08 Nov 2010, 09:39
އަންނަ އަހަރު ބައެއް ޕްރައިމަރީ ސްކޫލްތަކުގައި ގްރޭޑް އަށަކަށް ކިޔަވައިދޭން ފަށާއިރު ސާނަވީ ސްކޫލްތަކުން ގްރޭޑް އެކަކަށް ކިޔަވައިދޭނެ އެވެ. މި ބޮޑު ފުރޮޅުން ތައުލީމީ ނިޒާމަށް އަންނާނެ ކަން މިހާރު މުޅިން ޔަގީނެވެ.
ޕްރައިމަރީ ސްކޫލަށް ގެންނަ ބަދަލާމެދު މާ ބޮޑު ހާސްކަމެއް ނެތް ނަމަވެސް، އެތައް އަހަރުތަކެއް ވަންދެން އެއްޖިންސްގެ ދަރިވަރުންނަށް ކިޔަވައިދެމުން އައި ސާނަވީ ސްކޫލްތައް ކަމުގައިވާ މަޖީދިއްޔާ އަދި އަމީނިއްޔާގެ އިތުރުން ހިރިޔާ އަދި ދަރުމަވަންތަ ސްކޫލްގައި އަންނަ އަހަރު ގްރޭޑް އެކެއް އުފައްދާ އިރު، އެ ސްކޫލްތައް އޮތީ އެކަމަށް ތައްޔާރަށްތޯ ކުރެވޭ ސުވާލު އަދިވެސް އޮތީ އެވެ. ސްކޫލްތަކުގެ ފެންވަރާއި ތައްޔަރީތަކާ މެދު ރައްޔިތުންގެ ޝަކުވާތަކާއި ޝައްކުތައް އަދި ވެސް ދަނީ ފުނިޖެހެމުންނެވެ.
މި ޝަކުވާތަކާ އެކު ސުވާލުތަކަށް އެ ސްކޫލްތަކުގެ ޕްރިންސިޕަލުން ދެއްވާ ޖަވާބު ވަރަށް ސާފެވެ؛ "އަޅުގަނޑުމެން މިކަމަކަށް އަލެއް ނުވާނެ. ފުރިހަމަ އަށް ތައްޔާރުވެގެން މިކަން ފަށާނީ" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ބޮޑު ހަތަރު ސާނަވީ ސްކޫލްގެ ޕްރިންސިޕަލުން "އެއް އަޑަކުން" ވިދާޅުވި އެވެ.
ގްރޭޑް އެކެއް އުފައްދާ ސާނަވީ ސްކޫލްތަކުން އެކަމަށް ތައްޔާރުވުމުގެ ގޮތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެޑިއުކޭޝަނުން ވަނީ 31 ޑިސެމްބަރުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޗެކް ލިސްޓެއް އެ ސްކޫލްތަކަށް ފޮނުވުވައިފަ އެވެ.
ހުރިހާ ޕްރިންސިޕަލުން ވެސް ވިދާޅުވީ، އެޑިއުކޭޝަނުން ބޭނުންވާ ގޮތަށް، އަދި ސްކޫލްތައް ވީ އެންމެ ރަނގަޅަކަށް އަންނަ އަހަރު، ގްރޭޑް އެކެއްގެ ކުދިންނާ އެކު އެ ސްކޫލްތައް ފަށާނެ ކަމަށެވެ. މީގެ މާނައަކީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ޕްރިންސްޕަލުންގެ "ޝެޑިއުލް ފުލް" ވެފައި އޮތީ އެ މަސައްކަތަށް ކަމަށް ވުމެވެ.
އިމާރާތް ބާވެ، މަރާމާތު ކުރަން ޖެހިފައިވުމުން ކުޑަކުދިން ކިޔަވަން ފޮނުވުމަށް އެންމެ ބޮޑު މައްސަލައެއް ޖެހުނު އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދު ވަނީ، އެ ސްކޫލްގައި ގްރޭޑް އެކަށް ކިޔަވައިދޭން ފަށާނީ އިމާރާތް މާރާމާތު ކުރުމަށް ފަހު ކަން ޔަގީންކޮށްދެއްވާފަ އެވެ. އަދި ބެލެނިވެރިން އެންމެ ބޮޑަށް ޝަކުވާކުރި އެއް މައްސަލައަކީ، ބޮޑެތި ކުދިންނާއި ކުޑަކުދިން އެއް ފާޚަނާއެއް ބޭނުންކުރުމާއި ވަދެނިކުމެ އުޅުމުގައި ދިމާވާނެ ދަތިތައް ކަމަށްވާތީ، އެ ސްކޫލް ގްރޭޑް އެކަކަށް 270 ކުދިން އަލަށް ވައްދާ އިރު، އެކަންކަމަށް ވެސް ހައްލު ހޯދާނެ ކަމަށް ވަފާ ވިދާޅުވި އެވެ.
"ކުދިންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ވެސް ތައްޔާރުވަމުން މިދަނީ. ވަރަށް ޚާއްސަކޮށް ފާހަގަކޮށްލަން ގްރޭޑް އެކެއްގެ ކުދިންނަށް ވަކި ފާޚާނާތައް ހުންނާނީ. އަންހެން ކުދިންނަށް ވަކިން. ފިރިހެންކުދިންނަށް ވަކިން، މުޅިން އަލަށް ތައްޔާރުކޮށްފައި. އަދި ހަމަ އެކުދިންނަށް ކްލާސްރޫމްތަށް ހަދާއިރު ތަށިމުށި ޖަހައި، ފައިވާން ބަހައްޓާނެ ތަނަކާ ލައިބްރަރީ ކޯނަރ ވެސް ހުންނާނެ" ވަފާ ވިދާޅުވި އެވެ.
ކްލާސްރޫމްތައް ޗައިލްޑް ފްރެންޑްލީ، "ބަރާބަރު ސްކޫލް" ކޮންސެޕްޓާ އެއްގޮތަށް ބަދަލުކުރަން އެހެން ސްކޫލްތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި، އަންނަ އަހަރު ގްރޭޑް އެކެއްގައި 150 ދަރިވަރުންނަށް ކިޔަވައިދޭ މަޖީދިއްޔާ ސްކޫލް އުޅެނީ ކުރީގަ އެވެ. ޕްރިންސިޕަލް އަބްދުﷲ އިސްމާއިލް ވިދާޅުވީ، ގްރޭޑް އެކެއްގެ ގެ ހުރިހާ ކުދިންނަށް ކިޔަވައިދޭނީ ޑިޖިޓިލްކޮށް ނުވަތަ ސްމާޓް ބޯޑު ބޭނުންކޮށްގެން ކަމަށެވެ. އަދި ކްލާސް ރޫމްތައް ވެސް ކުޑަކުދިންނާ ގުޅޭ މާހައުލަކަށް ބަދަލުކުރާނެ ކަމަށެވެ.
ނުވަދިހަ ދަރިވަރުންނަށް ޖާގަ ދޭ ދަރުމަވަންތަ ސްކޫލުން ވެސް ދަރިވަރުންނަށް "ފަހި މާހައުލެއް" ގާއިމްކުރުމަށް ކްލާސް ރޫމްތައް ބައްޓަންކުރާނެ ކަމަށާއި ރާއްޖޭގެ އެހެން ޕްރައިމަރީ ސްކޫލްތަކަށް ގޮސް ދިރާސާ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ހަމައާއެކު ހިރިޔާ ސްކޫލުން ވެސް މިވަގުތު ކުރަމުންދަނީ ކުޑަކުދިންނާ ރައްޓެހި ގޮތަކަށް ކްލާސްރޫމްތައް ބައްޓަން ކުރުމުގެ މަސައްކަތެވެ.
ސްކޫލްތަކުން ބުނަނީ، ގްރޭޑް އެކެއްގެ ކުދިންނާ ގުޅޭ އާ ޔުނީފޯމެއް ވެސް ތައްޔާރުކުކޮށް ކިޔަވައިދިނުމުގެ ވަގުތުތަކަށް ވެސް އަންނަ އަހަރު ބަދަލު އަންނާނެ ކަމަށެވެ.
ސްކޫލްތަކުން ބޮޑެތި ތައްޔާރީތަކެއްވަމުން އަންނައިރު ބެލެނިވެރިންގެ ޝަކުވާތައް މަދެއް ނުވެ އެވެ. ވަގުތުކުޑަތަންވެފައިވަނިކޮށް، ގެންނަން އުޅޭ ބޮޑު ބަދަލުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމާމެދު އެމީހުން އަދިވެސް ތިބީ "ވާނުވާ" ނޭނގިފައެވެ. އެހެންނަމަވެސް އެޑިއުކޭޝަނުން ބުނަނީ، "މިކަން ވާނެ" ކަމަށެވެ.
ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ފަށާނީ ހުރިހާ "ރިސޯސަސް" އެއް ކަށަވަރު ކުރުމަށްފަހު އެވެ. މި މަސައްކަތުގައި "ފެއިލް" ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެ އެވެ.
ބެލެނިވެރިންނާއި ސްކޫލް ބޯޑުތަކުގެ ކަންބޮޑުވުމާއި، އަދި ދެކޮޅުހެދުންތަކުގެ ތެރެއިން އެޑިއުކޭޝަނުން ގެންނަ ބޮޑު ބަދަލާއެކު އަންނަ އަހަރު ވެސް އެ މިނިސްޓްރީއަށް ލިބޭނީ "އޭ" ރިޕޯޓެއްތޯ ބަލަން ބޭނުންވާ ގިނަ ބަޔަކު އެބަތިއްބެވެ. އަދި ސްކޫލް މެނޭޖްމަންޓުން ބޮޑު ޗުއްޓީގައި ވަމުންމިދާ ތައްޔާރީތަކުގެ އަޖުމަ ބަލަން ވެސް ބައެއް އެމީހުން ތިބީ ތައްޔާރަށެވެ. ނަމަވެސް، މަސްހުނި ޚިޔާލުތަކެއްގެ ތެރެއިން ތައުލީމީ ނިޒާމަށް ގެނެވޭ މި ބަދަލުތަކުން ނިކުންނާނެ ނަތީޖާ އަށް ބަލަން ތިބުން ނޫން ގޮތެއް ނެތެވެ.