20 Jul 2013, 00:31
އައްޑޫ ސިޓީން: މުރުޝިދު އަބްދުލްހަކީމް
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ 50 ޕަސެންޓް މީހުންނަކީ އަންހެނުން ކަމަށް ހައްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
"ގައުމާއިގެން ކުރިއަށް" ކޯލިޝަންގެ އަންހެނުނާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ސިޔާސަތު އިއުލާންކުރުމަށް އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ މަތީ މަގާމުތަކަށް އައްޔަން ކުރާ މީހުންގެ 30 ޕަސެންޓަކީ އަންހެނުންނަށް ހަައްްދަވައި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 50 ޕަސެންޓަށް އިތުރު ކުރައްވާނެ ކަަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކެބިނެޓްގައި މިހާރު ވެސް ތިއްބެވި އަންހެން ތިން ވަޒީރުންނަކީ ވަރަށް ގާބިލު ތިން ވަޒީރުން ކަމަށާއި އަންނަ ދައުރެއްގައި ކެބިނެޓަށް އައްޔަންކުރައްވާ ވަޒީރުން ވެސް އިތުުރު ކުރައްވާނެ ކަމަށެވެ.
ހަމަ އެހެންމެ އަންހެނުންގެ ފުދުންތެރިކަން އިތުުރުކުރުމަށް ޓަކައި 2000 އަންހެނުންނަށް ހާއްސަކޮށްގެން ލުއިލޯން ދެއްވުގެ އިތުރުން އަންހެނުންނަށް ލިބޭ ތަމްރީން ޕްރޮގުރާމްތައް މިހާރަށް ވުރެ އިތުރުކުރައްވާނެ ކަމަށާއި އަދި މިހާރު ރަށްތަކުގައި އުފައްދާފައިވާ އަންހެނުންގެ ކޮމެޓީތަކަށް އެލަވަންސް ދެއްވަން ގަސްތުކުރައްވާ ކަމަށް ވެސް އެމަނިކުފާނު މިރޭ ވިދާޅުވި އެވެ.
އޭގެ އިތުރުން އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ސްކޫލުގައި ކިޔަވަމުންދަނިކޮށް ލިބޭ ޖިންސީ އަނިޔާއެއްގެ ސަބަބުން ބަލިވެ އިންނަ ކުއްޖާ އަށް ކިޔެވުމަށް ދެ ވަނަ ފުުރުސަތެއް ދެއްވުމަކީ ވެސް އެމަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.
ހަަމަ އެހެންމެ އާއިލީގޮތުންނާއި އެހެނިހެން ގޮތް ގޮތުން އަންހެނުންނަށް ދިމާވާ މައްސަލަތަކުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށާއި އަދި ވަރިކޮށްފައިވާ އަންހެނުންނަށް ލިބިދޭން ޖެހޭ ފައިސާ ހޯދަދިނުމަށް ސަރުކާރުން އަމަލީ ގޮތުން އެހީތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޑަކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުންތައް ދެނެގަތުމުގެ ހުނަރު ދަސްކޮށްދިނުމަށް ޓީޗަރުން ތަމްރީން ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި އަޅާލާނެ މައިންބަފައިން ނެތް ކުދިންނަށް އަޅާލުން ދޭނެ އާއިލާތަކާ އެކުދިން ހަވާލުކުުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންވާ ކަމަށް ފާހަގަ ކުރެއްވެވި އެވެ.
ރައީސް ވަހީދު އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ ރެ އެވެ.