19 Jul 2013, 17:11
ޅ. މަދިރި ގުރައިދޫގައި ހިންގަމުން އަންނަ ޕާމް ބީޗް އައިލެންޑް ރިސޯޓް އެންޑް ސްޕާ ހިންގުމަށް ޓަކައި ވެފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ސަން ސްޕޯޓިން ހޮލިޑޭސް ލިމިޓެޑްއާ އެކު ވެފައިވާ އެއްބަސްވުން އިއްޔެ އުވާލައިފި އެވެ.
ޕާމް ބީޗްގެ ވެރިޔާ، އިބްރާހީމް އަލިމަނިކު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ، އޮކްޓޫބަރު 14، 1999 ވަނަ އަހަރު އޭނާއާ ސަން ސްޕޯޓިން ހޮލިޑޭސްއާ ދެމެދު ޕާމް ބީޗް އައިލެންޑް ރިޒޯޓް އެންޑް ސްޕާ ހިންގުމަށްޓަކައި އެއްބަސްވުމެއް ގާއިމް ކުރެވުނު ކަމަށާއި އެހެން ނަމަވެސް ސަން ސްޕޯޓިން ހޮލިޑޭސްއިން އެ އެއްބަސްވުމާ ހިލާފުވެފައި ވާތީ އިއްޔެ އިން ފެށިގެން އެއްބަސްވުން އުވާލާފައިވާ ކަމަށެވެ.
"14 އޮކްޓޫބަރު 1999 ވަނަ އަހަރު ސޮއިކުރެވުނު ސަބްލީޒް އެގްރީމެންޓްގެ 21 ވަނަ މާއްދާގެ (ހ)އާއި އެމާއްދާގެ (ށ) އަދި 31 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައި،" އެ ނޫސް ބަޔާނުގައިވެ އެވެ. "ހަމަ އެހެންމެ މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާއިން މިއަދުވަނީ، ބައެއް ގާނޫނުތަކާއި ހިލާފް ވުމުގެ ސަބަބުން ކުރިން އެ ރިޒޯޓް ހިންގުމަށް ހަވާލުކުރެވިފައިވާ ސަން ސްޕޯޓިން ހޮލިޑޭސް ލިމިޓެޑަށް ދޫކޮށްފައިވާ އޮޕްރޭޓިން ލައިސަންސްވެސް ބާތިލް ކޮށްފައި. އެހެން ކަމުން މިއަދުން ފެށިގެން ޕާމް ބީޗް އައިލެންޑް ރިޒޯޓް އެންޑް ސްޕާގެ ހިންގުމުގެ އެއްވެސް ކަމެއްގައި ކުރީގެ މެނޭޖްމަންޓުގެ ހިއްސާއެއް ނޯންނާނެ،"
އިބްރާހީމް އަލިމަނިކު ނެރުއްވި ނޫސް ބަޔާނެއްގައި އިތުރަށް ބުނެފައި ވަނީ މިއަދުން ފެށިގެން އެ ރިސޯޓް ހިންގުމުގެ ހުރިހާ ޒިންމާއެއް ނަގާނީ އާ މެނޭޖްމަންޓުން ކަމަށާއި އަދި އެކަމުގެ ސަބަބުން މިހާރު އެ ރިޒޯޓުގައި ތިބި ފަތުރުވެރިންނާއި އެތަނަށް އައުމަށް މިހާރު ވެސް ބުކިން ހަދާފައިވާ ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި ކުރިން ވެސް ލިބެމުންދިޔަ ހިދުމަތްތައް މެދު ކެނޑުމެއް ނެތި ފޯރުކޮށްދެވޭނެ ކަމަށެވެ.
އަދި ހަމަ އެއާއި އެކު ޖުލައި 18، 2013އާ ހަމައަށް ސަން ސްޕޯޓިން ހޮލިޑޭސްއިން ޕާމް ބީޗްގެ ހިންގިއިރު އެހެން ފަރާތަކަށް ދައްކަންޖެހޭ އެއްވެސް ދަރަންޏެއް އަދި ލިބިފައިވާ ގެއްލުމެއްގެ ޒިންމާ ވެސް އާ މެނޭޖްމަންޓުން ނަގަން ނުޖެހޭނެ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.