19 Jul 2013, 21:15
ލ. ގަން ތުނޑި ވުޑްލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފަ އެވެ.
ނިޒާރު މަރާލި މައްސަލައިގެ ތުހުމަތުގައި އެންމެ ފުރަތަމަ މީހަކު ހައްޔަރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު ހައްޔަރު ކޮށްފައި ވަނީ 21 އަހަރުގެ ޒުވާނެކެވެ. އޭގެފަހުން ދެވަނަ މީހެއްގެ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވަނީ 22 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
އެ އެންމެންގެ ބަންދުގެ މުއްދަތު ގަން މެޖިސްޓްރޭޓް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ނިޒާރަށް ހަމަލާދީފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުގައި ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އޭނާ އަށް ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި ހާދިސާ ހިނގިތަނުން ޖާޒީބައެއް ފެނިފައިވާ ކަމަށެވެ.