ޕީޕީއެމްގެ ވެރިކަމެއްގައި ތިން އަހަރު ދުވަހުގެ ތެރޭ ބަޖެޓުގެ ދަރަނި ސުމަކަށް ގެންނަވާނެ ކަމަށާއި ވެރިކަމުގެ ފަހު ދެ އަހަރުގެ ބަޖެޓް އަރަނި ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަކަށް ހައްލެއް ހޯދަވައި ދެއްވާނެ ކަމަށެވެ. ވެރިކަމުގެ ފަހު ދެ އަހަރަކީ ސަރުކާރުގެ މަސައްކަތުގެ "ޑިވިޑަންޑް އެންޖޯއި" ކުރަން ލިބޭ އަހަރުތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަމާޒުވެގެން ދަނީ، އަޅުގަނޑުމެން މި ދެކޭ ގޮތަށް އިގްތިސާދު ފުޅާކޮށް، އިގްތިސާދުގެ ބޮޑެތި މަސައްކަތްތައް ކުރެވޭ ކަމުގައި ވަންޏާ އިރާދަ ކުރެއްވިއްޔާ ދެ އަހަރު ނޫނީ ތިން އަހަރު ދުވަހުގެ ތެރޭގައި ލަސްވެގެން އަޅުގަނޑުމެންގެ މި ބަޖެޓް ޑެފިސިޓް ސުމަކަށް ގެނެސް ހަތަރު ވަނަ އަހަރުން ފެށިގެން، ފަސް ވަނަ އަހަރާއި ހަތަރު ވަނަ އަހަރު، މި ދެ އަހަރު ބަޖެޓް އަރަނި އަހަރެއްގެ ގޮތުގައި ހަމަޖައްސާނަން،" ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން ފައިސާ ނެގުމުގައި ކުރިއަށް ވުރެ ފަސޭހަ ގޮތްތަކެއް ބޭންކް އޮޕް މޯލްޑިވްސްއިން ހަމަޖެހިގެން ދިޔައީ ކުރީގެ ސަރުކާރުން ކޮށްދީފައި އޮތް ކަމަކުން ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ފަސޭހަ ލިބިގެން ދިޔައީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބައެއްގެ އަތް ދަށުން ސަލާމަތްކޮށް، އޭގެ ފުރިހަމަ މަންފާ ދައުލަތައް ލިބެން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އެއާޕޯޓުގެ ސަބަބުން ދައުލަތައް މަންފާ ލިބި، ރާއްޖެއަށް މިހާރު ކޮންމެ ވެސް ވަރަކަށް ޑޮލަރު ލިބެމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ޒުވާނުންގެ ކުށުގެ ރެކޯޑު ނުލިބިގެން ވަޒީފާ ނުލިބި އުޅެން ނުޖެހޭނެ ކަމަށެވެ. އަދި "ކުޑަ ކުށެއް"ކޮށްގެން ހުރި ޒުވާނަކަށް ބާކީވެ، ވަޒީފާ ނުލިބި އުޅެންޖެހިގެން ނުވާނެ ކަމަށާއި އިޖްތިމާއީ ހިދުމަތް ގާއިމް ކުރެވޭ ގޮަތަކަށް އެ ކުދިން ލައްވައި މުޖުތަމައުގައި ހިދުމަތް ކުރުމަށް ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އިޖްތިމާއީ ހިދުމަތް ގާއިމް ކުރެވޭ ގޮަތަކަށް މިކުދިން ލައްވައި މުޖުތަމައުގައި ހިދުމަތް ކުރުމަށް މިކުދިންނާ ހަވާލުކޮށްފައި މިކުދިންގެ ކުށުގެ ރެކޯޑުން ސަލާމަތްވެގެން މި ހިދުމަތް ކުރަމުންދާއިރުގައި ވަޒީފާ އަދާ ކުރެވޭނެ ފުރުސަތު ހަމަޖައްސައިދޭނަން. އެއީ ފަސް އަހަރު ވަންދެން ކުށުގެ ރެކޯޑު ސާފުނުވާތީ މި މީހުން ތިބޭކަން ނުޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ހަރަދުތައް ހިތުހުރި ގޮތަކަށް ބޭނުންކޮށްފައިވުމުން ޑިމޮކްރަސީގެ ވާހަކަ އާއި އިގްތިސާދުގެ ވާހަކަ އެމްޑީޕީއަކަށް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހަމައެކަނި ލަނޑާކޮޅެއް ހައްދައިގެން ދިވެހިރާއްޖޭގެ އިގްތިސާދެއް ރަނގަޅު ކުރުމަކީ "ވާނެ ކަމެއް ނޫން" ކަމަށެވެ.

"އެއްކަލަ 30 އަހަރު ކަމެއް ނުކުރެވިއޭ ބުނާއިރު ވެސް، އެތައް ކަމެއް ކުރެވެން އޮތް، ތިން އަހަރު ލިބިގެން ދިޔައިއިރު، މިއިން އެއްވެސް ކަމެއް ނުކުރެވި، އަދި ބޯކޮޅު ވަތަށް ޖެހިގެން އިގްތިސާދު ވަތަށް އެނބުރޭތަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ،" ނަޝީދުގެ ސަރުކާރުގައި އިގްތިސާދު އޮތް ހާލަތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މިރޭގެ ވާހަކަފުޅުގައި އަދުލު އިންސާފުގެ ނުލިބި ލަސްވެގެންދާތި އެކަމުގެ ކަންބޮޑުވުންފާޅު ކުރެއްވި އެވެ. އަދުލު އިންސާފު ލިބުން ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމަށް ޔާމިން ވިދާޅުވި އެވެ.

ޕީޕީއެމުން އަތޮޅުތަކުގައި ބާއްވާ ރެލީތަކުގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާނީ ރަމަޟާން މަހަށްފަހު ކަމަށް ޔާމިން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ޔާމިންއާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ރިޔާސީ ކެންޑިޑޭޓުންނަށް ކުރިމަތިލައްވައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރަކާ ހަވާލުވާން އެންމެ އެކަށޭނެ ދެ ބޭފުޅުން ކަމަށް ވިދާޅުވެފަ އެވެ.