20 Jul 2013, 22:27
މުޅި އާއިލާ އޮތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ޗެނަލް 13ގައި ވާހަކަ ދައްކަވަމުން މައުމޫންގެ ދަރިކަލުން ވިދާޅުވީ ޔާމީންގެ ކެމްޕޭންގެ ހަރަކާތްތަކުގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މުޅި އާއިލާ އޮތީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އެކު. އަދި އެ މަނިކުފާނުގެ ކެމްޕޭން ހަރަކާތްތަކުގައި ރައީސް މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
ޣައްސާން އެހެން ވިދާޅުވި އިރު ބައެއް ފަރާތްތަކުން ދަނީ މައުމޫންގެ ބައެއް ބޭފުޅުން ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތަކުން ނުފެންނަ ކަމަށް ބުނަމުންނެވެ. އަދި މައުމޫން ވެސް އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ރ. އަތޮޅުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހ. މީނާޒްގައި ބޭއްވި ހަރަކާތުގައި ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިރޭ އާޓފިޝަލް ބީޗްގައި ބާއްވާ ޖަލްސާގައި ވެސް މައުމޫން ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ހޮވާފައި ވަނީ ވަރަށް ޓްރާންސްޕޭރަންޓް އަދި ވާދަވެރި އިންތިހާބެއްގައި ވާދަކުރައްވައިގެން ކަމަށެވެ. އަދި ރަނިންމޭޓްކަމަށް ގައުމީ ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އައްޔަންކުރައްވާފައި ވަނީ ޕާޓީގެ ކައުންސިލްގެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ މެނިފެސްޓޯ ވަރަށް އަވަހަށް ލޯންޗް ކުރާނެ ކަމަށެވެ. އެ މެނިފެސްޓޯ އެކުލަވާލުމަށް ވަރަށް ގިނަ ކަންތައްތަކެއް ތަހުލީލުކޮށް އަދި ދިރާސާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.