20 Jul 2013, 01:47
އިހްލާސްތެރިކަމެއް ނެތި ހަމައެކަނި ތިމާގެ މަސްލަހަތު 24 ގަޑިއިރު ފެންނަ ބަޔަކަށް ގައުމާއިގެން ކުރިއަށް ދެވޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ނަސަންދުރަ ޕެލަސް ހޮޓަލްގައި ޑޮކްޓަރު ޖަމީލު ވިދާޅުވީ، އެބައެއްގެ ފިކުރު 24 ގަޑިއިރު ތެރޭގައި 24 ގޮތަށް އެނބުރޭ ބަޔަކާ ރާއްޖޭގެ ވެރިކަން ހަވާލުކޮށްފި ނަމަ ދެން ގައުމު އެނބުރިގެންދާނެ ގޮތަކީ އަޅުގަނޑުމެން ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ގޮތެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހު ވެސް ދެއްކި ވާހަކައެއް، އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވެއޭ، އިހްލާސްތެރިކަމެއް ނެތި ހަމައެކަނި ތިމާގެ މަސްލަހަތު 24 ގަޑިއިރު ފެންނަ ބަޔަކަށް ގައުމާއިގެން ކުރިއަށް ދެވޭނޭ ކަމަކަށް،" ޑރ. ޖަމީލް ވިދާޅުވި އެވެ. "24 ގަޑިއިރު ތެރޭގައި 24 ގޮތަށް އިންސާނެއްގެ ވިސްނުން އެނބުރޭ ނަމަ އެބަޔަކަށް ވެރިކަން ހަވާލުކޮށްފި ކަމުގައިވާ ނަމަ، ދެން ގައުމު އެނބުރިގެން ދާނެ ގޮތަކީ އަޅުގަނޑުމެން ދެކޭގޮތުގައި ރާއްޖޭގެ ރައްޔިތުން ވަރަށްބޮޑަށް ވިސްނައި ފިކުރު ކުރަން ޖެހޭނޭ ކަމެއް."
އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖަމީލު ވިދާޅުވީ، މިއަދު ބައެއް ސިޔާސީ ބޭބޭފުޅުން އުޅުއްވާގޮތުން ސިފަ ކުރެވެނީ "ސިޔާސީ ގޮތުން ހަނދު ބޮޑުވެފައި ތިބި ބަޔަކު އުޅޭގޮތަށް އުޅޭ މަންޒަރު" ކަމަށެވެ.
"އިއްޔެރޭގައި ވަކިތަނެއްގައި ތިއްބަވާފައި، މިއަދު އައިސް ވަކިތަނަކަށް އިސްވެ ތިއްބަވައިގެން، ގައުމީ މަސްލަހަތު އިސްކުރެވޭނޭ ކަމަށް ގަބޫލު ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ގަބޫލު ކުރާނޭ ހަގީގަތެއް ނޫން،" ޖަމީލު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ޖަމީލު ވަނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން 2008 ވަނަ އަހަރު ގެނެވުނު އިސްލާހީ ބަދަލުތަކާއި އައު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭން ޖެހޭ އިންސާފު ލިބޭތޯ ސުވާލު އުފެއްދެވި އެވެ.
"ދެ ހާސް އަށް ވަނަ އަހަރުގައި ގެނެވުނު އިސްލާހީ ބަދަލުތަކުގެ ތެރޭގައި ގާނޫނު އަސާސީއާ އެކު ވަރަށް ގިނަ ރައްޔިތުންގެ އުންމީދަކަށްވީ، ރާއްޖެ އަށް އޮންނަން ޖެހޭނޭ ވަރަށް ފުރިހަމަ ވެގެންވާ ޝަރުއީ ނިޒާމެއް. އަޅުގަނޑުމެންގެ ގާނޫނު އަސާސީންނާއި އެތަކެއް ގާނޫނުތަކުން، ޖުޑިޝަލް ސާވިސް ކޮމިޝަނަކާއި ކޯޓުތަކާ ބެހޭ ގާނޫނު ތަކަކާއި އަދި އަމަލު ކުރަންވާ ގާނޫނުތަކަކާ އެކީގައި ގެންސްފައިވާ ވަރަށް އަގުބޮޑު ނިޒާމެއް ރާއްޖޭގައި މިއޮތީ ގެނެސްފައި،" ޑރ. ޖަމީލު ވިދާޅުވި އެވެ. "ރާއްޖޭގެ މިއަދުގެ ހަގީގަތަކީ، ރަށްރަށުގެ ކޯޓުތަކުގައި ތިބޭ މެޖިސްޓްރޭޓުން ފެށިގެން މާލޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް ބެލިކަމުގައިވީ ނަމަވެސް، އާންމު އެއްވެސް ފަރާތަކަށް ނުލިބޭ ފަދަ މަތީ މުސާރަތަކާއި އަދި އިނާޔަތްތައް ލިބެމުން އެބަދޭ. އެހެން ނަމަވެސް ކުރަން ބޭނުންވާ ސުވާލަކީ، އެލިބޭ މުސާރަޔާއި ގެނެވުނު ނިޒާމަކީ މިއަދު ރައްޔިތުންގެ ޖީބުން ޓެކްސް ނަގައިގެން ހިފަހައްޓާ ނިޒާމަކަށްވާ އިރު، އިންސާފު އެބަލިބޭތޯއޭ ރައްޔިތުންނަށް،"
ކުރިން ޖިނާއީ ކޯޓުގެ އިސް ގާޟީ ކަމާއި ޖަސްޓިސް މިނިސްޓަރު ކަމުގެ އިތުރުން ހޯމް މިސްނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޖަމީލު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ހިތާމަ ކުރާ ދަރަޖައަށް ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް މިވަނީ ގެނބިގެން ގޮސްފައި ކަމަށެވެ.
"ކޮން ގައުމެއްގެ ކޮންމެ ދިމާއަކަށްތޯ އެގައުމެއްގެ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުންނާ ތަޅާފޮޅައި ރައްޔިތުންނަށް ބިރުދައްކައި މީހުން ވަގަށްނަގައި ރައްޔިތުންގެ މުދަލުން އިންތިހާއަށް ކަރަޕްޝަން އިތުރުކޮށް، އެތައް މިލިޔަނުން ރައްޔިތުންގެ މުދާ ނައްތާލާފައި އަދި ރައްޔިތުންގެ މުދާ ވިއްކައިލި މީހަކަށް، އެމީހެއްގެ މައްޗަށް އެއްވެސް ތަހްގީގެއް، އެމީހެއްގެ މައްޗަށް ޝަރީއަތެއް ނުހިންގޭ ކަމުގައިވާ ނަމަ އެއީ އެގައުމަކާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް،" ޑޮކްޓަރު ޖަމީލު ވިދާޅުވި އެވެ.
ޑރ. ޖަމީލު ވިދާޅުވީ، މިއަދު ރާއްޖެ މިވަނީ ދުނިޔޭގެ ހުރިހާ މިންގަނޑަކުން ބެލިކަމުގައިވީ ނަމަވެސް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި ކަމަށާއި ރާއްޖޭގެ އަދުލުގެ ނިޒާމް ފުރިހަމައަށް އޮތް ނަމަ، މިހާރު ރާއްޖޭގެ ރައީސްކަމަށް ކުރިމަތި ލައްވާފައި ތިބި ބައެއް ބޭފުޅުންގެ ނަންފުޅުތައް ވޯޓުކަރުދާހުގައި ނޯންނާނެ ކަމަށެވެ.
"ހަގީގަތުގައި، މިއަދު ވެރިކަމަށް ކުރިމަތިލައްވާފައި ތިއްބެވި ބައެއް ބޭބޭފުޅުންނަކީ، މިރާއްޖޭގައި ގާނޫނު ރަނގަޅަށް ހިނގައި، މިރާއްޖޭގައި ސިޔާސަތުލް އަދުލިއްޔާ ފުރިހަމަ ގޮތުގައި ހިނގި ނަމަހީ، މިއަދު އެބޭފުޅުންގެ ނަންފުޅުތައް ކަރުދާސް ކޮޅުގައި އޮންނަން ޖެހޭ ބޭފުޅުންނެއް ނޫން. އެކަން އެގޮތަށް ދިމާވީމާ އެކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަން އެބަ ޖެހޭ. އަޅުގަނޑު ދެކޭ ގޮތުގައި އެކަމުގެ ޒިންމާ ރާއްޖޭގެ ޝަރުއީ ނިޒާމް އުފުލަން އެބަޖެހޭ،" ޖަމީލް ވިދާޅުވި އެވެ.
އިދިކޮޅު އެހެން ޕާޓީތަކާއި، ރިޔާސީ ކެންޑިޑޭޓުންނަށް ވެސް ފާޑުވިދާޅުވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ﷲގެ އިރާދަފުޅުން، ރަނގަޅު ވެރިކަމެއް ގާއިމްކޮށް، ރަނގަޅު އަދުލު އިންސާފުގެ ނިޒާމެއް ގައިމްކޮށްދޭނޭ ކަމުގެ ފުރިހަމަ ޔަގީންކަށް އަރުވާ ކަމަށެވެ.