21 Jul 2013, 00:28
ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ދިވެހި ގައުމީ ބޭންކް (ބީއެމްއެލް)ގެ މަޖީދީމަގު ބްރާންޗު އާ އިމާރާތެއްގައި މިރޭ ހުޅުވައިފި އެވެ.
މަޖީދީމަގުގައި ހުންނަ މީޑިއާނެޓްގެ ނެޓްގެ ހެޑް އޮފީސް ކުރިމަތީގައި، ހ. ސިސިލް ހިޔާ ބިލްޑިންގުގެ އެންމެ ތިރީ ފަންގިފިލަ އާއި ފުރަތަމަ ފަންގިފިލާގައި ހަދާފައިވާ އެ އިމާރާތް ރަސްމީކޮށް ހުޅުވައި ދެއްވީ، ބޭންކް އޮފް މޯލްޑިވެސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ޑރ. އަބްދުﷲ ޝިހާމް ހަސަން އެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މރ. ޕީޓާ ހޯޓަންއާއި، ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
ބީއެމްއެލް މަޖީދީމަގު ބްރާންޗުގެ އާއިމާރާތުގެ ތިރީ ފަންގިފިލާ، ފައިސާ ނެގުމަށާއި ފައިސާ ޖަމާކުރުމުގެ ހިދުމަތަށް ހާއްސަ ކޮށްފައިވާއިރު އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކޮށްފައިވަނީ، ބޭންކުންދޭ އެކިއެކި ހިދުމަތްތަކަށް އެދޭ ފޯމް ހުށަހެޅުމަށެވެ.
މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ބޯޑުގެ ޗެއާމަން، ޑރ. އަބްދުﷲ ޝިހާމް ވިދާޅުވީ ބީއެމްއެލްގެ ބްރާންޗުތަކަކީ އަބަދުވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވޭ ތަނަކަށް ބަދަލުކުރުމަށް ޓަކައި އެ ބޭންކުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުޅުވި ބީއެމްއެލް ލައިޓަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު އޭނާ ފާހަގަ ކުރެއްވި އެވެ.
ބީއެމްއެލްއިން މާލޭގައި 7 ބްރާންޗް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 19 ބްރާންޗް ގާއިމްކޮށްފައިވާ އިރު، ޝިހާމް ވިދާޅުވީ ޒަމާނީ ފެންވަރަށް ބަދަލުކުރެވިފައިވާ އިމާރާތަކަށް ބީއެމްއެލް މަޖީދީމަގު ބްރާންޗް ބަދަލުވެގެން ދިއުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ ހިތްހަމަ ޖެހޭ މާހައުލެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނޭ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ ޕީޓާ ހޯޓަން ވިދާޅުވީ، ބީއެމްއެލްގެ ބްރާންޗްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، އެތަނުގެ މުވައްޒަފުން ތަމްރީނު ކުރުމާއި ހިދުމަތްދިނުމުގެ އުސޫލުތައް ހަރުދަނާ ކުރަމުންދާ އިރު ކަސްޓަމަރުން ބޭނުންވާފަދަ އެތަކެއް ހިދުމަތްތަކެއް އެ ބޭންކުން މިހާރު ވެސް ތައާރަފް ކޮށްފައިވާ ކަމަށެވެ.
"ކުރިމަގުގައި ބޭންކް އޮފް މޯލްޑިވްސް ފެނިގެންދާނީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތްދޭ އަދި އެންމެ ޒަމާނީ ބޭންކިން ހިދުމަތް ފޯރުކޮށްދޭ އަދި ފަސޭހަކަމާ އެކު ބޭނުންވާ ވަގުތަކު ބޭންކިން ހިދުމަތް ލިބޭ ތަނެއްގެ ގޮތުގައި،" ޕީޓާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އެ އަލަށް ހުޅުވި ބްރާންޗުގެ ހިދުމަތް މާދަމައިން ފެށިގެން ލިބޭނެ ކަމަށެވެ.