20 Jul 2013, 10:33
ފުރަތަމަ އިންޓަ އޮފީސް ބިލިއާޑް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗްތައް ސްޓެލްކޯ އާއި ބީއެމްއެލް އާއި އެމްބީސީ އަދި އެމްއެންޑީއެފްއިން ކާމިޔާބު ކޮށްފި އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ސްޓެލްކޯ އާއި އެސްޓީއޯ އެވެ. އެ މެޗް 3-0 އިން ކާމިޔާބު ކުރީ ސްޓެލްކޯގެ ޓީމެވެ.
ދެ ވަނަ މެޗުގައި ޓީއެމްއޭ އާއި ބީއެމްއެލް ބައްދަލުކޮށް 2-1 އިން ބީއެމްއެލްގެ ޓީމް މެޗް ކާމިޔާބު ކުރި އިރު، ތިން ވަނަ މެޗް އެމްބީސީގެ ޓީމުން ކާމިޔާބުކުރީ ވަތަނިއްޔާ އާއި ވާދަކޮށް 3-0 އިންނެވެ. އަދި މިމުބާރާތުން ވަތަނިއްޔާ ވަނީ ވަކިވެފަ އެވެ.
ރޭގެ ކުޅުނު ފަހުމެޗް އެމްއެންޑީއެފްގެ ޓީމުން ކާމިޔާބު ކުރީ ކަސްޓަމްސްއާއި ބައްދަލުކޮށް 2-1 އިންނެވެ.
ރޭގެ މެޗްތަކަށްފަހު ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަ ޕޮއިންޓާއެކު އޮތީ އެސްޓެލްކޯ އެވެ. ދެ ވަނައިގައި ތިން ޕޮއިންޓާއެކު ދިރާގް އޮތް އިރު، ތިން ވަނަ މަގާމް ގައި އޮތީ ތިން ޕޮއިންޓާއެކު އެމްބީސީއެވެ. އަދި ގްރޫޕްގެ ހަތަރު ވަނަ މަގާމްގައި އެއްވެސް ޕޮއިންޓެއް ނެތި ސްޓެލްކޯ އޮތްއޮތް އިރު، ގްރޫޕް އޭއެންމެ ފުލުގައި އޮތީ މުބާރާތުން މިހާރު ވަކިވެފައިވާ ވަތަނިއްޔާ އެވެ.
ގްރޫޕް ދޭއްގެ އެއް ވަނަ ޓީމގެ ގޮތުގައި ހަ ޕޮއިންޓާއެކު އެމްއެންޑީއެފް އޮތް އިރު، ދެ ވަނަގައި ތިން ޕޮއިންޓާ އެކު އޮތީ ބީއެމްއެލް އެވެ. އަދި ތިން ވަނަ މަގާމްގައި ތިން ޕޮއިންޓާއެކު ޓީއެމްއޭ އޮތްއިރު ހަތަރު ވަނަ މަގާމްގައި އޮތީ އެމްޕީއެލްއެވެ. އަދި އެންމެ ފުލުގައި އޮތީ ސީއާރުސީ އެވެ.
ޖުމްލަ 10 އޮފީސް ބައިވެރިވެފައިވާ އެ މުބާރާތުގައި ކޮންމެ އޮފީހަކުން ފަސް ކުޅުންތެރިން ބައިވެރިވެފައިވާ އިރު މުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ، އިންޑިވިޖުއަލް އަދި ޓީމް އިވެންޓްވެސް ހިމެނޭ ގޮތަށެވެ.
މުބާރަތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ، އެމްބީޕީއޭގެ ކްލަބް ހައުސްގައި ކޮންމެ ރެއެއްގެ 9:30ން ފެށިގެންނެވެ.