ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި މުއްސަނދި ވިޔަފާރިވެރިން އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހީމްގެ ރަނިންމޭޓް އިއުލާން ކުރުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދެވޭނީ ޓެކްސް ނަގައިގެން ކަމަށާއި އެކަމަށް ޓަކައި ވިޔަފާރިވެރިން ބޭނުންވާ ކަމަށެވެ.

އޭނާ ވިދާޅުވީ ވިޔަފާރިއަށް މީހުން ޝައުގުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސަރުކާރުގެ އިގްތިސޯދީ ސިޔާސަތު ބިނާވެގެން ވަނީ އެއްފަންތިން އަނެއް ފަންތިއަށް ދިޔުމުގެ ފުރުސަތު ވިޔަފާރިވެރީންނަށް ތަނަވަސް ކުރުމަށް ކަމަށާއި ގާސިމް ކަހަލަ ވިޔަފާރިވެރިއަކަށް ވުމުގެ ފުރުސަތު ކޮންމެ ވިޔަފާރިވެރިއަކަށް ވެސް އޮންނާނެ ކަމަށް ހަސަން ސައީދު ވިދާޅުވި އެވެ.

"... އެ އަދަދު [ވިޔަފާރިވެރީންގެ އަދަދު] ގިނަވާން ޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުގައި އިގްތިސޯދީ އުސޫލު ބިނާވެގެން ވަނީ ދިވެހިރާއްޖޭގެ މަލްޓި މިލިއަނަރުންނަކީ ބިލިއަނަރުންނަށް ހަދާ އުސޫލު. ދިވެހިރާއްޖޭގެ މެދުފަންތީގެ ވިޔަފާރިވެރީންނަކީ މިލިއަނަރުންނަށްވާ އުސޫލު. ދިވެހިރާއްޖޭގެ އާދައިގެ ވިޔަފާރިވެރީންނަކީ މެދުފަންތީގެ ވިޔަފާރިވެރީންނަށް ހަދާނަން،" ހަސަން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ވިޔަފާރީގެ ކަންކަން ނިންމާނީ ވިޔަފާރިވެރިންގެ މަޝްވަރާގެ މަތިން ކަމަށާއި ސަރުކާރުގެ ކޮންމެ ބަޖެޓެއް ފާސްކުރާ އިރު ވިޔަފާރިވެރިންގެ ރައުޔު ހޯއްދަވާނެ ކަމަށެވެ.

ރާއްޖެ އަށް ލިބޭ އާމްދަނީ 10.5 ބިލިއަން ރުފިޔާގައި އޮވެގެން ކޮންމެ އަހަރަކު ޚަރަދުގެ ގޮތުގައި 15 ބިލިއަން ހޭދަނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ މުއްސަނދިން އިތުރުކޮށްގެން އިގްތިސޯދު ފުޅާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިގްތިސޯދު ފުޅާކުރާ އިރު ރާއްޖެ އަށް ވަންނަ ފައިސާގެ ބޮޑުބައި ހިފެހެއްޓުމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނަޑުމެންގެ ވެރިކަމެއްގައި އިގްތިސޯދު ފުޅާކުރާއިރު އަޅުގަނޑުމެންގެ އެންމެ މުހިންމު އަމާޒަކީ، ދިވެހި ރާއްޖެ އަށް ވަންނަ ފައިސާގެ ބޮޑުއަދަދެއް މިހާރު މިދަނީ، ކޮންމެ ރުފިޔާ އަކުން 80 ލާރި މިދަނީ ރާއްޖެ އިން ބޭރަށް. އެ ފައިސާގެ ބޮޑު އަދަދެއް ރާއްޖޭގައި ހިފެހައްޓަންޖެހޭ،" ހަސަން ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާގެ ފުރުސަތު ނުލިބިގެން ތައުލީމީ އެތަކެއް ޒުވާނުން ރާއްޖެ އިން ހިޖުރަކޮށްފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަން ހައްލުކުރުމުގެ ގޮތުން ތައުލީމީ ޒުވާނުންނަށް އެކަށީގެންވާ ވަރަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަށް އިޝާރާތް ކުރައްވައި ހަސަން ސައީދު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދޭ ނިޒާމަށް ފައިސާ ނުލިބިގެން އުޅޭއިރު ބަޖެޓުން އެކަމަށް ހޭދަކުރަނީ "ބާކީ އޮންނަ ލާރި ކޮޅު" ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިޔުމަށް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓުން އެކަމަށް ޚަރަދު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭނެ ކަމަށް ވެސް ގާސީމްގެ ރަނިންމޭޓް ހަސަން ސައީދު ވިދާޅުވި އެވެ.