21 Jul 2013, 07:24
ހުދުރަންފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު ޓޫރިސްޓަކާއި ދިވެއްސަކަށް އަނިޔާވުމުގެ އިތުރަށް 16 ކޮޓަރި އެއްކޮށް އަނދާ ހުލިވެއްޖެ އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރޭ ފަތިހު 04:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ގެއްލުން ލިބިފައި ވަނީ ބްރެޒިލްގެ އަންހެން ޓޫރިސްޓަކަށާއި ޗައިނާގެ ތިން ޓޫރިސްޓަކަށް ކަމަށެވެ. ޗައިނާގެ ތިން މީހުންގެ ތެރޭގައި އަށް އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ ފޮރެންސިކް ޓީމުން ބަލަމުން އަންނަ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ހަތަރު ޓޫރިސްޓުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެނެސް ފަރުވާދީފަ އެވެ. ފުލުހުން ބުނީ އެ ހަތަރު މީހުންގެ ތެރެއިން ބްރެޒިލްގެ ޓޫރިސްޓާއި ޗައިނާގެ އަންހެން ޓޫރިސްޓާއި ކުޑަ ކުއްޖާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ޗައިނާގެ ފިރިހެން ޓޫރިސްޓު މީހާ އަށް ލިބުނު އަނިޔާ ނޫނީ ޒަހަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. ދިވެހި މީހާ އަށް ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރިސޯޓްގެ ވެރިފަރާތުން ސަން އަށް ވާހަކަ ދެއްކި ބޭފުޅަކު މިއަދު ވިދާޅުވީ އެ ހާދިސާގައި ރިސޯޓްގެ 17 ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި ނަމަވެސް ޖުމްލަ ލިބުނު ގެއްލުން އަދި އެސްޓިމޭޓް ކުރަން ނޭނގޭ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މުޅި ރިސޯޓް އޮންނާނީ އިންޝުއާކޮށްފައި ކަމަށާއި އިންޝުއަރެންސް ކުންފުންޏާ ގުޅިގެން ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށެވެ.
"އެ މީހުން މަޑުކޮށްލައިގެން އަދި އެ ތިބީ އިންޝުއަރެންސް ކުންފުނީގެ މީހުންނަށް ދެވެންދެން. ވަރަށް އަވަހަށް އެ މީހުން ރިސޯޓަށް ދާނެ." އޭނާ ވިދާޅުވި އެވެ.
އަލިފާން ރޯވެފައިވާ މަންޒަރު ދުށް ތުލުސްދޫ ހަނދަވަރު އަލީ ރިޒުވީ ސަން އަށް މިއަދު ވިދާޅުވީ އޭނާ ފަތިހު ތުލުސްދޫ އަތިރިމައްޗަށް ނުކުތް އިރު ހުދުރަންފުށީގެ ކޮޓަރިތަކެއްގައި ރޯވެފައިވާ ކަމަށާއި މުޅި މޫދު ކޮޓަރިތަކުން ވަރަށް ބޯކޮށް ދުން އަރަމުން ދިޔަ ކަމަށެވެ. އަދި އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އޭނާ ވެސް ފަތިހު އަތިރިމައްޗަށް ނުކުތް އިރު މުޅި ރަށް މަތިން ހުޅުގަނޑު އަރާފާއިވާ ކަމަށާއި ފުރަތަމަ ހީކުރީ ކަނި ރިސޯޓްގައި ރޯވެގެން އުޅޭ ކަމަށެވެ. ނަމަވެސް ފަހުން ބޮޑަށް ސާފު ކުރި އިރު ރޯވެފައި ވަނީ ހުދުރަންފުށީގެ ރޫމްތަކެއްގައި ކަން އެނގުނު ކަމަށް ވެސް އެ މީހާ ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންނާއި އެމްއެންޑީއެފް އަދި ރިސޯޓްގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ ހެނދުނު 6:10ގައި ކަމަށެވެ.