އޭޓީއެމް ތަކުން ފައިސާ ނަގާ ގޮތަށް، ފިހާރަތަކުގައި ހުންނަ ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މެޝިން ބޭނުން ކޮށްގެން ފައިސާ ނެގޭނެ ނިޒާމެއް، ދިވެހި ރާއްޖޭގެ އިސްލާމިކް ބޭންކް (އެމްއައިބީ)އިން މިއަދު ތައާރަފްކޮށްފި އެވެ.

"ޕީއޯއެސް ކޭޝް"ގެ ނަމުގައި، އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން އެމްއައިބީ އިން ފެށި މި ހިދްމަތް، ރަސްމީކޮށް ތައާރަފްކުރުން އޮތީ، ކ. މާފުށީ އަރޫމް ފިހާރައިގަ އެވެ. ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އެމްއައިބީގެ މެނޭޖިން ޑައިރެކްޓަރު ހާރިސް ހާރޫން އެވެ.

"އަޅުގަނޑުމެންގެ ޕީއޯއެސް ކޭޝް ހިދުމަތް އެންމެ ފުރަތަމަ ތައާރަފް ތައާރަފް ކުރާ ތަނަކަށް މާފުށި ހިޔާރުކުރީ، މިރަށަކީ، އިސްލާމިކް ބޭންކުގެ ކަސްޓަމަރުން ގިނަ، އަދި މިހާރު ވެސް ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންގެ ބޭންކުގެ ހިދުމަތް ހޯދުމަށް ޝައުވެރިކަން ފާޅުކުރަމުން ގެންދާ ރަށަކަށް ވާތީ،" ހާރޫން ވިދާޅުވި އެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ވެސް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިގެންދަނީ ކުރިއަށް."

އެމްއައިބީ އިން މިއަދު އަލަށްފެށި ހިދުމަތް ބޭނުން ކުރުމަށް، އެ ބޭންކުގެ "ފައިސާ ޑެބިޓް" ކާޑެއް އޮންނަން ޖެހެ އެވެ. އެގޮތުން ފައިސާ ޕީއޯއެސް ކޭޝް ވިތްޑްރޯވަލްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ފިހާރަތަކުން ނުވަތަ އެމްއައިބީގެ ޕާޓުނަރުންގެ އަތުން، ދުވާލެއްގެ މައްޗަށް 2،000 ރުފިޔާގެ ޓްރާންސެކްޝަނެއް ދެ ފަހަރު ހެދޭނެ އެވެ. އެގޮތުން އެކަކަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ނެގޭނީ 4،000 ރުފިޔާ އެވެ. އަދި އެގޮތަށް ހަދާ ކޮންމެ ޓްރާންސެކްޝަނަކަށް 10ރ.ގެ ފީއެއް ނެގޭނޭ ކަމަށް އެމްއައިބީ އިން ވަނީ ބުނެފަ އެވެ.

އެމްއައިބީގެ ހެޑް އޮފް ކާޑް ސެންޓަރު އަހްމަދު ރިޒާ ވިދާޅުވީ، އެ ބޭންކުން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ޕީއޯއެސް ކޭޝްގެ ހިދުމަތް ފެއްޓީ، ރައްރަށުގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުން އެފަދަ ހިދުމަތެއް ފަހިކޮށްދިނުމަށް އެދެމުންދާތީ ކަމަށެވެ.

"ރާއްޖެތެރޭގެ ކަސްޓަމަރުންނަށް އަޅުގަނޑުމެން މި ހިދުމަތް ތައާރަފް މިކުރަނީ އެބޭފުޅުންނަށް ފަސޭހަ ގޮތެއްގައި ބޭންކިންގެ ހިދުމަތްތައް ލިބޭނޭ ގޮތެއް ހަމަޖައްސައިދޭން،" ރިޒާ ވިދާޅުވި އެވެ. "މިރަށުގެ ރައްޔިތުން ވެސް އަޅުގަނޑުމެންނަށް ދަންނަވާފައި އެބައޮތް، އެބޭފުޅުންނަށް މިރަށުގައި ތިބެގެން ބޭންކު އެކައުންޓުގައި ހުންނަ ފައިސާ ނެގޭނޭ ގޮތެއް ހައްދަވައި ދެއްވާށޭ."

ރިޒާ ވިދާޅުވީ، ފައިސާކާޑު ޕީއޯއެސް ކޭޝް ވިތްޑްރޯވަލްގެ ހިދުމަތް ފެއްޓުމުން އަތޮޅުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް، ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ.

"މިހާރު މިޖެހެނީ ބޭންކެއް ހުރި ރަށަކަށް ދަތުރެއް ހަދައިގެން ގޮސް، ބޭންކެއް ހުރި ރަށެއްގެ އޭޓީއެމް އިން ލާރި ނަގައިގެން އަންނަން، ނުވަތަ މާލެ ދާން. އެގޮތުން މިރަށުގެ ރައްޔިތުންވެސް ވަރަށް ބޮޑު ހޭދަތަކެއް ކޮށްގެން މިޖެހޭނީ. މުސާރަ ޖަމާވީމައި ލާރިނަގަން މާލެދާން. އެހެން ނަމަވެސް މިހާރު އެހެން ހައްދަވާކަށް ނުޖެހޭނެ. ރަށުގައި ތިއްބަވައިގެން، އެބޭފުޅުންގެ އެކައުންޓުގައި ހުރި ލާރި ނެންގެވޭނެ،" ރިޒާ ވިދާޅުވި އެވެ.

އެމްއައިބީގެ ފައިސާކާޑު ބޭނުންކުރާ އެ ބޭންކުގެ ކަސްޓަމަރުންނަށް މިއަދާހަމައަށް ކާޑު ބޭނުންކޮށްގެން ފައިސާ ނެގެނީ، ހަމަ އެކަނި މާލޭގައި ހުންނަ އޭޓީއެމް މެޝިން ތަކުންނެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން މާފުށީގައި އިރިއުޅޭ އެ ބޭންކުގެ ކަސްޓަމަރުންނަށް، އަދި ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހައިން އެ ހިދުމަތް ލިބޭނޭ ގޮތެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް ބޭންކުން ބުންޏެވެ.