކޮށްފައި ވަނީ ގާނޫނީ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ކޮމިޓީ އަށް ރިޔާޒު ހާޒިރުކުރުމަށް އެކޮމިޓީން ނިންމި އެވެ. ނަމަވެސް އެކޮމިޓީން ބެލުމަށް މަސައްކަތް ކުރަމުން ގެންދަނީ ޖިނާޢީ ތުހުމަތެއް އެކުލެވޭ މައްސަލައަކަށްވާތީ އެކޮމިޓީ އަށް އެފަދަ މައްސަލައެއް ބެލިދާނެ ކަމަށް ނުދެކޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުން ވަނީ ފަސްކޮށްފަ އެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލަ އަކީ އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލެއިން ގޯއްޗެއް ބައްލަވައިގެންފައި ވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ބަލަމުންގެންދާ މައްސަލައެއް ކަމަށް ސަންއަށް ވަނީ އެނގިފަ އެވެ.
އެ މައްސަލާގެ ތުހުމަތުގައި އަލީ ވަހީދުގެ މަންމަ އއ. ތޮއްޑޫ ހަނީމޫން ޒުހުރާ އަބްދުﷲ އަދި އޭނާގެ ބައްޕަ ވެސް ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ވަނީ ހަނުހުންނެވުމުގެ ހައްގުގެ ބޭނުން ކުރައްވައިފަ އެވެ.