19 Jul 2013, 17:28
ކާބޯވެޓަރަންސް ކަޕްގައި އިއްޔެ ހަވީރު ތޮއްޑޫ މުހައްމަދު ނިޒާމް ޖަހައިދިން ދެ ލަނޑާއެކު ބީޖީ ސްޕޯޓްސް އަތުން ފަސޭހަކަމާއެކު 3-0ން ނިއުރޭޑިއަންޓް ސްޕޯޓްސް މޮޅުވެއްޖެ އެވެ.
މެޗުގެ 28 ވަނަ މިނިޓުގައި ނިއުއަށް ކުރި ހޯދައިދިނީ އިބްރާހީމް ހަލީމް އެވެ. އަދި މެޗުގެ 48 ވަނަ މިނިޓާއި 63 ވަނަ މިނިޓުގައި ނިއުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫއެވެ.
މުބާރާތުގައި ވާދަކުރާ ހަ ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ހޮވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ ތާވަލަށް ބަލާއިރު، ނުވަ ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތީ ކްލަބް އީގަލްސް އެވެ. ހަތް ޕޮއިންޓާއެކު ނިއުއަށް ދެވަނަ ލިބޭއިރު ހަތަރު ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އޭވައިއެލް އެވެ. އަދި ތިން ޕޮއިންޓާއެކު ދިވެހި ސިފައިންގެ ކްލަބް (ޑިއެސްސީ)އޮތީ ހަތަރު ވަނައިގަ އެވެ.
މުބާރާތުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާހަވީރު އެވެ. އެ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ޑީއެސްސީ އެވެ.