ނަލަހިޔާ ކަޕް 2013ގެ ނަމުގައި ފުޓްސަލް ފުޓްބޯޅަ މުބާރާތެއް ރޭ ޓާފް ދަނޑުގައި ފަށައިފި އެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނަލަހިޔާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ އިސް އޮފިސަކު ސަން އާ ވަހަކަ ދައްކަމުން ވިދާޅުވީ ރޭ ފެށި މުބާރާތުގައި ޖުމްލަ ހަ ޓީމް ބައިވެރިވާ ކަމަށާއި އެ ހަ ޓީމަކީ އޮފީހުގެ އެކިއެކި ޑިޕާޓްމަންޓުތަކަށް ބަހާލައިގެން އެކުލަވާލައިފައިވާ ޓީމްތަކެއް ކަމަށެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗްތައް ކާމިޔާބު ކުރީ ނަލަހިޔާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ޓީމާއި ނަލަހިޔާ ތިލަފުށީ ޑިޕާޓްމަންޓުގެ ޓީމުންނެވެ.

ނަލަހިޔާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ޓީމުން މެޗް ކާމިޔާބު ކުރީ ސަޕްލައި ޑިޕާޓްމަންޓާ ވާދަކޮށް 10-0 އިންނެވެ. އަދި ތިލަފުށީ ޑިޕާޓްމަންޓުގެ ޓީމުން މެޗް ކާމިޔާބު ކުރީ ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓާއި ވާދަކޮށް 3-2 ލަނޑުންނެވެ.

އެފްއޭއެމްގެ ޓާފް ދެ ނަންބަރު ދަނޑުގައި ކުރިއަށްދާ މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރެންޓާސް ޑިޕާޓްމަންޓާއި ކޮންޓްރެކްޝަން އެވެ. ދެ ވަނަ މެޗްގައި ބައްދަލުކުރާ ދެޓީމަކީ ނަލަހިޔާ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް އާއި ސޭލްސް ޑިޕާޓްމަންޓެވެ. ކުޅުން ފަށާނީ މިރޭ 10:30 ގައެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

ނަލަހިޔާއިން ބުނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރަނަރަޕް ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލްޖަހާ ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވޭ ފަރާތައް ފައިސާގެ އިނާމަކާއެކު ޓޮރޮފީއެއް ދިނުމަށް ހަމަޖެހިފައި ވާކަމަށް ނަލަހިޔާއިން މައުލޫމާތު ދެއެވެ.