20 Jul 2013, 23:45
އަދާލާތު ޕާޓީއަކީ "އޮއިވާލި ކަނދުފައްޗެއް" ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ސިފަ ކުރައްވައި ދެއްކެވި ވާހަކަފުޅަކީ އޮއިވާލި ކަނދުފައްޗަކީ ކޮން އެއްޗެއްކަން ރަނގަޅަށް އެނގިވަޑައިނުގެން ދެއްކެވި ވާހަކަފުޅެއް ކަމަށާއި މިފަހަރުގެ ރިޔާސީ އިންތިހާބްގައި އިރާދަކުރެއްވިއްޔާ ހައްސަ ބާނައިގެން ޖުމްހޫރީ ގުޅުމުގެ ކޯލިޝަނުން ކާމިޔާބު ކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އެހެން ވިދާޅުވީ ސިޔާސީ ބައެއް ޕާޓީތަކަކީ ލައްގާނެ ތަނެއް ކަށަވަރު ނުވާ އޮއިވާލިތަކެއް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކަށް ރޭ ރައްދުދެއްވަމުންނެވެ. އިމްރާން ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް އެ ޕާޓީން ނިންމުމާ ގުޅިގެން އެ ޕާޓީއަކީ ގުޅޭނެ ވަކި ބައެއް (ޕާޓީއެއް) ނޭނގިގެން ދުވާ ބައެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަކުރައްވާ ކަމަށެވެ. ނަމަވެސް އެކަމާ އަދާލަތު ޕާޓީން ވަރަށް އުފާކުރައްވާ ކަމަށާއި އޮޅިގެން ނަމަވެސް ނަޝީދަށް ވިދާޅުވެވުނީ ވަރަށް ބޮޑު ހެޔޮ ބަހެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"އެމަނިކުފާނަށް (ނަޝީދުއަށް) އޮއިވާލި ކަނދުފައްޗަކީ ކޮން އެއްޗެއް ކަން އެނގިވަޑައެއް ނުގެނަންނަވާ، އޮއިވާލި ކަނދުފައްޗަކީ އެ ވިދާޅުވިހެން ލައްގައިފި ނަމަ ފައިދާއެއް ނެތް އެއްޗެއް، ނަމަވެސް ކަނޑުގެ ތެރޭގައި އެކަނދުފަތި ދެމެމުންދާއިރު ބޮޑު މާ ބިޔަ ކަނޑުތަކުގެ ތެރޭގައި ހުރިހާ މަސްމަހާއި މެހި ޖަމާވެ، ހުރިހާ އެއްޗެއްގެ އެކައްޗެއްގެ ގޮތުގައި ގަތާލައިގެން އައިސް، ރޭގަނޑުގެ ވަގުތުގައި އެއް މަހާއި އަނެއް މަސް ޖެހި ގުޅި ފިޔަ ގަތާލައި އެންމެ ފަހު ނަތީޖާއަކަށް ވަނީ މަސްވެރިން މަހަށް ދިޔުމުން "ހައްސަ ބާނާ" ހަގީގީ މަންޒިލަކީ އޮއިވާލި ކަނދުފަތި، މިއީ އޮއިވާލި ކަންދުފައްޗެއް އިރާދަ ކުރެއްވިއްޔާ މިފަހަރުގެ ރިޔާސީ އިންތިހާބްގައި މިކަނދުފަތިން ހައްސަ ބާނާނައިގެން [ކާމިޔާބު ކުރާނަން]،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަދާލާތު ޕާޓީއަކީ އެއްކޮޅަށް ދުވާ މަގަކަށް ވަދެެ އޮންނަ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ވަތް ގޮތަށް ނުކުންނަން ވެސް އެނގޭނެ ކަަމަށެވެ. އަދާލަތުން ޕާޓީން ކޯލިޝަންތަކުގައި ބައިވެރިވަނީ ފަހަރެއްގައި ވެސް ހަދާނެ ގޮތެއް ނޭނގިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ބޭނުމަކީ ރައްޔިތުންނަށް ދޭން ބޭނުންވާ ފޮނި އުއްމީދަކަށް ޓަަކައި އެންމެން ގުޅިގެން އުޖާލާ މުސްތަގު ބަލެއް ހޯދައިދިނުމަށް ޓަކައި ކަމުގައި ވެސް އިމްރާން ވިދާޅުވި އެވެ.
އެގޮތުން 2008ގައި ވެރިކަން ލިބިވަޑައިގަތީ ރައީސް ނަޝީދަށް ނޫން ކަމަށާއި ނަޝީދަށް ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވީ 25 ޕަސެންޓް ވޯޓު ކަމަށާއި އިންތިހާބް ކާމިޔާބު ކުރެއްވީ ޑރ. ހަސަން ސައީދާއި އަދާލަތު ޕާޓީން އަދި ގާސިމް އިމްރާހިމް އިބްރާހިމް އެ އިންތިހާބްގެ ދެވަނަ ބުރުގައި ނަޝީދާ އެކު ކޯލިޝަން ހެދުމުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީން ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް މަސައްކަތްކޮށްފައި ވާނީ ވަރަށް އިހުލާސްތެރިކަމާ އެކު ސަރުކާރަށް ވަރަށް ވަފާތެރިކޮށް ކަމަށާއި އެނޫން ގޮތަކަށް އެކަން ކޮށްފައިވާ ކަމަށް އެއްވެސް ސަރުކާރަކަށް ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ އަނިޔާވެރިކަމާއި ޒަރީމާތަކުން ސަލާމަތްވުމަށް 23 ޑިސެމްބަރު ގެނައީ ދިވެހި ގައުމުގެ އިސްލާހުގެ މަގުން ކައްސާލަމުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އަދާލަތުން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ނިންމީ ވަރަށް ބޮޑަށް ވިސްނައިފައި ކަމަށާއި 2008ގައި ވެސް ގާސިމްއާ އެކު ކޯލިޝަން ހެދުމަށް މަސައްކަތްތަކެއް ކުރެއްވި ނަމަވެސް އެފަހަރު އެކަން ވާގޮތް ނުވީ ކަމުގައި ވެސް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު މިކޯލިޝަނާ ގުޅުނީ [މުސްކުޅިން ބުނާ މިސާލު އަޅުގަނޑު އަނެއްކޮޅަށް ޖަހާ ހިތްވަނީ] އަޅުގަނޑުމެން ކަނހަބަށް ވާން ބޭނުން ނުވާތީ، މުސަޅާއި ކަނހަބުގެ ވާހަކައަށް ބަލައިފި ނަމަ، އެހެންވެ އަޅުގަނޑުމެންނަށް ވިސްނުނީ ދެން ނިދާފައި އޮންނަން ވެއްޖެ ނަމަ މުސަޅު އައިސް [ރޭސް] ނިންމަފާނެތީވެ، އެހެންވެ އަޅުގަނޑުމެން އެންމެން މިތިބީ މުސަޅަށް ބަދަލުވެގެން،" އަޅުގަނޑުމެންގެ ޓީމަކީ މުސަޅު،" އިމްރާން ވިދާޅުވި އެވެ.