(17 ޖުލައިގެ އަދަދާއި ގުޅޭ)

ހަތެއް ޖެހި އިރު އިޔަން އިނީ ޒޯހާ ދިން އެޑްރެސް ކުރިމަތީގައެވެ. އިޔަން ސައިކަލު ޕާކް ކޮށްލައިފައި އައިސް އެގޭގެ ދޮރާށިން އެތެރެއަށް ވަނެވެ. ގޯތިތެރެއަށް އަކިރި އަޅައި އަދި އެތައް ބައިވަރު ޕޮޓްތަކުގައި ގަސްތައް ހައްދާފައިވާތީ ނުހަނު ފެހިކަން ގަދައެވެ. އިޔަން އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު އަކިރިތައް މުގުރޭ އަޑުން މާހައުލުގެ ހިމޭންކަން ނަގާލައިފިއެވެ. ދޮރާއި ހަމައަށް ދެވުމުން ބެލް ޖަހާލުމަށްޓަކައި އުފުލައިލި އަތް ތިރިކޮށްލެވުނީ އެއަށްވުރެ ކުރީން އަންހެން ކުއްޖަކު ދޮރު ހުޅުވާލީމައެވެ.

"ޒޯހާ އެބަހުރި ބެލްކަނީގައި." އަންހެންކުއްޖާ ހުރީ ހެވިފައެވެ. އިޔަން ލުއި ހިނިތުން ވުމަކާއެކު ބޯ ޖަހައިލާފައި އޭނާ ދެއްކި މަގުން ގެއަށް ވަދެގެން ދިޔައެވެ. މައްޗަށް އަރާފައި އަންހެންކުއްޖާ ދޮރެއް ހުޅުވާލައިފައި ވަނުމުން އިޔަން ދެފަރާތް ހޯދާލި އިރު ބެލްކަންޏަށް ނިކުމެވެން އިތުރު ދޮރެއް ހުޅުވިފައި ހުއްޓާ ފެނުނެވެ. އިޔަން ދިގު ފިޔަވަޅު ތަކެއްގައި ގޮސް ދޮރާއި ހަމަވެފައި ޒޯހާ ފެނިގެން ހުއްޓެވިއްޖެއެވެ. ބެލްކަނީގައި ހައްދާފައިވާ އެތައް ބައިވަރު މާތަކުގެ ތެރެއަށް ތިރިކޮށްލާފައިވާ އެއީ ހުދު ޕަރީ އެކެވެ. ހުދު މެކްސީ އާއެކު އެދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލައިފައި އޮތްއިރު ވައިރޯޅިތައް އައިސް ބޮސް ދެމުން އުފާ ހޯދަމުން ދިޔައެވެ. ޒޯހާ ފިނިފެންމަލެއްގައި ވަސް ބަލާލައިފައި ފިޔަވަޅުގެ އަޑު އިވިގެން ބަލައިލި ގޮތްވެސް ހާދަ ތޫނެވެ. ކަޅުކުލަ ގަދަ ދެލޯ މިރޭ އަދި ވަކިން ރީތިހެން ހީވެއެވެ.

"ބިއުޓިފުލް!" އިޔަން ދޮރުކަނީގައި އަތް އަޅުވާލައިފައި ތައުރީފް ކޮށްލުމުން ޒޯހާ ރަކިވެގެން ތުންފަތުގައި ދަތް އަޅާލައިފިއެވެ. "ކިހިނެއް ހާލު؟" އިޔަން ފުރަތަމަވެސް އަހައިލިއެވެ. "ރަނގަޅު." ޒޯހާ ދެއަތުގެ އިނގިލިތަކާއި ކުޅެމުން އިސްޖަހައިލި އެވެ. "ތޭންކްސް އިނގޭ. ވަރަށް އުފާވެއްޖެ ޒޯހާ އަހަރެންގެ އެދުން ފުރިހަމަ ކޮށްދިނީމަ." އިޔަންއަށް ނުހުރެވިގެން ފިޔަވަޅެއް އަޅާލައިފައި ގޮސް ޒޯހާގެ ކައިރިއަށް ހުއްޓިއްޖެއެވެ. ޒޯހާ އެވަރުންވެސް އަނގައިން ބުނާކަށް ތައްޔާރެއް ނުވިއެވެ. "ކީއްވެތަ މިހާރު އަހަރެން ފެނުނީމަ އަނގަ މަޑުވަނީ؟ ރިސޯޓުން ފެނުނު ދުވަހު ކިހާ ވާހަކައެއް ދެއްކިން." އިޔަންގެ ބޭނުމަކީ ޒޯހާގެ ހިމޭންކަން ފުނޑު ފުނޑު ކޮށްލުމެވެ. "ނޭނގެ." ޒޯހާ ކުއްލި އަކަށް ދޮރާއި ދިމާއަށް ހިނގައިގެން ނަމަވެސް އިޔަންގެ އަތުތެރޭގައި އެއިނގިލިތައް ހައްޔަރުވެ ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ.

"ޒޯހާ އައި ރިއަލީ ލައިކް ޔޫ." އިޔަން ޒޯހާގެ އަތަށް ދަމާލައިފައި ގެނެސް އަތުތެރޭގައި ހައްޔަރު ކޮށްލައިގެން ހުރެ އެދޮން ކަނދުރާގައި ދަތްދޮޅި އަޅުވާލަމުން ބުނެލިއެވެ. އޭރު ޒޯހާގެ ނޭވާ އަވަސްވެ ނިއްކުރި ފިނި ދަލެއް ނިކުންނަން ފަށައިފި އެވެ. ހަތަރެސްފައިވެސް ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. ދުވަހަކު މިހާވަރަށް އޭނާގެ ހިތް އަވަސްވި ހަނދާނެއް ޒޯހާ ނުވެއެވެ. "އިޔަން!" ނޭވާ ކޮޅަށް ދިޔަ މީހެއް ފަދައިން ޒޯހާއަށް ގޮވާލެވުނެވެ. އިޔަން އެއަޑު ނާހައި ޒޯހާގެ އިސްތަށިގަނޑުން ވަސް ބަލާލައިފައި އެއިސްތަށިތައް ދުރުކޮށްލައިގެން ކަނދުރާގައިވެސް ތުންފަތް ޖައްސާލައިފި އެވެ. އެހަރަކާތުން ޒޯހާގެ ހަށިގަނޑަށް ކަރަންޓް އައި ފަދައެވެ. ތެޅިގެންފައި އަވަހަށް އިޔަންގެ އަތްދަށުން ވީއްލިގަންނަން މަސައްކަތް ކުރެވުނެވެ. އެކަމަކު އެއީ ކުރެވުނު ހަމައެކަނި ބޭކާރު މަސައްކަތެކެވެ. އިޔަންގެ ބާރުގަދަ އަތުތެރެއިން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. "އިޔަން ޕްލީޒް!" ޒޯހާއަށް ރޮވެން އުޅުނެވެ. އިޔަންއަށް އެކަން އިހްސާސް ވުމުން އަވަހަށް ދޫކޮށްލައިފައި ޖީބަށް އަތް ޖަހާލައިގެން އެނބުރެވުނީ އަނެއް ފަރާތަށެވެ. ޒޯހާ ދުވެލާފައި ގޮސް އެތެރެއަށް ވަންފަހުން އިޔަން އިސްތަށިގަނޑަށް އަނެއް މަހާލައިގެން ހުރެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. މިހާ އަވަހަށް އޭނާގެ އަތުން ނަފްސްގެ ކޮންޓްރޯލް ދޫވީ ހެއްޔެވެ؟

ޒޯހާ އެތެރެއަށް ވަދެފައި ނިޔަފަތި ކާން އިނީ ހޯލްގައި ހުރި ސޯފާ އަކަށް ވެއްޓިގަނެގެންނެވެ. އެމޫނު ރަތްވެ އެސްފިޔަތައް ވެސް އުފުލައިލަން ނުކުޅެދިފައިވާ ކަހަލަ އެވެ. ޒޯހާގެ އެކުވެރިޔާ ކޮފީ ތަބަކެއް ހިފައިގެން އައިސް ވަދެފައި ގޮވައިލުމުން ސިހިގެން ދިޔައެވެ. "ހާދަ ވަރަކަށް ބްލަޝް ވަނީ؟ އިޔަން ކަމެއް ކުރީތަ؟" އައިންތުއަށް ފުރަތަމަވެސް ޝައްކުވެގެން އަހައިލިއެވެ. ޒޯހާ ލޯ ބޮޑު ކޮށްލުމުން އައިންތުއަށް ޖަވާބު ލިބިގެން ފެށީ ހޭށެވެ. އެއަޑަށް އިޔަންވެސް އެނބުރި ބަލައިލާފައި އައިސް އެތެރެއަށް ވަނެވެ. އައިންތު އިޝާރާތް ކޮށްލުމުން އިޔަން އިށީންދެލީ ޒޯހާގެ ކުރިމައްޗަށް ހުރި ސޯފާގައެވެ. ކޮފީ ތަށީގައި ހިފާފައިވެސް ޒޯހާ އިނީ އިސް އުފުލައި ނުލާން ހުވާކޮށްގެންނެވެ. އައިންތު ދެމީހުން އެކަނިކޮށްލައި ދިއުމުން ޒޯހާ ހައްތަހާ ނުތަނަވަސްވިއެވެ. އިޔަންގެ ތޫނު ނަޒަރު އެމޫނުން ވަކިވާނެ އެންމެ ވަގުތުކޮޅެއް ދެން ނައެވެ.

"ސޮރީ ޒޯހާ." އިޔަން އެމޫނު ދިރާސާ ކުރަން އިނދެފައި މަޢާފަށް އެދުނެވެ. "ގަބޫލު ކުރަން އަހަރެންގެ އިންޓެންޝަން ގޯސްކަމަށް. އަދި އެވެސް އެހާ އަވަހަށް." އިޔަންގެ ވާހަކަ ނިމުމުން ޒޯހާ އިސްއުފުލައިފައި ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލި އިރު ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ.

"ތި ސްމައިލްގެ މާނައަކީ މަޢާފް ކޮށްފީމޭތަ؟ ވަރަށް ރަނގަޅު ކަންފަތަށް އިވޭފަދަ ގޮތަކަށް ބުނިއްޔާ." އިޔަން ކޮފީ ތަށި މޭޒުމަތީ ބަހައްޓާފައި ދެއަތް ދެއަތާއި އުނގުޅައިލި އެވެ. "މަޢާފު ކޮށްފިން." ޒޯހާ ޖަވާބު ދިނެވެ. "ދެން ހިނގާ ދާން!" އިޔަންއަށް އިތުރު އެއްޗެއް ނުބުނެވެނީސް ޒޯހާ އަނެއްކާ ވާހަކަދެއްކިއެވެ. "އަމް..އޯކޭ." އިޔަން ވިސްނާލަން އުޅެފައި އެއްބަސްވިއެވެ. ދެމީހުން އެކުއެކީގައި ކޮޅަށް ތެދުވެގެން ދޮރާއި ހަމައަށް ދިޔައިރު ޒޯހާ ހުރީ އިޔަންގެ ފަހަތުގައެވެ.

"ޒޯހާ އަހަރެން މިއުޅެނީ މި ހަފްތާގައި ރާއްޖެ ތެރެއަށް ދާން. މަހެއްހާ ދުވަސްކޮށްފަ އަންނަ ގޮތަށް ޕްލޭން އޮތީ. އެއަށްފަހު ދެން ޖެހޭނީ އެނބުރި ކިޔަވަން ދާން." ދޮރާށިން ނިކުމެފައި އިޔަން ބުނެލި އެއްޗަކުން ޒޯހާ ސިހިއްޖެއެވެ. ހަތަރުކަޅި ހަމަވުމުން އިޔަންއަށް އެދެލޮލުން ނުތަނަވަސްކަން ފެނުނެވެ. "ހިނގާފައި ދޯ އައީ؟ ހިނގާ އަހަރެން ގެންގޮސްދޭނަން." އިޔަން ދައުވަތު ދިނުމުން ޒޯހާ އަވަސް އަވަހަށް ބޯ ހޫރުވައިލިއެވެ. "ގެ ވަރަށް ކައިރީގަ ހުންނާނީ." އިޔަންއަށް ފުރުސަތެއް ނުދީ ޒޯހާ ހިނގައިގެންފިއެވެ. އިޔަން ގޮސް ސައިކަލަށް އަރާފައި ޒޯހާގެ ފަސް ފަހަތުގައި އެކަމަކު ތަންކޮޅެއް ދުރުގައި ހުރެގެން ގެއަށް ވަންނާންދެން ލަސްލަހުން ދިޔައެވެ. ބޭނުމަކީ ޒޯހާ އަމާން ކަމާއި އެކު ގެއާއި ހަމައަށް ފޯރާތޯ ޔަޤީން ކުރުމެވެ.

ދެ ދުވަސް ފަހުން ހަމީދުގެ އާއިލާ އުގޫފާރަށް ދާން ފުރީ ޗުއްޓީ ހޭދަކޮށްލާށެވެ. އެރަށުގައި އެމީހުންގެ ތިމާގެ ބަޔަކު އުޅޭތީ އާއި ވެސް އެކު ނުދެވޭތާ ގިނަ ދުވަސް ވެގެންނެވެ. ފުރުމުގެ ކުރިން އެމޫނު ދެކެލުމުގެ ނަސީބު ނުލިބުނަސް ރެއާއި ދުވާލު އެއްފަހަރު ޒޯހާގެ އަޑު އިޔަންއަށް އިވެއެވެ. އުގޫފާރަށް ގޮސް އުޅެން ފެށުމުން މިއާވެސް ކުރިންހެން އެކުގައި ސަކަރާތް ޖަހައި އުޅެން ފަށައިފިއެވެ. އެކަމަކު ހަމަ ވާ ނުވާއެއް ނޭނގި ލަދު ގަނެގެން ފިލަން ދުވާ ވަގުތުވެސް މަދެއް ނޫނެވެ. އިޔަންއަށް ހީކުރެވުނީ މިއާއަށް އެހެން ފިރިހެން ކުއްޖަކު ދެކެ ލޯބި ވެވުމުން އަދި ކިރިޔާ ޒުވާންކަން ފުރިހަމަ ވީ ކަމަށެވެ. ލަދުވެތި ކަމަކީ ޒުވާންކަމުގެ އެއްބައި ކަމުގައި އިޔަން އަބަދުވެސް ގަބޫލު ކުރެއެވެ. އަނެއްކޮޅުން އެނބުރި އަންނަން ވީ ދުވަސް ކައިރިވީއިރު އިޔަން ހުރީ ޒޯހާ ދެކިލާ ހިތުން ކެތްމަދުވެފައެވެ.

އިޔަން އެނބުރި އައިސް ފަހު ބައްދަލުވުންވެސް ބޭއްވީ އައިންތުގެ ގޭގައެވެ. "ޤުރޫޕް ސްޓަޑީ"ގެ ބަހަނާގައި ޒޯހާ އެރޭ ގެއިން ނިކުތްއިރު ބުނެފައިވާ ގަޑިއަށްވުރެ އިތުރަށް ފަނަރަ މިނިޓް ހުއްޓެވެ. އިޔަން އައީ ޒޯހާ އިންތިޒާރުގައި ބެލްކަނީގައި ހިނގާލަ ހިނގާލަ ހުއްޓައެވެ. ފުރަތަމަވެސް އިޔަންއަށް ފާހަގަވީ ޒޯހާގެ ކުލަވަރު އެހެން ދުވަސްތަކާއި ތަފާތު ކަމެވެ. ހަމަ ފެންނައިރަށް ތިއައީދޯ އޭ ކިޔާފައި އައިސް ކައިރިއަށް ހުއްޓުނީ އަދި އަލަށެވެ. ލަދަކާއި ހުރެ ތަދެއް ނުފިލާނެކަން ޒޯހާއަށް އިހްސާސްވީ ކަންނޭނގެއެވެ. "ޒޯހާ! ކިހިނެއް ހާލު؟" އިޔަން އާދައިގެ މަތިން ސުވާލު ކޮށްލިއެވެ. "އިޔަން ކިހާ ދުވަހަކަށް މިފަހަރު ދާން ތިއުޅެނީ؟" ޒޯހާއަށް ޖަވާބު ދިނުން މުހިންމެއް ނުވިއެވެ. އަތުގެ އިނގިލިތަކާއި ކުޅެމުން ދިޔަ ގޮތުން ހިތް އަވަސްވެފައިވާ މިންވަރާއި ފެންކަޅިވެފައިވާ ލޮލުން ޒޯހާއަށް އަސަރު ކޮށްފައިވާކަން އިޔަން ދެނެގެންފިއެވެ.

"ކިޔަވަން އަދި ހަތަރު އަހަރު އެބައޮތް. އެކަމަކު އަހަރެން ކޮންމެ އަހަރަކު އެއްފަހަރު ޗުއްޓީއަށް އަންނާނަން."އިޔަންގެ ޖަވާބު އަހާފައި ޒޯހާގެ ލޮލަށް ކަރުނަ ގިނަވިތަން ފެނުނެވެ. "ޒޯހާ އަހަރެންނަށް ޓަކައި ވެއިޓް ކޮށްދީ!" އިޔަން އެހިމަހޯލި އިނގިލިތައް ނަގައި މުށުތެރޭގައި ހައްޔަރު ކޮށްލިއެވެ. ޒޯހާ ހުރީ އަނގައިން ނުބުނެވިފައެވެ. "ޒޯހާ! އައި ލަވް ޔޫ..." ފެށުނީއްސުރެ އެއަޑު އަހާލުމަށްޓަކައި ޒޯހާގެ ކަންފަތް ބޭޤަރާރުވެފައިވާ ލަފްޒްތައް އިޔަން ފައުޅުކޮށްލިއެވެ. ކަށި އިނގިއްޔަށް ފިނިވެގެން ބަލައިލި އިރު އިޔަން އަލިމަހުގެ އަނގޮޓިއެއް އެއިނގިލީގައި އަޅުވާލަނީއެވެ. ޒޯހާއަށް ދެންވެސް ވާހަކައެއް ނުދެއްކުނެވެ. ކުރެވުނުހާވެސް ކަމަކީ އިޔަންގެ މޭގައި މޫނު ފޮރުވައިލުމެވެ. ހޯސްލައިފައި ލޮލުން ފައިބައިގަތް ކަރުނައިން މޭމަތި ތެމެން ފެށުމުން އިޔަންއަށްވެސް ޒޯހާ ވަށާލައި އަތުތެރޭގައި ބާރަށް ހިފަހައްޓާލެވުނެވެ.
*****
އަށް އަހަރުފަހުން އިޔަން މިއަދު ރާއްޖެ އައީއެވެ. ކާރު އައިސް ގޭޓު ކުރިމައްޗަށް މަޑުކޮށްލުމުން އިޔަންއަށް ފެނުނީ މުޅިން ބަދަލުވެފައިވާ ގެއެކެވެ. ކުރީގެ އިމާރާތް ބަދަލުކޮށް އިތުރަށްވެސް ދެ އިމާރާތެއް ގޯތިތެރޭގައ އޮތް ހުސްތަންކޮޅުގައި އަޅާފައި ހުއްޓެވެ. އިޔަން ކާރުން ފައިބާފައި ހަމީދުގެ ފަހަތުގައި ހުރެގެން އެތެރެއަށް ވަންނަން ދިޔައިރު ކުރި އާއި ހިލާފަށް ފައިދަށުގައި އޮތް ފެހި ވިނަގަނޑާއި ބިޔަކޮށް ހެދިފައިވާ "ރީތިގަސް" ހާއްސަ ގޮތެއްގައި ފާހަގަ ކުރެވުނެވެ.

"މަރުހަބާ ޑޮކްޓަރ އިޔަން!" ގޭގެ ދޮރުމަތިން ނަޝީދު މަރުހަބާ ކިއެވެ. އިޔަން ހިނިތުންވުމާއެކު ނަޝީދު އާއި ސަލާމް ކޮށްލާފައި އެތެރެއަށް ވަދެގެން ދިޔައިރު ޒަމީހާ އާއި ޝާފިޔާ އުފާވެރި މޫނަކާއެކު ސައިތައްޔާރު ކުރަންވެގެން ދެކޮޅަށް ދުވެފައި އުޅޭތީ ފެނުނެވެ. ސައިބުއިމުގެ ކުރީން ތާޒާވެލަން ވަގުތުކޮޅެއް ދިންކަން އެއީ އިޔަންގެ ނަސީބެވެ. އޭނާ ހުރީ އެފަދަ ވަގުތު ކޮޅަކަށް ބޭނުންވެފައެވެ. ކޮޓަރިއަށް ވަދެފައި އިޔަން އެހުރި ގޮތަށް ވެއްޓިގަތީ އެނދަށެވެ. އަންނަން ހިޔާލު ކުރީއްސުރެ މިލާފައިވާ އެމޫނަށް ގަދަކަމުން ހިނިތުންވުމެއް ވެރި ކުރީ ކިހިނެއްކަން އެކަކަށްވެސް ނޭނގޭނެއެވެ. އެހިޔާލުންވެސް އޭނާގެ ހަނދާންތައް ގުޅުނީ އެންމެ ނަމަކާއެވެ. އެއީ އޭނާ މާލެއިން ފުރިތާ ހަމަސް ނުވަނީސް ބޭވަފާތެރިވި ލޯބިވެރިޔާއެވެ.

މޯޑުގެ ފަރާތުން ޒޯހާގެ ކައިވެނީގެ ޚަބަރު ލިބުމުން އިޔަން ޗުއްޓީއަށްވެސް ރާއްޖެ އަންނާކަށް ބޭނުމެއް ނުވިއެވެ. ކާމިޔާބު "ކާޑިއަލޮޖިސްޓަކަށް" ވުމަށްފަހު އިޔަން ފުރަތަމަ ވަޒީފާ އަދާކުރަން ފެށީވެސް އެކޮޅުގައެވެ. އާއިލާމީހުން ބާރު ނޭޅިނަމަ ކިއެވުން ނިންމާފައިވެސް ދުވަހަކުވެސް އެނބުރި އަންނާކަށް ބޭނުމެއް ނުވީހެވެ. އެންމެ ދެ މަހެއްހާ ދުވަހުގެ ގާތްކަމުން ހިތުގައި އުފެދުނު ލޯބި އެހާބޮޑަށް ވަކި ހިއްޕައިލާނެހެން ހީވެސް ނުވެއެވެ.

"ކޮބާ މިއާ؟" ސައިބޯން އިނދެފައި އިޔަންއަށް މިއާ ނެތްކަން ފާހަގަވިއެވެ. "މިއާ ޑިއުޓީގައި." ނަޝީދު ޖަވާބުދިނެވެ. "އެހެންތަ؟ އޭނަ ކޮންކަހަލަ ވަޒީފާއެއްގައި އުޅެނީ؟" އިޔަން އޮޅުން ފިލުވަން ބޭނުންވިއެވެ. އަށް އަހަރުތެރޭގައި އޭނާ ޒޯހާ ހަނދާން ނައްތާލަން މަސައްކަތް ކުރި ގޮތަށް އާއިލާވެސް ދުރު ކޮށްލާފައި ވެއެވެ. "ކޮމްޕެނީގެ ވައިސް ޕްރެޒިޑެންޓް" ޒަމީހާ ފަޚުރުވެރި ކަމާއެކު ބުނެލިއެވެ. އިޔަން ލުއި ހިނިތުން ވެލުމަކަށް ފަހު ސައިޖޯޑުން އެތި ފޮދެއް ރަހަ ބަލައިލިއެވެ. އެހާ އަވަހަށްވެސް ގޭގެ ބޮޑެތި މީހުން ދެއްކީ އިޔަން އައުމުގެ އުފަލުގައި ގޭގައި ހާއްސަ ހަފްލާއެއް ބާއްވާ ވާހަކައެވެ. އިޔަންއަށް މާބޮޑަކަށް ކަމަކު ނުދިޔައެވެ. އެކަމަކު ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. އުމުރުން ދުވަސް ވިއަސް އަދި މަތީ މަޤާމެއް ހާސިލް ވިއަސް އާއިލާގެ ބޮޑެތި މީހުންނަށް އޭނާ ކުރާ ޤަދަރު އަދިވެސް އޮތީ އެގޮތުގައެވެ. ބައްޕަގެ ހަރުކަށި މިޒާޖުދެކެ ޖެހިލުންވުމާއިއެކު ބޮޑުބޭބެގެ އެކުވެރި މިޒާޖަށް ލޯބި ކުރެވެއެވެ.

މޯޑުއާއި ބައްދަލު ކުރަން އިޔަން ދިޔައީ ހަވީރުގެ ވަގުތުގައެވެ. ދޮރު ހުޅުވާފައި މޯޑު ހުރީ ބަސް ހުއްޓިފައެވެ. އިޔަން އިސްތަށިގަނޑު ހިސާބަކަށް ދިގު ކޮށްލައި ތުނބުޅި މަތިމަސް ބަހައްޓާފައި ހުރުމުން ތަފާތު ވެގެނެއް ނޫނެވެ. އެކަމަކު އެޒުވާނާއަކީ އޭނާ އަށް އަހަރު ކުރީން ބައްދަލު ވުމަށްފަހު އެއްވެސް ހަބަރެއް ނުވި އެކުވެރި އަކަށް ވީތީއެވެ. ޒޯހާގެ ޚަބަރު މޯޑު ދިން ދުވަހު ފޯން ކަނޑާލި ގޮތަށް އަދަށް ދާންދެން އިޔަން ހުރީ އެގޮތުގައެވެ. ގުޅުން ކަނޑާލައިގެންނެވެ. "އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟" އިޔަންގެ ސީރިއަސް މޫނަށް ލުއި ހިނިތުންވުމެއް ވެރި ކުރުވިއެވެ. "ނޫނޭ. އަވަހަށް އާދޭ!" މޯޑު އިޔަންއަށް ތަން ދައްކާފައި އަންހެނުންނަށް ގޮވައިލީ ސައި ގެންނާށެވެ. ދެމީހުން އެކަކު އަނެކަކާއި ކުރިމަތި ލައިގެން ސޯފާގައި އިންދާ ތިން އަހަރަށް ދާ ކުޑަ އަންހެން ކުއްޖަކު ދުވެލާފައި އައިސް މޯޑުގެ އުނގަށް ވަދެއްޖެއެވެ.

"މޯޑުގެތަ؟" އިޔަންގެ ސަމާލުކަން އެ ތުއްތު ކުއްޖާ ދަމައިގެންފިއެވެ. ދޮން ދޮން ރީތި ކުއްޖެކެވެ. މޯޑު ބޯ ޖަހައިލި ފަހުން އަންހެނުން އައީ ތަބަކެއްގައި ދެ ޖޯޑު ސަޔާއި ހެދިކާ ތައްޓެއް ބަހައްޓައިގެންނެވެ. މޯޑުގެ އަންހެނުން އަފީފާ ތައާރަފް ކޮށްދިނުމުން ނުހަނު ގާތްކޮށް ވާހަކަ ދެއްކިއެވެ. ސައިބޯން އިނދެވެސް އިޔަންގެ ނަޒަރު އިރުއިރުކޮޅާ ހުއްޓެނީ މޯޑުގެ އަންހެން ދަރިފުޅަށެވެ.

"ޒޯހާވެސް މިހާރު ހުންނާނެ ދޯ މިވަރުގެ ދެތިން ކުދިން؟" އަފީފާ އެތެރެއަށް ވަދެގެން ދިޔަ ފަހުން އިޔަންގެ ހިތަށް އުދަނގޫ ކުރަމުން ދިޔަ ސުވާލު އެންމެ ފަހުން ދުލާއި ހަމައަށް ގެނައެވެ. މޯޑު ސިހިގެން ގޮއްސައި ބަލައިލިއެވެ. އެހާ ދުވަސް ފަހުންވެސް އިޔަން ޒޯހާ މަތިން ހަނދާން ހުރީތީ އޭނާ އަޖައިބު ވެއްޖެއެވެ. "އޭނަގެ ނުހުރޭ ދަރިއަކު. މިހާރު ވަރިކޮށްފަ ހުންނަތާވެސް ހަތަރު އަހަރު ވަނީ." މޯޑުގެ ޖަވާބު އަހާފައި އިޔަންމެ މެއަށް ކަށިތަކެއް ހަރައިލި ކަހަލައެވެ. ފުންމައިގެން ތެދުވެވުނު އިރު ލޮލުގައި ކަރުނަ ހިނގާލައިފިއެވެ. "އިޔަން! ޒޯހާ އުޅުނީ ވަރަށް ހާލުގައި. އެކައިވެންޏަކީވެސް އޭނާއަށް މަޖުބޫރު ކޮށްގެން ކުރި ކައިވެންޏެއް. ފިރިމީހާ ވަރަށް އަނިޔާވެސް ކުރި ކަމަށް ވަނީ. ކައިވެންޏަށް ހަތަރު އަހަރު ވާން އުޅެނިކޮށް ވަރި ކުރި ޚަބަރު ލިބުނީ. ދަރިން ނުލިބޭ އަންހެނެކޭ ކިޔާފަޔޯ. ޒޯހާ ވަރިކުރިތަނާ ރަވީދުބޭވެސް ނިޔާވީ." އިޔަން ދެކޮޅަށް ހިނގަން ފެށިތަނާ މޯޑު ކިޔައިދިނެވެ.

"ކީއްވެ ތިވާހަކަތައް ކުރިން ނުބުނީ؟" އިޔަންގެ އަޑުގައި އެއްފަހަރާ އެތައް ހާސް އަސަރެއް އެކުލެވިގެން ދިޔައެވެ. "އިޔަން އަހަރެންނަށް ފުރުސަތެއް ނުދެމެއްނު. އެވާހަކަ ބުނިތަނާ ފޯން ކަނޑާލީ. އޭގެ ފަހުން އެއްވެސް ގޮތަކުން ކޮންޓެކްޓެއް ނުބާއްވާ." މޯޑު ވާހަކަދެއްކިއެވެ. އިޔަން އިތުރަށް އެކައްޗެއްވެސް ނުބުނެ އެގެއިން ނިކުތްގޮތަށް ކާރުގައި މިސްރާބު ޖެހީ ޒޯހާގެ ގެއަށެވެ.

އިޔަން ކާރުން ފޭބިއިރު އެގެ ފެނުނީ ކުރި އާއި ދާދި އެއްގޮތަކަށް ހުއްޓައެވެ. އަށް އަހަރު ތެރޭގައިވެސް އައިސްފައި ވަނީ ހާދަ ކުޑަ ބަދަލު ތަކެކެވެ. އިޔަން ގޮސް ހުއްޓިފައި ތުރު ތުރު އަޅާ އަތްތިލައިން ބެލް ޖަހާލުމުން ކޮންމެވެސް މީހަކު ދޮރު ހުޅުވައިފިއެވެ.
(ނުނިމޭ)