ދިރާގު ދިވެހި ލީގުގެ ތިންވަނަ ބުރުގައި މިރޭ ކުޅުނު މެޗުން، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 1-0ން ބީޖީ ސްޕޯޓްސް ބަލިވެއްޖެ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މިދެ ޓީމް ވާދަކުރި މެޗު 1-0ން ކާމިޔާބު ކޮށްފަައިވަނީ ބީޖީ އެވެ. އެެހެން ނަމަވެސް ދެވަނަ ބުރުގެ ކުރިމަތިލުން 2-0ން ކާމިޔާބުކޮށްފައި ވަނީ އޭވައިއެލް އެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ލަނޑު، އޭވައިއެލްއަށް ކާމިޔާބުކޮށްދިނީ، މެޗުގެ 48 ވަނަ މިނިޓުގައި އޭވައިއެލްގެ އަލީ އިފާޒް އެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފަހު ހާފުގައި ބީޖީއިންވެސް ނަތީޖާ ހަމަހަމަ ކުރާނޭ ދެތިން ފުރުސަތެއް ތަނަވަސް ކުރިއެވެ.

ލީގުގައި ބީޖީއަށާއި އޭވައިއެލްއަށްވެސް ބާކީ އެއް މެޗު ކުޅެން އޮތްއިރު، މިރޭގެ މެޗުން މޮޅުވުމުން އޭވައިއެލް އޮތީ 21 ޕޮއިންޓާއެކު، ޕޮއިންޓުގެ ގޮތުން ކްލަބް ވެލެންސިޔާއާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ތާވަލުގެ ފަސް ވަނައިގަ އެވެ. އަދި ބީޖީ އޮތީ 23 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ.

މިރޭގެ މެޗާ ބެހޭގޮތުން އޭވައިއެލްގެ ކޯޗް، އަހްމަދު ނާޝިދު (ނާދު) ބުނީ، މިރޭ އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭގައި ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި އެ ކުޅުން ތަކުރާރުކޮށްފި ނަމަ ކުރިއަށް އޮތް އީގަލްސް މެޗުންވެސް މޮޅުވެވޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

"މިރޭ އޭވައިއެލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ކުޅުމެއް. އަޅުގަނޑު ދަންނަވާނީ، މިރޭގެ މެޗަކީ މިފަހަރު ލީގުގައި އަޅުގަނޑުމެން ކުޅުނު އެންމެ ރަނގަޅު މެޗޭ،" ނާދު ބުންޏެވެ. "މެނޭޖްމަންޓުގެ ފުރިހަމަ އެއްބާރުލުން ލިބި، އަދި ކުޅުންތެރިންގެ ފަރާތުން މިރޭގެ ކުޅުން ތަކުރާރު ކުރެވިއްޖެ ނަމަ އީގަލްސް އަތުންވެސް މޮޅުވެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު."

ދިވެހި ލީގުގައި މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ކްލަބް އީގަލްސް އެވެ. މެޗު ފަށާނީ ރޭގަނޑު 10:00ގަ އެވެ.