އުމްރާއަށް ދިއުމަށް ކުންފުނިތަކަށް ފައިސާ ދައްކާފައިވާ މީހުނަށް ސައުދީއަށް ދިއުމަށް ވިސާ ނުލިބުމުން، އުމުރާ ދަތުރަށް ދެއްކި ބައެއް ފައިސާ އަބުރާ ނުލިބޭ ގޮތް މެދުވެރިވެއްޖެ އެވެ.

އުމުރާއަށް ދިއުމަށް ދެއްކި ފައިސާތަކުގެ ތެރެއިން ނުލިބޭނީ އެއާލައިންތަކަށް ދައްކާފައިވާ ފައިސާ އާއި ވިސާ ޖެހުމަށް ދައްކާފައިވާ ފައިސާގެ އިތުރުން އުމުރާއަށް ގޮސް ތިބޭނެ ހޮޓަލަށް ދެއްކި ފައިސާ އެވެ.

އަލްބަޓްރޮސް އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބުނީ އެ ކުންފުނީގެ އުމްރާ ދަތުރުގެ ބައިވެރިން ސައުދީއަށް ދިއުމަށް ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހު އައިލެންޑް އޭވިއޭޝަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށެވެ. ނަމަވެސް ގިނަ ބަޔަކަށް ވިސާ ނުލިބުމުން މިހާރު އެ ދަތުރު ފަސްކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ ހުރިހާ އުމްރާވެރިންނަށް ވިސާ ލިބިއްޖެނަމަ އަންނަ ހަފްތާގައި ޖިއްދާއަށް ފުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާލައިންގެ ޓިކެޓަށް ދައްކާފައިވާ ފައިސާއަކީ އަބުރާ ލިބޭނެ ފައިސާއެއް ނޫން ކަމަށް އަލްބަޓްރޮސްއިން ބުންޏެވެ.

އުމްރާއަށް ދިނުމަށް ފައިސާ ދައްކާފައިވާ ހުރިހާ އެންމެންގެ ޕާސްޕޯޓާއި ކޮންމެ މީހަކަށް ވިސާ ޖެހުމަށް ދައްކާފައިވާ 150 ޑޮލަރު ލައްކާގެ އެޖެންޓަށް ދީފައިވާ ކަމަށް އެ އަލްބަޓްރޮސް ކުންފުނިން ބުންޏެވެ. ނަމަވެސް ވިސާ ނުލިބުނަސް ވިސާ ޖެހުމަށް އެޖެންޓަށް ދެއްކި ފައިސާއަކީ އަބުރާ ލިބޭނެ ފައިސާތަކެއް ނޫން ކަމަށް އެ ކުންފުނިން ބުންނެވެ.

އުމްރާއަށް ދާ މީހުން މައްކާ އަދި މަދީނާގައި ތިބުމަށް ހޮޓަލަށް ދެއްކި ފައިސާ ވެސް އަބުރާ ނުލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.