20 Jul 2013, 10:21
ގަބުރު ފެނިގެން ލ. މާބާއިދޫ ހުކުރު މިސްކިތް ބަންދުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަރީފް ވިދާޅުވީ ގަބުރު ފެނުމުން މިސްކިތް ބަންދުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ވިދާޅުވީ ގަބުރު ފެނުނީ އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ރައްޔިތުންގެ އެހީތެރިކަމާ އެކު މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މިސްކިތުގެ އެތެރެ ކޮނުމުން ކަމަށާއި މިސްކިތް ބަންދު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ނަމާދުކުރުމަށް ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އާބާދީގައި 1020 މީހުން ދިރިއުޅެމުންދާ މާބައިދޫ ހުކުރު މިސްކިތުން ގަބުރު ފެނުމާ އެކު ވަގުތުން އެކަން އިސްލާމިކް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މިސްކިތުގެ އިތުރުން އެ ރަށުގައި ހުންނަނީ އަންހެނުން ނަމާދުކުރުމަށް ހަދާފައިވާ ވަރަށް ކުޑަކުޑަ ދެ މިސްކިތް ކަމަށާއި ނަމާދުކުރުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ރައްޔިތުންގެ ކުރީގެ އިމާރާތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
"ރައްޔިތުންގެ ވަރަށް ކުރީގެ އިމާރާތެއްގައި ނަމާދު ކުރެވޭނެ އިންތިޒާމް ކައުންސިލްގެ ފަރާތުން މިހާރު ވަނީ ހަމަޖައްސާފައި. އެ އިމާރާތަކީ ވަރަށް ބާވެފައިވާ ތަނެއް. ވާރޭ ވެހެންޏާ އެތަނުގައި ނަމާދެއް ނުކުރެވޭނެ. އެހެންވެ އެތަން މުޅިން މަރާމާތު ކުރެވެންދެން ވާރޭ ނުވެހޭނެ ގޮތް ހެދުމަށް އެތަނުގައި ވަނީ ސަތަރި އަޅާފައި. އެތަން މަރާމާތު ކުރުމަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ. އެހެންވެ އެކަމަށް ބޭނުންވާ ތަކެތި ހޯދުމަށް އިސްލާމިކް މިނިސްޓްރީ އަށް ވަނީ ހުށަހަޅާފައި،" ޝަރީފް ވިދާޅުވި އެވެ.