ދިރާގު ދިވެހި ލީގުގައި މިރޭ އީގަލްސް ކޮޅަށް ޖެހި ތިން ލަނޑާއެކު މިސީޒަންގައި 42 ލަނޑު ހަމަކޮށް އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުރޭޑިއަންޓުގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) އާކޮށްފި އެވެ.

އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު މީގެ ކުރިންވެސް ގާއިމްކޮށްފައިވާ ދަގަނޑޭ، 2009 ވަނަ އަހަރު އޭނާ ގާއިމްކުރި 39 ލަނޑުގެ ރެކޯޑް މިރޭ މުގުރާލީ މެޗުގެ 45 ވަނަ މިނިޓުގައި އީގަލްސްގެ ގޯލަށް އޭނާ ވައްދައިލި ލަނޑާއެކު 40 ލަނޑު ހަމަކޮށްގެންނެވެ. އަދި މިރޭގެ މެޗުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް ހެޓްރިކެއް ހަދާފައިވާއިރު މި ސީޒަންގައި އޭނާ ކާމިޔާބުކުރި ލަނޑުގެ އަދަދު މިހާރުވަނީ 42އަށް އަރާފަ އެވެ.

ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އެންމެ ފުރަތަމަ އަޝްފާގު މުގުރާލާފައި ވަނީ 2003 ވަނަ އަހަރު 36 ލަނޑު ކާމިޔާބުކޮށްގެންނެވެ. އޭރު އެ ރެކޯޑު އޮންނަނީ 2002 ވަނަ އަހަރުގެ ސީޒަންގައި 35 ލަނޑު ކާމިޔާބުކުރި ވިކްޓަރީގެ ބިދޭސީ ފޯވަޑް ސެގްނީ ރަފައެލްއަށެވެ. 2004 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި 37 ލަނޑު ކާމިޔާބުކޮށްގެން ދަގަނޑޭ ވަނީ، ކުރިން އޭނާ ގާއިމް ކުރި ރެކޯޑު ވެސް މުގުރާލާފަ އެވެ.

ނިއުރޭޑިއަންޓަށް މިސީޒަންގައި 40 ލަނޑު، ދަގަނޑޭ ކާމިޔާބުކޮށްދީފައިވާއިރު އަނެއް ދެލަނޑު އޭނާ ކާމިޔާބުކޮށްދީފައި ވަނީ ގައުމީ ޓީމަށެވެ.

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފޯވަޑް، ލަނޑު ޖެހުމުގެ ގައުމީ ރެކޯޑްތައް މުގުރަމުންދާއިރު މިހާތަނަށް ޕްރޮފެޝަނަލް ލެވެލްގައި އޭނާ ކާމިޔާބުކޮށްފައިވާ ލަނޑުގެ ޖުމުލަ އަދަދުވަނީ 325 އަށް އަރާފަ އެވެ.