19 Jul 2013, 19:53
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓް ތަންސީމްގެ ގިނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ސުޕްރީމް ކޯޓުން އޭނާ އަށް އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
"މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން އަޅުގަނޑަށް ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް. އެ ލިޔުމުގައިވާ ގޮތުން ސުޕްރީމް ކޯޓުން އެ ނިންމުން ނިންމާފައި ވަނީ އާދީއްތަ ދުވަހު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން އޭނާ އަށް ފޮނުވި ލިޔުމުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް އަށް ތަސްމީން 1.9 މިލިއަން ރުފިޔާ ދައްކަވަންޖެހޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް ތަސްމީންގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑަށް ސުޕްރީމް ކޯޓުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އަހްމަދު ނާޒިމް އަށް ތަސްމީން 1.9 މިލިއަން ރުފިޔާ ދައްކަވަންޖެހޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމް އިސްތިއުނަފު ކުރުމަށް ތަސްމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާކަމަށް. އެހެންވެގެން ކަމަށް އަޅުގަނޑު ހުށަހެޅި މައްސަލަ ބެލެންނެތީ،" މުސްތަފާ ވިދާޅުވި އެވެ.
ނާޒިމް އަށް ތަސްމީން ދައްކަވަންޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާ 1.9 މިލިއަން ރުފިޔާ އޭނާ ވަނީ ސިވިލް ކޯޓު މެދުވެރިކޮށް ދައްކަވާފަ އެވެ. އެ ފައިސާ ދެއްކެވިނަމަވެސް އެއީ ގާނޫނީ ދަރަންޏެއް ނޫންކަމަށް ތަސްމީން ވަނީ ވިދާޅުވެފަ އެވެ.
ތަސްމީން ވިދާޅުވެފައި ވަނީ ނާޒިމަށް ފައިސާ އެއްފަހަރާ ދެއްކެވީ ކޯޓުން ކުރި ހުކުމްގެ ނާޖާއިޒް ފައިދާ ނަންގަވައި ގާނޫނީ ގޮތުންނާއި ސިޔާސީގޮތުން ނާޒިމް އޭނާ އަށް ފިއްތުންތައް ކުރިމަތިކުރުވަމުން ގެންދަވާތީ ކަމަށެވެ.
ނާޒިމާއި ދެ ބޭފުޅުންނަކީ މަދުރަސީ ދައުރުއްސުރެ ދެ ރަހްމަތްތެރިން ކަމަށް ވާތީ ފައިސާގެ އެ މުއާމަލާތް ކޮށްފައި ވަނީ ލިޔެކިޔުމަކާ ނުލައި ކަމަށް ވެސް ތަސްމީނު ވަނީ ވިދަޅުވެފަ އެވެ.
ތަސްމީން ވިދާޅުވެފައި ވަނީ ނާޒިމްގެ ފަރާތުން ދަރަންޏަށް ފައިސާ ނަންގަވާފައި ވަނީ ސިޔާސީ މައިދާނުގައި އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާގެ ތެރެއިން ދިމާވި އެކިއެކި މާލީ ދަތިތައް ފިލުވުމަށް ކަމަށެވެ. މިއަދު ދެ ބޭފުޅުންގެ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ނާޒިމް ނާޖާއިޒް ފައިދާއެއް ނަންގަވަމުންގެންދަވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ތަސްމީން ވަނީ ވިދާޅުވެފަ އެވެ.