ނ. ހޮޅުދޫގައި 2012 ވަނަ އަހަރު ޖޫނިއާ ހައި ސްކޫލެއް ގާއިމު ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ހޮޅުދޫ މޭނާ ސްކޫލްގެ 2009 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.


ރޭ ހޮޅުދޫގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ހޮޅުދޫ މޭނާ ސްކޫލަކީ، ރާއްޖޭގައި ނަން ފަވައިލެވޭވަރުގެ ތަޢުލީމީ ސްކޫލެއް ކަމަށާއި އެ ސްކޫލް ތަރައްގީ ކުރެއްވުމަކީ، ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.  


ރައީސް ވިދާޅުވީ 2012 ވަނަ އަހަރު މޭނާ ސްކޫލްގައި ކިޔަވައިދޭނީ އެއްދަން ފަޅިއަށް ކަމަށާއި، އެކަމަށް ބޭނުންވާ ކްލާސް ރޫމްތައް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި މޭނާ ސްކޫލުން ވޭތުވެދިޔަ އަހަރު އެކި އެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވީ ރައީސް ނަޝީދާއި ބައެއް އިތްޒަތްތެރިންނެވެ.


ވޭތުވެދިޔަ އަހަރު މޭނާ ސްކޫލްގެ ސެކަންޑަރީ ބައިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައި ވަނީ އެރަށު ކާނިމާގޭ ޣާލިބް ރަޝީދެވެ.