ތަރާވީސް ނަމާދާއި ދަމު ނަމާދުތައް ކުރާ އިރު ބާރަށް އަޑުގަދަކުރާ ބޭނުން ނުކުރުމަށް އައްޑޫ ސިޓީގެ މިސްކިތްތަކުގެ މުދިމުންނަށް ސިޓީ ކައުންސިލުން އަންގައިފި އެވެ.

އައްޑޫން ސަން އަށް މައުލޫމާތު ދިން މީހަކު މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު އިމާމުން ލައްވައި ލިޔުމެއްގައި ސޮއި ކުރުވާފައިވާ ކަމަށެވެ. އަދި އެ ލިޔުމުގައި ބުނާ ގޮތުން އަޑުގަދަކުރާ ބާރަށް ބޭނުން ކުރެވޭނީ ރޭގަނޑުގެ ނަމާދު ގަނޑިތަކާއި ބަންގި ގޮވުމަށާއި ހުކުރު ޚުތުބާ ކިޔުމަށް އެކަންޏެވެ. ތަރާވީސް ކުރުމާއި ދަމު ނަމާދު ކުރަން ޖެހޭނީ ލައުޑް ސްޕީކަރުގެ ވޮލިއަމު ދަށްކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު އެސްއެމްއެސް މެދުވެރިކޮށް ސަން އަށް ވިދާޅުވީ ނަމާދު ކުރުމުގައި މައިކް ބޭނުން ކުރުން މަނާ ނުކުރާ ކަމަށާއި ނަމަވެސް "ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކު ތާޅަފިލި ބޭނުން ނުކުރާ ގޮތަށް އަބަދުވެސް ހަމަޖެހިފައި އޮންނަ" ކަމަށާއި "އަލަށް ވަކި ކަމެއް މަނާކޮށްފައި" ނުވާ ކަމަށެވެ.