20 Jul 2013, 23:05
ކީރިތިޤުރުއާނުގެ ސޫރަތުލް ބަޤަރާގެ އެތައް އާޔަތްތަކެއްގައިވަނީ ރޯދަޔާ ބެހޭ ޙުކުމްތައް ބާވައިލައްވައިފައެވެ. އެޙުކުމްތަކުގެ ތެރޭގައި ރޯދަވެރީންނަށް ދެއްވައިފައިވާ ދެބާވަތެއްގެ ރުޚުޞަތުގެ ވާހަކަވެސް ވަނީ ބަޔާންކުރައްވައިފައެވެ. އެއްބާވަތެއްގެ ރުޚުޞަތަކީ ކަނޑައަޅުއްވައިފައިވާ ބަޔަކަށް ލިބޭ މުސްތަޤިއްލު ރުޚުޞަތެކެވެ. އެރުޚުޞަތުގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ އަންނަނިވި ފަދައިންނެވެ.
"އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. (ފިދުޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ." (އަލްބަޤަރާ:184)
މިބައިގައި ހިމެނޭ މީހުންނަކީ ކޮންމެވެސް ޝަރުޢީ ޢުޒުރެއްގެ މައްޗަށް ބިނާކޮށް މުސްތަގިއްލުގޮތެއްގައި ރޯދަހިފުމަށް ނުކުޅެދޭ މީހުންނެވެ. އެފަދަ މީހުނަށްޓަަކައި އިސްލާމީ ޝަރީޢަތުގައި ދެއްވައިފައިވާ ރުޚުޞަތަކީ ރަމަޟާން މަހު ރޯދަ ނުހިފައި ދޫކޮށްލުމާއި އެރޯދައިގެ ބަދަލުގައި ކައްފާރާއެއްގެ ގޮތުން ފިދުޔަ ދިނުމެވެ.
ރުޚުޞަތުގެ ދެވަނަ ބާވަތް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވަނީ އަންނަނިވި މޭރުމުންނެވެ.
"ބަލިވެއުޅޭ މީހާ ނުވަތް ދަތުރެއްގެ މަތީގައިވާމީހާ (އެމައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެޢަދަދު ހަމަކުރުން ހުއްޓެވެ." (އަލްބަޤަރާ: 185)
މިއީ ވަގުތީ ޢުޒުރަކަށްޓަކައި ދެއްވައިފައިވާ ރުޚުޞަތެވެ. އާދެ، ރޯދަހިފުމުގެ ޤާބިލުކަން ލިބިފައިވާ މީހަކަށް ޝަރުޢީ ޢުޒުރެއް މެދުވެރިވުމުން އެޝަރުޢީ ޢުޒުރު ހުއްދަކުރާ މިންވަރަކަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުމާއި ރަމަޟާން މަހަށް ފަހު އެމީހަކު އެދޫކޮށްލި ރޯދަ ޤަޟާކުރުމެވެ.
މިދެންނެވި ދެރުޚުޞަތުގެ ވާހަކަ ބަޔާންކުރެއްވުމަށް ފަހު ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައިފައި ވެއެވެ.
"މާތްﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ.އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައް މިގޮތަށް ކަނޑުއަޅުއްވައިފައިވަނީ) ތިޔަބައިމީހުން އެމައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުން ތެދުމަގު ދެއްކެވިކަންމައްޗަށް ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ އަށް) ޝުކުރުވެރިވުމަށްޓަކައެވެ." (އަލްބަޤަރާ: 185)
ޢިލްމުވެރީން ލިޔުއްވާގޮތުގައި މިއާޔަތްތަކާ މެދު ވިސްނައި ފިކުރުކޮށްލުމުން އެނގޭގޮތުގައި ދީނީ ހުކުމް ތަކުގެ ދެބައެއްވެއެވެ. އެއްބަޔަކީ އެހުކުމެއްގެ ބޭރުފުށުގެ ސިފައިގެބައެވެ. ރޯދައިގެ ބޭރުފުށުގެ ސިފައަކީ އިންސާނާ ރޯދަމަހުގެ ދުވާލުގެވަގުތުތަކުގައި ކެއިންބުއިމާއި އެނޫންވެސް ރޯދަގެއްލޭ ކަންތައްތަކާ ދުރުވުމެވެ. ރޯދައިގެ ރޫޙަކީ މާތްﷲ އަށް ތަކުބީރުކިޔުމާއި، އެކަލާނގެ އަށް ޝުކުރުއަދާކުރުމެވެ. މާތްﷲ ގެ މަތިވެރިވަންތަކަމާއި ގަދަކީރިތިވަންތަކަމާއި ކަށަކުޅަދުންވަންތަ ކަމުގެ އިޙްސާސް އިންސާނާއަށް ވެރިވެފައިވުމެވެ. މާތްﷲ ގެ ދީލަތިވަންތަކަމާއި އެކަލާނގެ ދެއްވާ ދެއްވުންތަކާމެދު އޭނާގެ ކިބައި ގައި ނުހަނު ފުން ޝުކުރުގެ ޖަޒުބާތުތަކެއް އުފެދިފައިވުމެވެ.
އިސްވެދިޔަ އާޔަތްތަކަށް ވިސްނައިލުމުން އެނގެނީ ކީރިތިޤުރުއާނުގައި ކަންކަމުގެ ބޭރުފުށުގެ ސިފަޔާއި އެކަންކަމުގެ ރޫޙާތަފާތު ކުރައްވައިފައިވާކަމެވެ. އިސްވެދެންނެވި އާޔަތުގައި "ލުއިފަސޭހަ" ގޮތާއި "އުނދަގޫ" ގޮތުގެ ނަމުގައި ބަޔާންކުރައްވަނީ އެތަފާތެވެ. ރޯދައިގެ ބޭރުފުށުގެ ސިފަޔަށް އެކަނި އަހަމިއްޔަތުދެއްވައި ހުރިހާ ޙާލަތެއްގައިމެ ރޯދަހިފުން ލާޒިމުކުރެއްވިނަމަ އެކަންވީހީ މުއުމިނުންނަށް ވަރަށް އުނދަގޫ ކަމަކަށެވެ. ވަރަށްބޮޑު ބުރަޔަކަށެވެ. އެހެންކަމުން ރޯދަހިފުމަކީ ދަތިކަމަކަށް ވާފަދަ ޙާލަތްތަކުގައި ފަސޭހަގޮތެއް ދައްކަވައި ލުއިކޮށްދެއްވައިފައިވާ ކަމީ މާތްﷲ ގެ ރަޙްމަތްވަންތަކަމެވެ.
ދީނީ ޙުކުމްތަކުގެ ދެވަނަބައި ކަމުގައިވާ އެކަންކަމުގެ ރޫޙުގެ މުޢާމަލާގައި އެއްވެސް ކަަހަލަ ރުޚުޞަތެއް ލައްވައިފައެއް ނުވެއެވެ. އެކަންކަމުގެ ރޫޙީ ބަޔަކީ ހުރިހާ ޙާލަތެއްގައިވެސް މުޠުލަޤު ގޮތެއްގައި މުއުމިނުންގެ ކިބައިން އެދެވިގެންވާ ބައެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ބޭރުފުށުގެ ސިފައިގައި އެކަންކަން ފުރިހަމަ ކުރަން އުނދަގޫވާ ޙާލަތްތަކުގައި ޝަރީޢަތުގައި ބަދަލުގޮތެއް ދައްކަވައިފައިވުމާއި ރޫޙާނީ ބަޔާބެހޭގޮތުން އެއްވެސް ތަފާތެއް ގެނައުމަށް ޖާގަނުދެއްވައި އެބައިފުރިހަމަކުރަން ހަމަޖެއްސެވުމަކީ އިލާހީ ރަޙްމަތްފުޅެވެ. ރޯދައިގައި ހިމެނޭ ޝަހުވަތްތަކާ ދުރުހެލިވުމާއި، އެއްޗެއް ނުކައި ނުބޮއި ހުރުމަކީ ރޯދައިގެ ބޭރުފުށުގެ ބައެވެ. އަނެއްކޮޅުން ހެއްދެވިފަރާތަށް ތަކުބީރުކިޔުމާއި، އިލާހުވަންތަ ރަސްކަލާނގެއަށް ޝުކުރުއަދާކުރުމަކީ ރޯދައިގެ ރޫޙީބައެވެ. އެބަޔަށް ދެއްވައިފައިވަނީ މުޠުލަޤު ޙައިޡިއްޔަތެކެވެ. އެކަންވަނީ ވަކި ޙާލަތެއް އިސްތިސްނާކުރެއްވުމެއްނެތި ލާޒިމުކުރައްވައި ދަމަހައްޓަވައިފައެވެ.
އާދެ، މިއީ އިސްލާމީ ޝަރީޢަތުގެ ވަރަށް މުހިއްމު އުޞޫލެކެވެ. މިއުޞޫލު ގުޅިފައިވަނީ ހަމައެކަނި ރޯދަޔަކާ ނޫނެވެ. ދީނުގެ ހުރިހާ މުޢާމަލާއަކާއެވެ. ދަތުރުވެރިޔާގެ ނަމާދުގައިވެސް ވަނީ މިދެންނެވި ފަދަ ފަސޭހަ ބަދަލުގޮތެއް ލައްވައިފައެވެ. މިއީ އިސްލާމީ ޝަރީޢަތުގެ ތަޙްލީޤީ އުޞޫލެކެވެ. "ކްރިއޭޓިވް ޕްރިންސިޕަލެކެވެ." މިއުޞޫލު ގަރަންޓީކޮށްދެނީ އީމާންކަމުގެ އަހުލުވެރީންގެ މެދުގައި ޝަރީޢަތުގެ އަޞްލުރޫޙު އަބަދުވެސް ދެމިއޮތުމެވެ. އެކަމަށް އެއްވެސް ޙާލެއްގައި އެއްވެސް ސިފައެއްގައި އުނިކަމެއް ނައުމެވެ.