20 Jul 2013, 20:57
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ސެމީ ފަނަލުން، މާލޭސް މެލޯއާއި ހޮބީސްޓް އަދި އެންކާ ލިލީ ޖާގަ ހޯދައިފި އެވެ.
މާލޭސް މެލޯ ސެމީފައިނަލުން ޖާގަ ހޯދީ ހަ ޕޮއިންޓާއެކު ގްރޫޕް އެކެއްގެ ކުރި ހޯދައިގެންނެވެ. އަދި ހަ ޕޮއިންޓާއެކު ގްރޫޕް ދޭއްގެ ކުރި ހޯދައިގެން ހޮބީސްޓް ސެމީއަށް ދިޔައިރު، އެންކާ ލިލީ ސެމީއިން ޖާގަ ހޯދީ ހަ ޕޮއިންޓާއެކު ގްރޫޕް ތިނެއްގެ ކުރި ހޯދައިގެންނެވެ. ސެމީފައިނަލްގެ ފަހު ޖާގަ ލިބޭނީ މާދަމާ ހަވީރު އެމްއީކިޔޫއާއި މާލޭ ސްޕޯޓްސް ކްލަބް ކުޅެގެން މޮޅުވާޓީމެކަށެވެ.
އަލޯރާ އޯޕަންޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ މިއަދުގެ ފުރަތަމަ މެޗް، ބްރޫޗް ގަޑިއަށް ހާޒިރުނުވުމުން އަމްޕަޔަރުން ނިންމީ އެ މެޗު އޮކްސިލަސްއަށް ލިބުނީ ކަމަށެވެ. ދެވަނަ މެޗް ސީބީއެލްއާއި ބައްދަލުކޮށް 36 ލަނޑުން ކާމިޔާބުކުރީ ހޮބީސްޓް އެވެ.
މެޗުގެ ޓޮސް ދިމާވުމުން ހޮބީސްޓް ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި 120 ލަނޑުހެދިއެވެ. ޖަވާބުގައި ސީބީއެލް ކުޅެންއަރައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 84 ލަނޑުހެދި އެވެ.
މިއަދުގެ ދެމެޗު ނިމުމުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ނުކުޅެ ބާކީ އޮންނާނީ އެންމެ ދެމެޗެވެ.