ދިރާގު ދިވެހި ލީގުގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ)ގެ ހެޓްރިކާއެކު 7-0 އިން ކްލަބް އީގަލްސްއަތު މޮޅުވެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރެކޯޑު، ލީގު ޗެމްޕިއަން ނިއުއިން މުގުރާލައިފި އެވެ.

ދިވެހި ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކްލަބްގެ ރެކޯޑް މީގެ ކުރިން އޮތީ ވީބީ އައްޑޫ އެފްސީއަށެވެ. ވީބީ ވަނީ 2010 ވަނަ އަހަރު ދިވެހި ލީގުގައި 53 ޕޮއިންޓު ހޯދައިގެން ރެކޯޑް ހަދާފަ އެވެ. އެހެން ނަމަވެސް މިރޭ އީގަލްސް އަތުން މޮޅުވެ މިފަހަރުގެ ދިވެހި ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 54 ޕޮއިންޓް ހޯދައިގެން ނިއުއިން މިވަނީ ވީބީގެ ރެކޯޑް މުގުރައިލާފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ 26 ވަނަ މިނިޓުގައި މުހައްމަދު އުމޭރު އެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ ދަގަނޑޭ އެވެ. ދަގަނޑޭގެ އެލަނޑާއެކު އޭނާ ވަނީ، 2009 ވަނަ އަހަރު އޭނާ ގާއިމްކުރި 39 ލީގު ގޯލްގެ ރެކޯޑު މުގުރާލައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އެ ނަތީޖާގަ އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނިޓްގެ ތެރޭގައި ނިއުގެ ތިންވަނަ ލަނޑު އަޝްފާގު ކާމިޔާބުކޮށްދިނީ އަލީ އުމަރު ނަގައިދިން ރީތި ހުރަހެއް އީގަލްސްގެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ނިއުގެ ހަތަރުވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި ނިއުއަށް ފަސްވަނަ ލަނޑު ކާމިޔާބުކޮށް ދަނގަޑޭވަނީ ހެޓްރިކެއް ހަދާފަ އެވެ. އޭގެ މިނިޓެއްފަހުން އަޝަފާގު ތަނަވަސް ކޮށްދިން ފުރުސަތަކުން ނިއުގެ ހަ ވަނަ ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދިނީ ހުސެއިން ނިޔާޒް (ބޮކުރީ) އެވެ. އަދި ނިއުގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އެއީ ސެންޓޭ މިރޭ ނިއުއަށް ޖަހައިދިން ދެވަނަ ލަނޑެވެ.

މިރޭގެ މެޗުން މޮޅުވެ 54 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ނިއު އޮތްއިރު އީގަލްސް އޮތީ 17 ޕޮއިންޓާއެކު ގަދަ ހައެއްގެ ފުލުގަ އެވެ.

އީގަލްގެ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތީ) ބުނީ ނިއުއަތުން ތަފާތުބޮޑުކޮށް ބަލިވުމުން ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހުނަސް މިރޭގެ މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ ދޭތެރޭގައި ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ލީގުގައި މިހާރު ދެން އީގަލްސްއަށް އިތުރަށް ގެއްލޭނެ އެއްޗެއް ނެތުމުން އެ ކްލަބުން މިހާރު ބޮޑަށް ވިސްނަނީ އަންނަ ސީޒަންގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް ކަމަށްވެސް ސާންތީ ބުންޏެވެ.

ނިއުގެ ކޯޗު ވެލިޒާ ޕޮޕޯފް ބުނީ މިރޭގެ މެޗުން ނިއުއަށް ލިބުނު ކާމިޔާބަކީ އެ ކްލަބްގެ ޗެއާމަން އަލީ ވަހީދު (ބަލަކް)ގެ އުފަންދުވަހުގެ ހަދިޔާ ކަމަށެވެ. އަދި މިސީޒަންގައި ނިއުއިން ހޯދާފައިވާ ކާމިޔާބު ތަކަކީ ވަރަށް ހިތްހަމަޖެހޭ ކާމިޔާބު ތަކެއް ކަމަށާއި އަދި ދަގަނޑޭގެ ލަނޑުގެ ރެކޯޑަކީވެސް ނިއުއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ޕޮޕޯފް ބުންޏެވެ.

ދިވެހި ލީގުގައި މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ތާވަލުގެ ދެވަނައިގައި 34 ޕޮއިންޓާއެކު އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، 21 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތް ކްލަބް ވެލެންސިޔާ އެވެ.