08 Nov 2010, 09:42
ނުކުޅެދުންތެރިކަން ހުންނަ ބޯ ހިޔާވަހިކަން ނެތް ފަރާތްތަކަށް ފްލެޓަށް އެދުމުގެ ފުރުސަތެއް ހެލް އެންޑް ފެމިލީ މިނިސްޓްރީން ހުޅުވާލައްވައިފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ބޯ ހިޔާވަހިކަން ނެތް ފަރާތްތަކަށް ފްލެޓް ހޯދައި ދިނުމަށް ހުޅުވާލި ފުރުސަތުގައި 15 ފްލެޓެއް ދޫކުރާނެ ކަމަށާއި އެކަމަށް އެދޭ ފަރާތްތައް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ހުޅުވައިލާފައިވާ ކަމަށެވެ.
އެ އޮފިޝަލު ވިދާޅުވީ ފެލެޓަށް އެދުމުގެ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވާނީ އެންސްޕާއިން ކަމަށެވެ.
އެންސްޕާގެ އިސް ވެރިޔަކު ވިދާޅުވީ މި ޕްރޮޖެކްޓްގައި އެ އިދާރާއިން ހަމައެކަނި ކުރާ ކަމަކީ ފޯމް ދޫކުރުމާއި ބަލައިގަތުން ކަމަށާއި ފޯމްތައް ދޫކުރަން ފަށަނީ މާދަމާއިން ފެށިގެން ކަމަށެވެ.
"އަދި ފޯމްތައް ނުވެސް ލިބޭ. އެކަމަކު މާދަމާއިން ފެށިގެން ފޯމް ދޫކުރާ ގޮތަށް އޮތީ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ދޫކުރާ 15 ފްލެޓާ ބެހޭ ގޮތުން މިވަގުތު އިތުރު ތަފުސީލު ދެވެން ނެތް ކަމަށާއި ވަރަށް އަވަހަށް އިތުރު މައުލޫމާތުތައް އާންމު ކުރައްވާނެ ކަމަށެވެ.
"މިކަމާ ގުޅޭ ތަފުސީލުތައް އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް ވަރަށް އަވަހަށް އާންމު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ބޯ ހިޔާވަހިކަން ނެތް މީހުންގެ ދަފުތަރެއް ވެސް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް ވެސް ރާއްޖޭގައި އަދި އެކުލަވައިލެވިފައެއް ނުވެ އެވެ.