20 Jul 2013, 10:15
އިސްލާމް އާބާދު (ޖުލައި 20): ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރުދާރީގެ ރިޔާސީ ދައުރު، ހަމަވުމަށް ފަހު އޭނާ ޕާކިސްތާނުގައި ނުހުންނަވާނެ ކަމުގެ ޚަބަރުތަކެއް ފެތުރިއްޖެ އެވެ.
ޕާކިސްތާނުގެ މީޑިޔާގައި ޝާއިޢުކުރެވުނު ރިޕޯޓްތަކެއް ބުނާ ގޮތުން ރިޔާސީ ދައުރު ނިމުމާއެކު ޒަރުދާރީ އަށް ލިބިވަޑައިގެންފައިވާ ރިޔާސީ އިމްތިޔާޒުތައް ގެއްލުމާ އެކު އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް ކޯޓުތަކަށް ދައުވާ އުފުލުމުގެ ފުރްސަތު ޕާކިސްތާނުގެ ސަރުކާރަށާއި ދައުލަތުގެ މުއައްސަސާތަކަށް ފަހިވެގެންދާނެ އެވެ. އެހެންކަމުން ރިޔާސީ ދައުރު ހަމަވުމަށް ފަހު ޒަރުދާރީ ޕާކިސްތާނުގައި ހުންނެވުމަކީ ރައްކާތެރިކަމެއްނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވެސް މިރިޕޯޓްތައް ބުނެ އެވެ.
ޒަރުދާރީގެ ރިޔާސީ ދައުރު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ. އެންމެފަހުން ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓްގެ އަޣްލަބިއްޔަތު ހޯދާފައި ވަނީ ޒަރުދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ އާ ސިޔާސީގޮތުން ވާދަވެރި އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ނަވާޒް ޝަރީފުގެ މުސްލިމް ލީގް ޕާޓީ އެވެ. މިއިންތިޚާބުގައި ޒަރުދާރީގެ ޕާޓީ ވެއްޓިފައި ވަނީ ތިންވަނަ އަށެވެ. ޕާކިސްތާނަކީ ބަރުލަމާނީ ނިޒާމުގެ ގައުމަކަށްވެފައި ރައީސަކުން އިންތިޚާބުކުރަނީ ޕާލަމެންޓްގެ ތެރޭން ކަމަށްވާތީ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމުގެ ފުރްސަތު ޕާލަމެންޓްގެ ތެރެއިން ނެތުމުން ޒަރުދާރީ ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެކަން ހާމަކުރައްވާފަ އެވެ.
ޒަރުދާރީއަކީ ޕާކިސްތާނުގެ ރިޔާސަތަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ކޮރަޕްޝަނުގެ މައްސަލަތަކެއްގައި އެތައް އަހަރެއް ޖަލުގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ނަން ޕާކިސްތާނުގައި މަޝްހޫރުވެފައިވަނީ ވެސް "މރ. ޓެންޕަސެންޓް"ގެ ނަމުންނެވެ. މިހާރު ވެސް އޭނާގެ ކޮރަޕްޝަނުގެ އެތައް މައްސަލަތަކެއް ފެންމަތިވެ އެކަމާ ބެހޭ ލިޔެކިޔުންތައް ހޯދުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ގެންދަނީ އެގައުމުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ނަމަވެސް ޕާކިސްތާނުގެ ދައުލަތުގެ އެންމެ އިސްވެރޔާގެ ޙައިސިއްޔަތުން ޒަރުދާރީ އަށް ލިބިވަޑައިގެންފައިވާ ރިޔާސީ ރައްކާތެރިކަމާއި ވަރުގަދަ އިމްތިޔާޒުތަކުގެ ސަބަބުން ސުޕްރީމް ކޯޓަށް ވަނީ އޭނާގެ މައްސަލަ ކުރިޔަށް ނުގެންދެވިފަ އެވެ. ޕާލަމެންޓްގެ ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ހުއްދަލިބިގެންނޫނީ ޕާކިސްތާނުގެ ރައީސްގެ މައްޗަށް ޝަރީޢަތް ހިންގުމުގެ ޤާނޫނީ އެއްވެސް ބާރެއް އެގައުމުގެ އެއްވެސް ކޯޓަކަށް ލިބިގެނެއް ނުވެ އެވެ.
އަނެއްކޮޅުން ވެރިކަން ގެއްލިވަޑައިގަތުމުން ރިޔާސީ އިމްތިޔާޒްތައް ވެސް ގެއްލިވަޑައިގަންނަވާނެތީ ތާލިބާނުން ފަދަ ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަ ޕާކިސްތާނުގައި ގަދަކަމުން ޕާކިސްތާނުގައި ދިރިއުޅުއްވުމަކީ ޒަރުދާރީގެ ފުރާނަފުޅަށް ގެއްލުން ވެދާނެކަމަށް ބުނެ، ޤައުމު ދޫކުރައްވާ ވަޑައިގަތުމަށް ޒަރުދާރީގެ ރަޙްމަތެރިންނާއި އޭނާ އަށް ވަފާތެރި ބޭފުޅުން ލަފާދެއްވާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޒަރުދާރީގެ އަނބިކަނބަލުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ ވެސް އަވަހާރަ ކޮށްލުމުގެ ފަހަތުގައި ވެސް ވަނީ ތާލިބާނުން ކަމަށް ވަނީ ޝައްކުކުރެވިފަ އެވެ.
މުއްސަނދި މަހުޖަނެއް ކަމަށްވާ ޒަރުދާރީ ގައުމުން ބޭރުގައި މީގެކުރިން ވެސް ދިރިއުޅުއްވާފައި ވަނީ ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ދުބާއި ގަ އެވެ. އޭނާ ދުބާއިގާ ދިރުއުޅުއްވި ދުވަސްވަރު ވެސް ވަރަށް ގިނައިން އިނގިރޭސިވިލާތުގައި ވެސް ހުންނަވަ އެވެ. ޒަރުދާރީގެ ގެތަކާއި ވިޔަފާރީގެ މަސްލަޙަތުތައް ދުބާއި ގައި ހުންނަ ކަމަށްވެ އެވެ. (ނޫސްއެޖެންސީތައް)