ޢަންމާން (ޖުލައި 20) : ހުއްޓިފައިވާ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް އިސްރާއީލާއި ފަލަސްތީނުން އެއްބަސްވެއްޖެކަން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އިޢްލާން ކުރައްވައިފިއެވެ.

އުރުދުންގެ ވެރިރަށް ޢަންމާންގެ "ޢަލްޔާ އިންޓަނޭޝަނަލް އެއަރޕޯޓްގައި" ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް އިސްރާއީލާއި ފަލަސްތީނުން އެއްބަސްވެއްޖެކަމަށާ މިވާހަކަތައް ފަށާނީ ވޮޝިންގްޓަނުގައި ކަމުގަ އެވެ. މިވާހަކަތަކުގައި ފަލަސްތީނުން ބައިވެރިވެވަޑައިގަންނަވާނީ ސުލްޙައިގެ ވާހަކަތަކާ ބެހޭ ފަލަސްތީނުގެ ތަޖްރިބާކާރު މަސްއޫލުވެރިޔާ ޑރ. ސާއިބު ޢުރައިޤާތު ކަމަށާ އިސްރާއީލުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެގައުމުގެ ޖަސްޓިސް މިނިސްޓަރ ސީބީ ލެވްނީ ކަމަށްވެސް ކެރީ ވިދާޅުވި އެވެ.

އިސްރާއީލުން، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބަދު ކުރަމުން ގެންދިޔުމަކީ ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުން ކަމަށްވާތީ ފަލަސްތީނުން ވަނީ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް ހުއްޓާލުމުން ނޫނީ ސުލްޙައިގެ ވާހަކަތައް އަލުން ނުފެށުމަށް ނިންމައި އެކަން ޝަރުތު ވެސް ކޮށްފަ އެވެ. އަދި ސުލްޙައިގެ ވާހަކަތައް އަލުން ފަށާނީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ހުރިހާ ބިންތަކަކުން ފޭބުމުގެ އަސާސްގެ މަތިންކަމަށް ވެސް ކުރިން ފަލަސްތީނުން ބުނެފައިވެ އެވެ.

ނަމަވެސް ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް ރައީސް މަޙްމޫދު ޢައްބާސް އެއްބަސްވެވަޑައިގަތީ މިއަސާސްއަށް ވެސް އަދި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއު ހުއްޓާލުމަށް ވެސް އިސްރާއީލުންއިޖާބަ ނުދެނީސް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންކަމުންފަލަސްތީނުން ކުރިމަތި ކުރި ޝަރުތުތަކަށް އިސްރާއީލުން އިޖާބަ ނުދެނީސް ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް މަޙްމޫދު އައްބާސް އެއްބަސްވެވަޑައިގެންނެވީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ކަމަށް ނަންހާމަ ކުރައްވަންނޭދޭ ފަލަސްތީނުގެ މަސްއޫލުވެރިއަކު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ޢައްބާސް އެއްބަސްވެ ވަޑައިގެންނެވީ ނަތީޖާއެއް ނުނެރެވި ދިގުލަމުންދާނަމަ ވާހަކަތަކުން ފައިބާނެކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރަށް ދެއްވުމަށް ފަހުގައި ކަމަށް ފަލަސްތީނުގެ އެމަސްއޫލުވެރިޔާ ވިދާޅުވި އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު 18 އަހަރުވަންދެން ސުލްޙައިގެ ވާހަކަތައް ކުރިޔަށް ގެންދިޔުމަށްފަހު މިވާހަކަތައް ކޮޅެއްގައި ނުޖެހި ހުއްޓިފައިވެ އެވެ. އަދި އިސްރާއީލާއެކު ސުލްޙައިގެ ވާހަކަ ދައްކައިގެން ނަތީޖާއެއް ނެރެވިދާނެ ކަމާމެދު ފަލަސްތީނުގެ ރައްޔިތުންވެސް އަދި ސަރުކާރުވެސްޝައްކު ކުރެ އެވެ. އެހެންކަމުން އެމެރިކާގެ ފިއްތުންތަކަށް ޢައްބާސް ދީލެއްވީ ފަލަސްތީނަށް އެހީވާންތިބި ޢަރަބި ގައުމުތައްވެސް އެގައުމުތަކުގެ ދާޚިލީ އަރާރުންތަކުގައި ހަފުސްވަމުންދިއުމާ އެކު ޢަރަބި ގައުމުތައް އިތުރަށް ބަލިކަށިވެފައި ވުމުގެ ސަބަބުންއިޤްތިސާދީ ގޮތުން އިނދަޖެހިފައިވާ ފަލަސްތީނަށް މިހާރު މިނޫންގޮތެއް ނެތުމުން ކަމަށް މުރާސިލުން ދެކެ އެވެ. ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމުގައި އެމެރިކާގެ ބޭނުމަކީ ފަލަސްތީނުގެ ކިބައިން އިތުރު ދޫތައް ހޯދުމާއި އެމެރިކާއަކީ އަބަދުވެސް ސުލްޙައަށް މަސައްކަތް ކުރާ ގައުމެއްކަން ދުނިޔެއަށް ދެއްކުމުގެ ޕްރޮޕަގެންޑާ ކުރިޔަށްގެންދިޔުން ކަމަށްވަނީ ބެލެވިފައެވެ. ސުލްޙައިގެ ނަމުގައި ވާހަކަތަކެއް ދައްކައިގެން ފަލަސްތީނަށް ދޫނުދީ މިކަން ދިގުދެންމުމަކީ އެމެރިކާގެވެސް އަދި އިސްރާއީލުގެވެސް މަސްލަޙަތެކެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ޔަހޫދީން އާބާދު ކުރުމަށް ކުރިޔަށްގެންދާ ޣައިރު ޤާނޫނީ މަޝްރޫޢު ހުއްޓާލުމަށް އިސްރާއީލުން ދެކޮޅު ހެދުމުގެ ސަބަބުން މެދުއިރުމަތީގެ ސުލްޙައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައި ވަނީ 2010 ވަނަ އަހަރު އެވެ. ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ފަލަސްތީނުން އެއްބަސްވިކަން ކެރީ އިއްލާން ކުރެއްވުމުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ވަނީ ރައީސް މަޙްމޫދު ޢައްބާސް އަކީ 2010 ވަނަ އަހަރު ރިޔާސީ ދައުރު ހަމަވެފައިވާ ރައީސަކަށްވާތީ އޭނާއަކީ މިހާރު ފަލަސްތީނުގެ ރައްޔިތުން ތަމްޘީލް ކުރައްވާ ބޭފުޅެއް ނޫންކަމަށްބުނެފަ އެވެ. އަދި އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް ދެއްކުމަކީ ބޭކާރު ކަމެއްކަމަށާ މިނިވަން ކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ޖިހާދު ކޮށްގެންނޫނީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކާއި ނިގުޅައި ގަނެފައިވާ ޙައްޤުތައް އަނބުރައި ނުލިބޭނެކަން މިހާތަނަށް ދެއްކި ސުލްހައިގެ ވާހަކަތަކުންވެސް ސާބިތު ވެފައިވާ ކަމަށް ޙަމާސް އިން ބުނެ އެވެ.
އެމެރިކާގެ ބެލުމުގެ ދަށުން ފަލަސްތީނުން 18 އަހަރުވަންދެން އިސްރާއީލާ އެކު ސުލްޙައިގެ ވާހަކަތައް ދައްކަމުން ގެންދިޔަ ނަމަވެސް ފަލަސްތީނުގެ އެންމެ ބިމަކުން ވެސް ފޭބުމަށާއި ފަލަސްތީނުގެ ބިންތަކުގެ ބައެއްގައި ވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލުންވަނީ ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ. އަދި އެމެރިކާ ވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ގޮވާލާ އދ.ގެ ޤަރާރުތައް ތަންފީޒު ކުރުމަށް އިސްރާއީލަށް ބާރުއެޅުމަށާއި އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމަށް ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)