20 Jul 2013, 13:30
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރަން ޖެހޭ މެމްބަރުން މަހެއްހާ ދުވަސްވީ އިރު ވެސް އައްޔަން ކުރެވިފައިނުވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ހަތަރު ޑިރެކްޓަރުން އައްޔަން ކުރަން ޖެހެ އެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކު ވެސް އައްޔަން ކޮށްފައި ނެތުމުގެ ސަބަބުން ކުންފުނިން ދުވަހުން ދުވަހަށް ނިންމަން ޖެހޭ އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
"ކުންފުނީގެ އަސާސީ ގަވައިދު ބުނާ ގޮތުން ދުވަހުން ދުވަހަށް ނިންމަން ޖެހޭ ކަންތައްތައް ނިންމާނީ މެނޭޖިން ޑިރެކްޓަރު. އެކަމަކު މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި މެނޭޖިން ޑިރެކްޓަރަކު ނެތުމުން ވަރަށް ގިނަ ކަންތައް ނުނިމި އެބަހުރި. މިކަން ވާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިވަގުތު ތިބީ ހަމައެކަނި ހިއްސާދާރުން އިންތިހާބުކުރި ފަސް ޑިރެކްޓަރުންނެވެ. އެހެންވެ ކުންފުނީގެ ބޯޑު ބައްދަލުވުން ބާއްވަން ބޭނުންވާ މިންވަރަށް ކޯރަމް ހަމަނުވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދުނިން ކޯރަމް ހަމަވާ ވަރަށް ބޯޑަށް މެމްބަރުން އައްޔަންކޮށްދިނުމަށް. އެކަމަކު އެއް މަސް ފާއިތުވެގެން ދިޔައިރު އެކަމެއް ހަމަނުޖެހޭ. އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި އެތައް މިލިއަން ޑޮލަރެއްގެ ކަންތައްތައް ނިންމަން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކުރަން ޖެހެނީ ޕްރައިވެޓައިޒޭޝަންގެ ގާނޫން އުފައްދާފައިވާ ބޯޑުންނެވެ.
އެ ބޯޑުގެ ރައީސް މުހައްމަދު އަމްޖަދު ދާދިފަހުން ވިދާޅުވީ އެމްޓީޑީސީގެ ބޯޑަށް އައްޔަން ކުރަން ނިންމާފައި ވަނީ ކުރިން ވެސް އައްޔަން ކުރި ތިން ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން އައްޔަންކުރުމުގެ ކުރިން ބޭނުންވާ މައުލޫމާތު ސާފުކޮށްދިނުމަށް އަދި ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ އަސާސީ ގަވައިދުގައިވާ ގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް ސަރުކާރުން ހަތަރު ޑިރެކްޓަރުން އައްޔަންކުރަން ޖެހެ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ މުއްދަތަކީ އެއް އަހަރީ އާއްމު ޖަލްސާ އިން އަނެއް އަހަރުގެ އަހަރީ އާއްމު ޖަލްސާއާ ދެމެދުކަމަށް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. ނަމަވެސް ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރު އައްޔަން ނުކުރާތީ ކުންފުނީގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑިރެކްޓަރު އަހުމަދު ނިޔާޒެވެ.