ޤާހިރާ (ޖުލައި 20) :މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ރައީސް ޑރ. މުހައްމަދު މުރްސީ އަށްތާއިދުކުރާ ފަރާތްތަކުން ކުރަމުންގެންދިޔަ މުޒާހަރާއަކަށް ގޮތްނޭންގޭ ބަޔަކު ދިން ބަޑީގެ ޙަމަލާތަކެއްގައި ތިންއަންހެނަކު މަރުވެއްޖެ އެވެ.

މިސްރުގެ ސިއްޙަތާ ބެހޭ ދާއިރާތަކުންބުނީ މިދެއަންހެނުންގެ ތެރެއިން ދެމީހުން މަރުވެފައި ވަނީ ބަޑީގެ ވަޒަންއެރުމުގެ ސަބަބުން ކަމަށާ މަރުވި ތިން ވަނަ އަންހެންމީހާގެ ހަށިގަނޑުން ވަޒަން ފެނިފައިނުވާ ކަމުގަ އެވެ. އަދި އިތުރު އަންހެނެއްގެ ބޮލަށް ވެސް ވަޒަންއެރުމުގެ ސަބަބުން އެމީހާގެ ޙާލުވަރަށް ނުރައްކާ ކަމަށް ވެސް ސިއްޙަތާ ބެހޭ މަސްއޫލުވެރިއެއްކަމަށްވާ ހިޝާމް މަސްޢޫދު ވިދާޅުވި އެވެ.

ޑރ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާނުލްމުސްލިމީން ޖަމާއަތުން ބުނީ މިއަދުގެ މުޒާހަރާތަކަށް ބަޑިޖެހުމުގެ ސަބަބުން ހަތަރު އަންހެނުން މަރުވި ކަމަށާއި ބަޑިޖެހިކަމަށް ބެލެވެނީ ބަޑިޖެހުމުގެ ތަމްރީން ލިބިފައިވާ ސްނައިޕަރުން ފިލައި ތިބެގެން ކަމުގަ އެވެ. އަދި މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން މަންސޫރާގައި މުޒާހަރާ ކުރަމުން ދަނިކޮށް މުރުސީއާ އިދިކޮޅުފަރާތްތަކުން ބަޑި އާއި ވަޅި އާއި އޮއްގަލުން ހަމަލާތައް ދީފައިވާ ކަމަށް ވެސް އިޚްވާން ޖަމާއަތުން ބުނެފައިވެ އެވެ. މިސްރުގެ ވަރަށް ޤާހިރާގައާއި އެނޫން ވެސް އެތައް ސިޓީއެއްގައި ގިނަ ބަޔަކުއިއްޔެ އާއި މިއަދު ވެސް ޑރ. މުރުސީ އަށް ތާއީދުކޮށް މުޒާހަރާތައް ކުރިއަށް ދިޔައެވެ.

މުޒާހަރާކުރި މީހުން ވަނީ މިސްރުގެ ވެރިކަމަށް މުރްސީގެއަލުން އިއާދަކުރުމަށް ގޮވާލާފަ އެވެ. މިސްރުގެ ސިފައިން ނުކުމެ ޑރ. މުރްސީ މަގާމުން ދުރުކުރުމަށް ފަހު މިސްރުގައި ދަނީ ހަމަނުޖެހުންތައް އިތުރުވަމުންނެވެ. މިސްރުގެ ސިފައިން މުރުސީގެ ޑިމޮކްރެޓިކް ވެރިކަމާ ދެކޮޅަށް ގެނަސްފައި ވަނީ ޢަސްކަރީ އިންގިލާބެއް ކަމަށް ވިޔަސް ޑިމޮކްރަސީގެ ނަމުގައި ވަކާލާތުކުރާ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އެކަމާދެކޮޅަށް އަޑުއުފުލާފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)