މުސްލިމް އަންހެނުން ހެދުން އަޅާ ގޮތް ދައްކުވައިދޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމީ ފެޝަން ޝޯއެއް ބާއްވަން ނިންމައިފި އެވެ.

މަޖީދީމަގު ކުރީގެ އަރަބިއްޔާ ކުރިމަތީގައި ހުންނަ މިސްކުލްޚައިރު ފިހާރައިން އިންތިޒާމް ކޮށްގެން ބާއްވާ “އަބާޔާ ފެޝަން ޝޯ" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވާ އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ކުއްލިއްޔަތުއް ދިރާސާތުއް އިސްލާމިއްޔާ ހޯލްގަ އެވެ.

އަބާޔާ ފެޝަން ޝޯ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މިސްކުލްޚައިރު ފިހާރައިގެ އޮފިޝަލަކު "ސަން"އާ ވާހަކަ ދައްކުމުން ވިދާޅުވީ އަބާޔާ ފެޝަން ޝޯ އަކީ އެހެން ފެޝަން ޝޯ ތަކާއި މުޅިން ޚިލާފު ޝޯއެއް ކަމަށެވެ. އަދި އެ ޝޯ ޙާއްސަ ކުރެވެނީ އަންހެންބޭކަލުންނަށް ކަމަށާއި ފެށަން ޝޯ ބެލުމަށް ވަދެވޭނީ ވެސް އަންހެން ބޭކަލުންނަށް އެކަނި ކަމަށާއި އެއީ ވެސް ޓިކެޓް ނަގައިގެން ކަމަށެވެ. ޓިކެޓް ލިބޭނީ މިސްކުލްޚައިރު ފިހާރައިންނެވެ.

"ޝޯ ބައްލަވަން ވަޑައިގަންނަވާ އަންހެން ބޭކަލުންނަށް ފޮޓޯއެއް ނުނެގޭނެ. އަދި ފޯނެއް ވެސް ނުގެނެވޭނެ. މޫވީ އެއްވެސް ނުކުރެވޭނެ. މިޝޯގެ ތެރެއިން ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެންދާނެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ބޭއްވޭ ފުރަތަމަ ޝޯ. މި ޝޯގައި މުޅިވެސް ފެނިގެންދާނީ ރާއްޖޭގެ އަންހެން ކުދިން. އިސްލާމް ދީނާ ހިލާފުވާ ގޮތައް ހެދުން އެޅުމެއް މި ޝޯގައި ނޯން ނާނެ،" އޮފިސަލް ބުންޏެވެ.

އޭނާ ބުނީ އެ ޝޯގެ މައިގަނޑު މަގުސަދަކީ އިސްލާމީ ހުދޫދުގެ ތެރެއިން ވެސް ހެދުން އެޅޭކަމާއި އަބާޔާ ހެދުން ފަދަ ހެދުން ތަކުގައި އިސްލާމީ ހުދޫދުގެ ތެރެއިން ވެސް ލެވޭކަން ސާބިތުކޮށްދިނުން ކަމަށެވެ.