20 Jul 2013, 16:19
ރާއްޖޭގެ ޝަރުއީ ނިޒާމަށް އިތުރު ހަރުދަނާ ކަމެއް ގެނައުމަށް ގާނޫނު އަސާސީއާ ގާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މިހާތަނަށް ކުރެވުނު ތަޖުރިބާ އިން ރާއްޖޭގެ ޝަރުއީ ނިޒާމަށް އިތުރު ހަރުދަނާ ކަމެއް ގެނައުމަށްޓައި ގާނޫނު އަސާސީއާ ގާނޫނުތަކަށް އިސްލާހު ގެނެސް އިތުރު ގާނޫނުތަކެއް ފާސްކުރަން ޖެހޭކަން އެނގުނު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ނިޒާމަށް ބޭނުންވާ ކަމާގުޅުންހުރި ގާނޫނުތައް ވީހާވެސް އަވަހަކަށް ބޭނުންވާ ކަމަށެވެ.
".... މިހާތަނަށް ކުރެވުނު ތަޖުރިބާއިން އެނގުނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އިތުރު ހަރުދަނާ ކަމެއް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭނެ ކަމެވެ. އަދި ކަމާގުޅުންހުރި ގާނޫނުތަކަށް ވެސް ބަދަލު ގެންނަންޖެހޭނެ ކަމެވެ. ހަމައެހެންމެ ޝަރުއީ ނިޒާމަށް ބޭނުންވާ ކަމާ ގުޅުންހުރި ގާނޫނުތައް ވީހާވެސް އަވަހަކަށް ބޭނުންވާނޭ ކަމެވެ،" އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އުއްތަމަފަނޑިޔާރު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިންތިހާއަށް ވާދަވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި އެއްވެސް ސިޔާސީ މަގުސަދެއް ހާސިލުރުމުގެ ގޮތުން ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ ނަމުގައި ޝަރުއީ ނިޒާމް "ހަދަފަކަށް" ނުހެދުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ޝަރުއީ ނިޒާމާ ބެހޭގޮތުން ނުބައިތަސައްވުރެއް ދެވޭފަދަ ނުވަތަ ހަގީގަތް އޮޅޭފަދަ އެއްވެސް ވާހަކެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރު މިފަދަ ބަޔާނެއް ނެރުއްވާފައި ވަނީ ރޭ ޕީޕީއެމް އިން ނަސަންދުރާ ޕެލެސް ހޮޓަލްގައި ބޭއްވި ބައްދަލުވުމެއްގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު ޝަރުއީ ނިޒާމަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައި ވަނިކޮށެވެ.
ޑރ. ޖަމީލު ރޭ ވިދާޅުވެފައި ވަނީ މިނިވަން ޝަރުއީ ނިޒާމެއް ގެނައުމުގެ ބޭނުމުގައި އާ ގާނޫނު އަސާސީގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނަކާއި ކަމާބެހޭ ގާނޫނުތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެހެން ފަރާތްތަކަށް ނުލިބޭ ވަރުގެ ބޮޑެތި މުސާރަ އާއި އިނާޔަތްތައް ފަނޑިޔާރުންނަށް ދެމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ފައިސާއިން އެ ހުރިހާ ކަމެއް ހަމަޖައްސަމުންދާއިރު ރައްޔިތުންނަށް އިންސާފު ލިބެމުންދޭތޯ މިއަދު ސުވާލު އުފެދޭ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.