19 Jul 2013, 22:05
ބަޣްދާދު (ޖުލައި 19): އީރާނުގެ ރައީސް މަޙްމޫދު އަޙްމަދީ ނެޖާދް ޢިރާޤަށް ވަޑައިގެން ޢިރާޤުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ އާއި ނައިބު ރައީސް ޚުޟައިރުލް ޚުޒާޢީ އާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނެޖާދު ވިދާޅުވީ އިރާޤާއި އީރާނާދެމެދު ވަނީ ޚާއްސަ ގުޅުންތަކެއް ކަމަށާ އެދެގައުމަކީ ވެސް ތާރީޚި ޙަޟާރާތްތަކެއްގެ ވެރި ދެގައުމު ކަމުގަ އެވެ. މިއީ އަންނަ އޮގަސްޓްމަހުގެ ފުރަތަމަ ހަފްތާގައި ނެޖާދުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޢިރާޤުގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ވަދާޢީ ދަތުރުފުޅެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ނެޖާދުގެ މިދަތުރުފުޅުގައި މިއަދުވަނީ ޝިޔަޢީންނަށް މަޛްހަބީ ގޮތުން މުހިއްމު ދެ ރަށްކަމަށްވާ އައްނަޖަފް އާއި ކަރްބަލާގައިވާ ޝިޔަޢީންގެ މަޒާރުތަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި އިއްޔެ ވަނީ އަލްކާ ޟިމިޔާގައިވާ ޝިޔަޢީންގެ ބައެއް މަޒާރުތަކަށް ވެސް ވަޑައިގެންފަ އެވެ. މާދަމާ ނެޖާދު ރައީސް ޖަލާލް އައްތަލަ ބާނީ އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނެޖާދުގެ މިދަތުރުފުޅުގައި ޢިރާޤާއި އީރާނާ ދެމެދު އިޤްތިސާދީ، ޢިލްމީ، ޓެކްނޮލޮޖީ އަދި ވިޔަފާރީގެ އެއްބަސްވުންތަކެއްގައި އެދެގައުމުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ ކަމަށް ޚަބަރުލިބެ އެވެ. ޢިރާޤު އަލުން ބިނާކޮށް އާރާސްތު ކުރުމުގެ މަސައްކަތުގައި އީރާނުގެ ކުންފުނިތަކުން އަދާކުރާ ދައުރަށް ޢިރާޤުގެ ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޢިރާޤަށް ފުރާވަޑައިގަތުމުގެ ތަންކޮޅެއް ކުރިން ދެއްވި ބަޔާނެއްގައި ނެޖާދުވަނީ އޭނާގެ ވެރިކަމުގެ ދެދައުރުގައި ވެސް އީރާނާއި ޢިރާޤުގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)