20 Jul 2013, 22:38
"ގައުމައިގެން ކުރިއަށް ކޯލިޝަނުން" އަދާލަތު ޕާޓީ އާއި ގައުމީ ޕާޓީން ވަކިވުމާ ގުޅިގެން މާބޮޑު އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޑރ. މުހައްމަދު ވަހީދު ފިނި ޖަވާބެއް ދެއްވައިފި އެވެ.
އައްޑޫ ސިޓީ އަށް ކުރައްވައިގެން އުޅުއްވާ ކެމްޕެއިން ދަތުރުފުޅުގައި ސަން އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކޮންމެ ބޭފުޅެއްގެ ވެސް ސިޔާސީ އުއްމީދުތަކެއް ހުންނާނެ ކަމަށާއި އެ އުއްމީދުތައް ހާސިލު ކުރުމަށް އަޅުއްވާ ފިޔަވަޅަކަށް އެމަނިކުފާނު އެއްޗެއް ވިދާޅުވުމަކީ ރަނގަޅު ކަމެއް ކަމުގައި ދެކިވަޑައިނުގަންނަޥާ ކަމަށެވެ.
"ސިޔާސީ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ވެސް އުއްމީދުތަކެއް ހުންނާނެ. އެހެންވީމާ އެ އުއްމީދުތަކަށް އެ ބޭފުޅުނަށް ފެންނަ ރަނގަޅު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާނެ، އެއަށް އަޅުގަނޑު އެއްޗެއް ބުނުމަކީ ރަނގަޅު ކަމެއް ނޫން،" އަދާލަތާއި ގައުމީ ޕާޓީ ކޯލިޝަނުން ވަކިވެގެން ދިއުމުގެ ސަބަބެއް ކަމަށް ދެކިވަޑައިގަންނަ ވަނީ ކޮންކަމެއްތޯ ދެންނެވުމުން ރައީސ ޑރ. ވަހީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަދާލަތާއި ގައުމީ ޕާޓީ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ކެމްޕެއިނަށް ބޮޑު ހިނަރުކަމެއް ނައިސް ކުރިއަށްދާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ދެރަ އެ ބޭފުޅުން ވަޑައިގެންނެވީމާ. އެހެންނަަމަވެސް އިރާދަކުރެއްވިޔާ ކެމްޕެއިން ވަރަށް ފޯރިއާ އެކު ކުރިއަށްދާނެ. އަދި އެ ބޭފުޅުން ވަޑައިގަތުމުން މާބޮޑު ހިނަރުކަމެެއް އިރާދަކުރެއްވިއްޔާ ކެމްޕޭނަކަށް ނުލިބޭނެ،" އަމިއްލަ ގޮތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވާފައިވާ ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ކޯލިޝަން ތެރޭގައި ހަގީގަތް ނޭނގޭ ކަންތައް ތަކެއް ހިނގަމުންދާ ކަމަށްބުނެ ރައީސް ވަހީދު ކޯލިޝަނުން އެ ޕާޓީ ވަކިވެފައިވާ އިރު ރައީސް ވަހީދު މިއަދު ވިދާޅުވީ ހަގީގަތް ނޭނގެނީ ކޮންކަމެއްގެކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އަދި އެ ދެ ޕާޓީ ވަކިވެގެން ދިޔަ ސަބަބު އެންމެ ރަނގަޅަށް އެނގޭނީ ވެސް އެ ދެ ޕާޓީ އަށް ކަމަށާއި އެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ހަގީގަތްނޭނގޭ ކަމެކޭ އެހެން ވިދާޅުވިއަސް ނޭނގޭނެ. ހަގީގަތް ނޭނގޭ ކަމެއް ވިިދާޅުވީމަތާ އިނގޭނީ ކޮންކަމެއްގެ ހަގީގަތެއްކަން ނޭނގިގެން މި އުޅެނީ. އޭރުންތާ އިނގޭނީ އެކަމެއް ސާފުކުރަން ވެސް. ހަގީގަތް ނޭނގޭ ކަންތައްތަކެކޭ ބުންޏަސް ނޭނގޭނެ،" އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމާން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ ވިދާޅުވި އެވެ.
ރައީސް ވަހީދުގެ ކޯލިޝަން ވަކިވެގެން އަދާލަތު ޕާޓީއާ ގައުމީ ކޯލިޝަން ހަދާފައި ވަނީ ޖުމްހޫރީ ޕާޓީއާ އެކުގަ އެވެ. އަދި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ވެވަޑައިގެންފަ އެވެ.
ރައީސް ވަހީދު ކޯލިޝަނުން އަދާލަތު ޕާޓީއާ ގައުމީ ޕާޓީވަކިވިފަހުން ރައީސް ޑރ. ވަހީދު އައްޑޫ ސިޓީ އަށް އިއްޔެ އިން ފެށިގެން ކުރައްވައިގެން އުޅުއްވާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫގެ ބައެއް ގޭގެ އަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި އައްޑޫ ސިޓީ ހިތަދޫގައި ކެމްޕެއިން ޖަލްސާއެއް ރޭ ބާއްވާފައިވާ އިރު ފޭދޫގައި ހާއްސަ ތަރާވީހެއް މިރޭ ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ.