ހދ. ހަނީމާދޫ ކައުންސިލާއި އެ ރަށުގެ ޒުވާނުންގެ ޖަމިއްޔާ އާއި އަދި "ސާއްބަ" ކްލަބަކުން އިންތިޒާމްކޮށްގެން ބާއްވާ "އަޕަނޯތު ފުޓުސަލް ޗެމްޕިއަންޝިފް" ފުޓުސަލް މުބާރާތް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި މިމުބާރާތުގައި ޖުމްލަ 10 ޓީމް ބައިވެރިވެފައި ވާކަމަށް ހަނިމާދޫ ކައުންސިލް އިދާރާއިން ބުނެ އެވެ.

ހަނިމާދޫ ކައުންސިލް އިދާރާގެ ނައިބު ރައީސް މައްސޫދު އާދަމް ސަންއާ ވާހަކަ ދައްކަމުން ބުނީ، މުބާރާތުގެ ފޯރި ވަރަށް ގަދަކަމަށާއި މުބާރާތުގައި ޖުމްލަ 10 ޓީމް ބައިވެރިވެފައިވާ އިރު އެތަނުން ހަތަރު ޓީމަކީ ހަނިމާދޫއަށް ނިސްބަތްވާ ހަތަރު ޓީމް ކަމަށެވެ. ދެން މުބާރާތުގައި ބައިވެރިވެފައި ވަނީ މޯލްޑިވިއަން އާއި ކުޅުދުއްފުށީ ކަސްޓަމްސް އާއި އެމްއެންޑީއެފް އާއި ހިރިމަރަދޫ އަދި ޕޮލިސް އެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ކަސްޓަމްސް އާއި ޕޮލިސް އެވެ. ދެ ވަނަ މެޗްގައި ބައްދަކުރާ ދެޓީމަކީ ހަނިމާދޫގެ ސާއްބާ އެކުވެރި ކުލަބާއި ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ.

މިމުބާރަތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިޓު ހޯދާ ދެޓީމެއް ސެމީއަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗް އޮތީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 50،000 ރުފިޔާ އަދި ރަނަރަޕްޓީމަކަށް 20،000 ރުފިޔާ ދިނުމަށް ހަނިމާދޫ ކައުންސިލުން ވަނީ ނިންމާފަ އެވެ.